ޚަބަރު

ކޯވިޑް-19 : ބަލިޖެހޭ މުސްކުޅި ޢުމުރުގެ މީހުން ނިސްބަތުންމަދު، މިއީ ރަނގަޅު ޢަލާމާތެއް - ޑރ.އަފްޒަލް


ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ ޢުމުރުން ދުވަސްވީ މީހުންގެ ޢަދަދު ނިސްބަތުން މަދުކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ކޯވިޑް-19އާ ގުޅިގެން އުފައްދަވާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރ ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ ރާއްޖޭގައި ބަލިޖެހެމުންދާ މީހުންގެތެރެއިން އެންމެ ގިނައީ ޒުވާނުންކަމަށެވެ. އެއީ 18 އަހަރާއި 40 އަހަރާއި ދެމެދުގެ ޢުމަުރުފުރާގެ މީހުންނެވެ.

މުސްކުޅި ޢުމުރުފުރާކަމަށްވާ 65 އަހަރުން މަތީގެ މީހުން ރާއްޖޭގައި ޕޮޒިޓިވްވާ މިންވަރު މަދުކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. އެއީ ރާއްޖެއަށް މި ބަލީގައި ޙަލަތަށް ބަލާއިރު ރަނގަޅު އަލާމާތެއްކަމަށާ، ޢުމުރުން 65 އަހަރުން މަތީގެ މީހުންނަކީ މިބަލީގެ އެންމެ ނުރައްކާ ބޮޑު ޢުމުރުފުރާކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ.

"އަދި އެއީ ވަރަށް ރަނގަޅަށް ވެފައި އޮތް ކަމެއް. އެއީ މި ބަލީގައި އެންމެ ރިސްކް ބޮޑު މީހުންނަކީ ޢުމުރުން 65 އަހަރުން މަތީގެ މީހުންކަމަށް ވާތީ. މިއަދުގެ ކޭސްތަކަށް ބަލާއިރު މިއަދު އެކަނިވެސް މި ފެންނަނީ ޒުވާން ޢުމުރުފުރާގެ މީހުން." ޑރ.އަފްޒަލް ވިދާޅުވިއެވެ.

އެޗްޕީއޭގެ ޑޭޓާތައް ދައކާގޮތުގައި މިއަދުގެ މިހާތަނަށް 65 އަހަރުން މަތީގެ މީހުންގެތެރެއްިން ޕޮޒިޓިވްވެފައިވަނީ 13 މީހެކެވެ. ޑރ.އަފްޒަލް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެއްވެސް އަލާމާތެއް ނުފެންނަ މީހުންގެ ޢަދަދު ވަރަށް ގިނަކަމަށެވެ. ބަލިޖެހޭ މީހުންގެ %54އަކީ އެއްވެސް އަލާމާތެއް ނުފެންނަ މީހުންކަމަށް އެޗްޕީއޭގެ ޑޭޓާތަކުން ދައްކައެވެ.