ޚަބަރު

ކޯވިޑް-19 : ފުރަބަންދުގައި އޮއްވާ "ޓްރޫ ޕީކް" އަށް ދިއުމަކީ ނާދިރުކަމެއް : ޑރ.އަފްޒަލް


ފުރަބަންދުގައި އޮންނަ ހިނދެއްގައި ކޯވިޑް-19 އިންތިހާއަށް ފެތުރުމުގެ ފުރުޞަތު ވަރަށް ކުޑަކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ. ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޯވިޑް-19އާ ގުޅިގެން އުފައްދާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު (ޓެގް)ގައި ހިމެނިވަޑައިގަންވާ ޑޮކްޓަރ ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ، ފުރަބަންދުގައި އޮންނަ ވަގުތުގައި "ޓްރޫ ޕީކް"އެއް ނުވަތަ އޭގެ ޒާތުގައި އިންތިހާއަށް ބަލި ފެތުރުމަކީ ވަރަށް ނާދިރުކަމެއްކަމަށެވެ.

ޑޮކްޓަރ މިހެން ވިދާޅުވީ މިމަހުގެ ފަހުކޮޅު ރާއްޖޭގައި ކޯވިޑް-19ގެ ބަލިމަޑުކަން ޕީކަށް ނުވަތަ އެންމެ މައްޗަށް އަރައިގެންގޮސް ހަހާށްވުރެ މައްޗަށް ޕޮޒިޓިވް ކޭސްތައް އަރައިފާނެކަމަށް ލަފާކޮށްފައިވުމުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ކޯވިޑް-19 ގެ އެންމެ ބޮޑު ޕީކެއް އަންނާނީ ފުރަބަންދުން ބޭރުންކަމަށް ޑޮކްޓަރ ލަފާކުރައްވައެވެ. ނަމަވެސް ކުއްލިއަކަށް ބިދޭސީން ވަރަށް ގިނަ ޢަދަދަކަށް އުޅޭތަނަކުން ނުވަތަ ކުންފުންޏަކުން ޕޮޒިޓިވް ކޭސްތަކެއް ފެނިއްޖެނަމަ ޕީކަށް ގޮސްދާނެކަމަށާ، ފުރަބަންދުގައި އޮތުމުން ބަލިހާލަތު ޕީކަށް ދިމުގެ ފުރުޞަތު ކުޑަކުރެވޭނެކަމަށްވެސް ޑޮކްޓަރ ލަފާކުރައްވައެވެ.

"ލޮކްޑައުންތެރޭގައި ޓްރޫ ޕީކެއް ފެނުމުގެ ފުރުޞަތު ވަރަށް ކުޑަވާނެ. ނަމަވެސް އަޅުގަނޑުމެން ގިނަ ކޭސްތަކޭ މިކިޔަނީ މިހާރު ބަލަމުންދާ ކްލަސްޓާސްތަކުގެ ތެރެއިން ކުއްލިއަކަށް ބިދޭސީންގެ ވަރަށް ގިނަބަޔަކު އުޅޭ ނޫނިއްޔާ އެއްތަނެއްގަ އުޅޭ ކައިރިކައިރިި އެއްހިސާބެއްގައި އުޅޭ ބައިވަރު ކޭސްތަކެއްފެނި ނޫނީ އެފަދަ ކޮމްޕެނީ ބައިވަރު މީހުން އުޅޭ މުއައްސަސާއަކުން ފެނި އެފަދަ ސިނާރިއޯއެއްގެ ވާހަކަ. ޓްރޫ ޕީކޭ މިކިޔާ ޕީކް ހަޤީޤަތުގައި މިއިންނަނީ ލޮކްޑައުން ބޭރުގަ އިންނަ ޕީކެއް އެއީ. މާނައަކީ ލޮކްޑައުން ހުޅުވާލުމަށްފަހު އެ ފެތުރިގެންދާ ދިއުމުގައި އެ އަންނަނީ ނެޗުރަލް ޑިސީސްޑް ޕީކަކީ. ނަމަވެސް ލޮކްޑައުން ޕީރިއަޑްގައި ގިނަ ފަހަރު އަންނާނީ ކުއްލިއަކަށް ދިމާވި އަންކެސްޕެކްޓެޑް ނޫނީ ބަލަމުންދާއިރު އެއްތާކުން ބައްދަލުވެ އަންނަކަހަލަ ޕީކެއް." ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވިއެވެ.

ރާއްޖެއަކީ ކޯވިޑް-19އިން ރައްކާތެރިވުމަށް ދުރާލައި ފިޔަވަޅުއެޅި ޤައުމެކެވެ. އެހެންކަމުން ރާއްޖޭގައި މިބަލި މުޖުތަމަޢުގެތެރޭގައި ފެތުރިގެންދިއުން ނުވަތަ ޕީކް ވަރަށް ބޮޑަށް ލަސްކުރެވިފައިވާކަމަށް ސަރުކާރުން ދެކެވަޑައިގަންނަވައެވެ. ޕީކް ލަސްކުރެވިފައިވަނީ މާލެ ފުރަބަންދުކޮށް އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ ބަޔަކު ތަބާވުމުގެ ނަތީޖާކަމަށް އެންއީއޯސީން ވިދާޅުވެއެވެ.

ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ރާއްޖޭގައި ބަލި ފެތުރޭ ޢަދަދު އިތުރުވެދާނެކަމަށް ސަރުކާރުން ވަނީ ލަފާކުރައްވާފައެވެ. ރާއްޖެއިން މިހާރު ފެންނަމުންދާ ގިނަ ޕޮޒިޓިވް ކޭސްތަކަކީ ކޮންޓްރެކްޓް ޓްރޭސިންގެ ތެރެއިން ފެންނަ ކޭސްތަކެއްކަމަށްވެސް އެންއީއޯސީން ވިދާޅުވެއެވެ. އަދި މިހާރު ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ދިމާވާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް މަދުވެފައިވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ.