ޚަބަރު

ކޯވިޑް-19 : ވަޒީފާ ގެއްލުނު މީހުންނަށް، ފެށޭ ހަފްތާގައި ފައިސާ ދޫކުރަން ފަށަނީ


ވަޒީފާ ގެއްލިގެން، ޖޮބްސެންޓަރުގައި ރަޖިސްޓްރީކުރި މީހުންނަށް އަންނަ ހަފްތާ ފެށޭއިރު ފައިސާ ދޫކުރަން ފަށާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ. ކޯވިޑް-19އާއި ގުޅިގެން ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5000 ރުފިޔާގެ އެލަވަންސްއެއް ދިނުމަށް އޭޕްރީލްމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސަރުކާރުންވަނީ ނިންމަވާފައެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވީ، ވަޒީފާ ގެއްލޭ މީހުންނަށް އެލަވަންސް ދިނުމުގެ އުސޫލެއް މިހާރު ޤާއިމްކުރެވިފައިވާކަމަށާއި، މިހާތަނަށް އެލަވަންސް ދޫކުރުން ލަސްވީ ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ހުރުމުގެ ސަބަބުންކަމަށެވެ. މި އެލަންވަސް ދޫކުރަން ފަށާނީ ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ކުރުމަށްފަހު ކަމަށާ، ބަންޑާރަ ނާއިބުގެ ލަފައަކަށް މިހާރު އެދިފައިވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިބަލަނީ އަންނަ ހަފްތާގައި އާދީއްތަ، ހޯމަ ހިސާބުގައި ޑިސްޕާސްކުރަން ފެށޭނެވަރު ވާނެކަމަށް. އެއުސޫލުގެ ތެރޭގައި ހިމެނިގެންދާނެ، ސެލްފް އެމްޕްލޮއިޑް ފަރާތްތަކުންވެސް އެބޭފުޅުންގެ އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކުން މި ގްރާންޓް ސްކީމަށް އެޕްލައިކުރުމުގައި ބަލަނެ ޝަރުޠުތައް. އެ ޝަރުޠުތައް ކަނޑައެޅުމުގައި އަޅުގަނޑުމެންނަށް ސެލްފް އެމްޕްލޮއިޑް ފަރާތްތައް ހިމެނުމުގައި ދަތިތަކެއް ކުރިމަތިވެފައޮތީ." މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެންމެ އިސްކަންދޭނީ ފުރަބަންދާއި ބޯޑަރު ބަންދުކުރުމުގެ ސަބަބުން މުސާރައަށް އެންމެބޮޑު އަސަރެއްކޮށްފައިވާ މީހުންކަމަށެވެ. މިހާތަނަށް އާމްދަނިއަށް އަސަރުކޮށްގެން ޖޮބް ސެންޓަރަށް 2291 މީހަކު އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އޭގެތެރޭގައި ހިމެނެނީ ނޯޕޭ ލީވް ނުވަތަ އެއްވެސް އުޖޫރައެއް ނުލިބޭ 639 މިހަކާއި، ވަޒީފާއިން ވަކިކުރި 571 މީހަކާއި، މުސާރަ ކުޑަކޮށްގެން 385 މީހަކާއި، ވަޒީފާ ސަސްޕެންޑްކޮށްގެން 162 މީހަކާއި، ސެލްފު އެމްޕްލޮއީޑް ނުވަތަ އަމިއްލަ މަސައްކަތްކުރާ މީހުންގެ ޢާމްދަނީއަށް އަސަރުކޮށްގެން 280 މީހަކު ރަޖިސްޓްރީ ކޮށްފައިވާކަމަށެވެ.

"އީ-ފާސް އައިޑީކާޑް ސިސްޓަމެކޭ އަޅުގަނޑު ދަންނަވަނީ. ފޯމް ހުށަހެޅުމަށް ދަތިތަކެއް ހުރީމަ އަޅުގަނޑުމެން ދުވަސްކޮޅެއް ކުރިން ޕީޑީއެފް ފޯމް ޑައުންލޯޑްކޮށްފައި އީމެއިލްކުރީމަ ޕްރޮސެސްކުރާނެ. ހަމަ އޭގަވެސް އިތުރު ދަތިތަކެއް ހުރީމަ އަޅުގަނޑުމެން މަސައްކަތްކުރާ ދުވަސްތަކުގެ އެގާރައިން ތިނަކަށް ކޯލް ސެންޓަރ ވާނީ ޚާއްޞާކޮށްފައި. ދުވާލަކު 150 އެއްހައި ކޯލް ލިބޭ. ގިނަ ކޯލްތަކަކީ އެޕްލައިކޮށްފައިވާ ބޭފުޅުން ކިހާ ހިސާބެއްގަތޯ ބެލުމަށް އަނެއްބައި ބޭފުޅުންނަކީ ފޯމް ހުށައެޅުމަށް އިތުރު މަޢުލޫމާތު ހޯދަން ގުޅާ ފަރަތްތަކެއް." މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

ޢިނާޔަތް ދޫކުރާނެ އުސޫލު އާންމުކުރުމުން ޖޮބް ސެންޓަރަށް ހުށަހެޅޭ އެޕްލިކޭޝަންގެ ޢަދަދު އިތުރުވާނެކަމަށް ބެލެވޭކަމަށާއި، މިހާތަނަށް ގިނަ އެޕްލިކޭޝަންތަަކީ ކަށަވަރުކުރަންޖެހޭ ކަންކަން ނިމިފައިވާ އެޕްލިކޭޝަންތަކެއްކަމަށްވެސް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ފުރަބަންދުގެ ދުވަސްތަކުގައި ބައެއް ފޯމްތަކުގެ މަޢުލޫމާތު ކަށަވަރުކުރުމަށް ވަރަށް ދަތިތަކާ ކުރިމަތިވަމުން އަންނަކަމަށެވެ.

ވަޒީފާދޭ ބައެއް ފަރަތްތަކުން ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ނުދިނުމުގެ ސަބަބުން ބައެއް މީހުން ވަޒީފައިން ވަކިކުރިކަމުގެ ލިޔުން ހުށައަޅާފައިނުވާތީ ވަޒީފާ ގެއްލުނުކަން ކަށަވަރުކުރުމަށް ވަރަށް ދަތިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް އެކަން ސާބިތުކޮށް ވީހާވެސް ގިނަބަޔަކަށް ފައިސާ ދޫކުރުމަށް މަސައްކަތްކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.