ޚަބަރު

ކޯވިޑް-19 : އިތުރު 22 މީހަކު ޕޮޒިޓިވްވެއްޖެ


އިތުރު 22 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޢަދަދު 766 އަށް އިތުރުވެއްޖެއެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އޭގެތެރޭގައި ހިމެނެނީ 16 ދިވެހިންނާއި، ބަންގްލަދޭޝްގެ 4 މީހުންނާއި، އިންޑިއާ އަދި ނޭޕާލް މީހެކެވެ.

މިއާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު ވަނީ 254 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. އެގޮތުން އެ ޤައުމުގެ 420 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި އިންޑިއާގެ 61 މީހަކާއި، ނޭޕާލްގެ 8 މީހަކުވަނީ މިހާތަނަށް ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވެފައެވެ. ރާއްޖެއިން އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި 7 މަހާއި 2 އަހަރުގެ ތުއްތުކުއްޖަކުވެސް ހިމެނެވެ. މިހާރު ބަލިޖެހޭ މީހުންގެ ތެރޭގައި ކުޑަކުދިންވެސް އިތުރުވަމުން އަންނަކަން އެޗްޕީއޭގެ ޑޭޝްބޯޑުގެ ޑޭޓާތަކުން ދައްކައެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުން ލަފާކުރައްވާގޮތުގައި ރާއްޖޭގައި މިބަލި އެންމެ ބޮޑަށް ފެތުރިގެންދާނީ މިމަހުގެ 15 އިން 31 އާއި ދެމެދުއެވެ.

ރާއްޖޭގައިމިހާރު މިބަލި ގޭބީސީތަކަށް ފެތުރިފައިވާކަންވެސް ޑޮކްޓަރުންގެ ޓީމުން ފާހަގަކުރައްވައެވެ. އެހެންކަމުން ރާއްޖޭގައި މިހާރު އަޅަފައިވާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުކަން ދިނުމަށް ޑޮކްޓަރުން އިލްތިމާސްކުރައްވައެވެ. ޚައްޞަކޮށް ޑެލިވަރީއާއި އެނޫންވެސް ޚިދުމަތްތައް ލިބިގަންނައިރު އެކަމަށް ސަމާލުވުމަށާއި، ގިނަގިނައިން އަތޮދޮވުމަށް އިލްތިމާސްކުރައްވައެވެ.