ޚަބަރު

ކޯވިޑް-19 : ފުރަބަންދުގެ ފިޔަވަޅުތައް ހަރުކަށި ކުރަން އަދި ނުނިންމާ


ފުރަބަންދުގައި އިތުރު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިނުވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މާލޭގައި ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާކަމަށްބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ފިޔަވަޅުތައް އަޅަމުންދަނީ ރާއްޖޭގައި ބަލި ފެތުރޭ މިންވަރާއި، އަދި ބަލި ފެތުރެމުންދާ ނިސްބަތަށް ބަލައި ހެދޭ ދިރާސާތަކަށްފަހުގައިކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ދުވަސްތަކަކީ ކޯވިޑް-19 އާއި ގުޅިގެން އެންމެ އުދަނގޫ ދުވަސްތައްކަމަށް ލަފާކުރެވޭއިރު މިހާރު މާލެ ސަރައްހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަކީ ފުރަބަންދުގައި ތިބުމަށް އެކަށީގެންވާ ފިޔަވަޅުތަކެއްކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން އަދި ނުގެންގުޅުއްވާކަމަށާ އެފަދަ މަޝްވަރާއެއްވެސް ކަމާއިބެހޭ އެއްވެސް ކޮމިޓީއެއްގައި ކޮށްފައި ނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މާލޭގެ ލޮކްޑައުން އިތުރަށް ހަރުކަށި ކުރުމުގެ މަޝްވަރާއެއް ނުކުރެވޭ. ގޭން ނުނިކުމެވޭ ގޮތްހަދައި ޑެލިވަރީ ހުއްޓުވާލައި ހުރިހާ ފިހާރައެއް ބަންދުކުރަން ނިންމާފައިވާކަމަށް ދައުރުވާ ވާހަތަކަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއްނޫން. އަންނަން އޮތް ސާޖަށް ތައްޔާރުވުމުގެ ގޮތުން މިހާރު އަޅަންޖެހޭ ފިޔަވަޅު އަޅައި ވަނީ ތައްޔާރުވެވިފަ. ފިޔަވަޅުތައް އަޅާނީ މަޝްވަރާކުރުމަށްފަހު އެފަދަ މަޝްވަރާއެއްވެސް ކުރެވިފައިނުވޭ" މަބްރޫކް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި އެންމެ ނުރައްކާތެރި ދެ ހަފްތާއަކީ ކުރިއަށް އޮތް ދެހަފްތާއަށްވާއިރު، މި ދެހަފްތާގައި ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ޚާއްސަ ސަމާލުކަމެއްދީ، ގައިދުރުކަން އިސްކުރުމާއެކު ގެއިން ބޭރަށް ނުނިކުމެތިބުމަށް ސަރުކާރުން ވަނީ އިލްތިމާސް ކުރައްވާފައެވެ.