ޚަބަރު

ކޯވިޑް-19 : މެއި 15އިން 31އަށް "ޕީކް"، 77،000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިދާނެ


ކޯވިޑް-19ގެ ބަލިމަޑުކަމުގެ ޙާލަތުގެ ނުރައްކާ ކުޑަނުކުރެވިއްޖެނަމަ 77000އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިދާނެކަމަށް ރާއްޖޭގައި މިބަލީގެ ޙާލަތާބެހޭގޮތުން ހެދި އަންދާޒާ ރިޕޯޓުން ދައްކައިފިއެވެ. ރާއްޖޭގައި އެންމެ ނުރައްކާތެރި ޙާލަތަކަށް ދާނެކަމަށް ލަފާކުރެވެނީ މިމަހުގެ މަހުގެ 15އިން 31އަށެވެ.

ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު، އަދި މިހާރު ކޯވިޑް-19އާ ގުޅިގެން އުފައްދާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕާއެކު މަސައްކަތްކުރައްވާ ޑރ.ޝީނާ މޫސާ ވަނީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ޙާލަތު ބަދަލުވެގެންދާނެގޮތުގެ އަންދަޒާ މަޢުލޫމާތުތަކެއް ހާމަކުރައްވާފައެވެ.

ޑރ.ޝީނާ ވިދާޅުވިގޮތުގައި ރާއްޖޭގައި ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ފެންނަމުންދަނީ ދެވައްތަރެއްގެ ގްރޫޕަކުންނެވެ. އެއް ގްރޫޕަކީ އެއްތަނެއގަައި އުޅޭ އުޅުމުން ބަލި ހަލުވިކޮށް ފެތުރޭ ގްރޫޕެވެ. އެމީހުންގެ ތެރޭގައި ބަލިޖެހޭ މީހުންނާ ސީދާ ދިމާވާ މީހުންވެސް ގިނައެވެ. މީގެތެރޭގައި ބަލިޖެހޭ މީހުންނާ ސީދާ ދިމާވެފައިވާނެ 40 މީހުން އެވްރެޖުކޮށް ހިމެނޭކަމަށް ޑރ.ޝީނާ ވިދާޅުވިއެވެ. ދެވަނަ ގްރޫޕަކީ ގޭބިސީތަކުގެތެރެއެވެ. ގޭބީސީތަކުން ބަލިޖެހޭ މީހުންނާ ސީދާ ދިމާވަމުންދަނީ އެވްރެޖުކޮށް 8 މީހުންނެވެ.

ޑޮކްޓަރ ޝީނާ ވިދާޅުވީ ރާއްޖޭގައި ކޯވިޑް-19އަށް ޓެސްޓުކުރެވޭ ނިސްބަތް ވަރަށް މަދުކަމަށެވެ. މިހާރު ޓެސްޓް ކުރަނީ ހަމައެކަނި ހިރާސް ބޮޑު މީހުން އެކަނިކަން ޑރ.ޝީނާ ފާހަގަކުރެއްވިއެވެ. ރާއްޖެގައި ޓެސްކުރެވޭ ނިސްބަތް އިތުރުކުރެވިއްޖެނަމަ ދުވާލަކަށް މިބަލިޖެހޭ މީހުންގެ ޢަދަދު 300އަށް އަރާނެކަމަށްވެސް ޑރ.ޝީނާ ލަފާކުރައްވައެވެ.

"ވަރަށް މަދޭ އަޅުގަނޑުމެންނަށް ޓެސްތްކުރެވޭލެއް. އެކްޗުއަލީ މއިަދު ސެވަންތު މެއި ބަލާއިރު އަޅުގަނޑުމެންގެތެރޭގައި އަސްލު ފެންނަންޖެހޭނީ 300އެއްހައި ވަރުގެ އިންފެކްޝަންސް. ޓެސްޓްކުރެވޭ ނިސްބަތާއި، ކުރެވޭ ގްރޫޕްސްތަކަށްބަލާއިރު ތެސްޓިންގެ ޕޮޒިޓިވިޓީރޭޓް ވަރަށް ދަށް. މިއާއެކު އަޅުގަނޑުމެންގެ އަތުގައިހުރި ރިސޯސްއަށްބަލާފަ ޓެސްޓިން ޕްރޮސީޖާ ބަދަލުކުރަންޖެހޭ." ޑރ.ޝީނާ ވިދާޅުވިއެވެ.

މިހާރު އެކިއެކި ޚިދުމަތް ދިނުމުގެ ކަންކަމުގައި އުޅޭ މީހުންގެ ފަރާތުން ގޭބީސީތަކަށް ބަލި ވަންނަމުންދާކަމަށާ، މިމަހުގެ ތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތަަކަށް އިތުރަށް ސަމާލުކަން ނުދީފިނަމަ ދިވެހިންގެ ތެރެއަށް ބަލިފެތުރުމުގެ ފުރުޞަތު ބޮޑުވާނެކަމަށްވެސް ޑރ.ޝީނާ ވިދާޅުވިއެވެ. ބަލީގެ ޙާލަތު އިންތިހާއަށް ނުރައްކާވާނެކަމަށް ލަފާކުރެވޭ ދުވަސްވަރަކީ މިރޯދަމަހާއި، ޢީދުގެ ދުވަސްތައްކަމަށާ، އެއީ ވަރަށްބޮޑަށް ސަމާލުކަންދޭންޖެހޭ ދުވަސްވަރެއްކަމަށްވެސް ޑރ.ޝީނާ ވިދާޅުވިއެވެ. އެހެންކަމުން ވިޔަފާރިކުރުމާއި އެނޫންވެސް ގިނަ މީހުން ނުކުންނަ ކަންކަމުގައި ވަރަށް ބަލައިގެން އުޅެފިނަމަ ދަށްކުރެވިދާނެކަމަށާ، އޭގެ ސަބަބަބުން ގޭބީސީތަކަށް ބަލި ފެތުރޭ ނިސްބަތްވެސް މަދުކުރެވިދާނެކަމަށް ޑރ.ޝީނާ ލަފާކުރައްވައެވެ.

ޑރ.ޝީނާ ވިދާޅުވީ ރާއްޖެގައި މިބަލި އެންމެ ބޮޑަށް ފެތުރޭނެކމަށް ލަފާކުރެވެނީ މިމަހުގެ 15އިން 31އަށްކަމަށާ، އެ\މުއްދަތުގައި 6804 މީހުންނަށް ބަލިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ހޮސްޕިޓަލުގައި 281 މީހަކަށް ފަރުވާދީ އައިސީޔޫގައި 101 މީހަކަށް ފަރުވާދޭންޖެހޭނކަމަށްވެސް ޑރ.ޝީނާ ވަނީ ލަފާކުރައްވާފައެވެ. އެހެންކަމުން މިމަހުގެ ކުރިއަށްއޮތް ދުވަސްތަކުގައި ގައިދުރުކަން ބެހެއްޓުމާއި، ސާފުތަހިރުކަމަށް އިސްކަންދިނުން ވަރަށް މުހިންމުކަމަށެވެ.

މި ބަލިމަޑުކަމުގައި ރާއްޖެއިން 77،000 އެއްހައި މީހުންނަށް ބަލި ޖެހޭނެކަމަށް ޑރ.ޝީނާ ލަފާކުރައްވައެވެ. ހޮސްޕިޓަލުގައި 13500 އެއްހައި މީހުންނަށް ފަރުވާދޭނެކަމަށް ލަފަކުރައްވާފައިވާއިރު އައިސީޔޫގައި 5805 މީހަކަށް ފަރުވާދޭނެކަމަށްވެސް ޑޮކްޓަރ ޝީނާގެ އަންދާޒާއިން ދައްކައެވެ. ކޯވިޑް-19ގެ މިބަލިމަޑުކަމުގައި ރާއްޖެއިން މަރުވާނެކަމަށް ކުރިން ލަފާކުރީ 2000 މީހުންކަމަށާ، ނަމަވެސް މިހާރުގެ އަންދާޒާއަކީ މި ބަލީގައި ރާއްޖެިއން މަރުވާނީ 100 މީހުންކަމަށް ވެސް ޑރ.ޝީނާ ވިދާޅުވިއެވެ.

" ޖުލައި، އޮގަސްޓްގައި ވެސް މިބަލި ސަވަޔަލެންސްކުރެވެން ވާނެ. އިންފުލުއެންޒާ ގޮތަށް އަންނަމުންދާނީ. އެހެންވީމަ އަޅުގަނޑުމެންގެ ސަރވަޔަލެންސް ސިސްޓަމް ވެސް އެގޮތަށް ރާވަމުން ގެންދަންވާނީ." ޑރ.ޝީނާ ވިދާޅުވިއެވެ.

އަދިވެސް ރާއްޖޭގައި އެންމެ އެދެވޭ މިންވަރަށް ގައިދުރުކަމަށް އިސްކަން ނުދެވޭކަން ފާހަގަކުރައްވައި ޑރ.ޝީނާ ވިދާޅުވީ މިމަހުގެތެރޭގައި ގައިދުރުކަން ބެހެއްޓުމަކީ އެންމެ މުހިންމު ކަންތައްތަކެއްކަމަށެވެ. އަދި ޒަރޫރީ ބޭނުމުގައި، ފާސް ހިފައިގެން ބޭރަށްނުކުމެ ގެއަށްވަންނަ މީހުންވެސް މިދުވަސްވަރު ވަރަށް ބޮޑަށް ސަމާލުވުމަށް ޑރ.ޝީނާ އެދިވަޑައިގަތެވެ. ރާއްޖޭގައި ކޯވިޑް-19އަށް ގިނަ ޢަދަދަކަށް ޓެސްޓު ނުކުރެވުމަކީ ކަންބޮޑުވުމެއްކަމަށާ، އެއީ ވަރަށްބޮޑު ރިސްކެއްކަމަށްވެސް ޑރ.ވިދާޅުވިއެވެ. ރާއްޖޭގައި ޓެސްޓްކުރެވޭ ނިސްބަތް މަދުވުމުން ބަލިޖެހޭ މީހުންގެ ޢަދަދު މަދުކަމަށް ދައްކަނީކަމަށްވެސް ޑރ.ޝީނާ ވިދާޅުވިއެވެ.