ޚަބަރު

ކައުންސިލަރުންގެ ދައުރު ދިގުކުރެވޭނީ ޤާނޫނޫ އަސާސީއަށް އިސްލާހު ގެނެސްގެން - އޭޖީ


މިހާރު އިންތިޚާބުވެފައިވާ ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ މެންބަރުކަމުގެ ދައުރު އިތުރުކުރެވޭނީ، ޤާނޫނުއަސާސީއަށް އިޞްލާޙުގެނެސްގެން ކަމުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތު ވިދާޅުވެއްޖެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްސަ ބިލަށް އިސްލާހެއް އޮތް ނަމަ ހުށަހަޅުއްވައިދެއްވަން އެދިވަޑައިގަތުމުން އެޓާނީޖެނެރަލް އިބްރާހިމް ރިއްފަތު ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީފުޅެއް ފޮނުއްވާފައެވެ.

އެސިޓީފުޅުގައި ވިދާޅުވެފައިވަނި ޤާނޫނުއަސާސީގެ 231ވަނަ މާއްދާގެ (ނ)އަށް ގެނެސްފައިވާ އިޞްލާޙުކަމަށްވާ ކައުންސިލްތަކުގެ އުމުރު 3 އަހަރުން 5 އަހަރަށް ބަދަލުކުރި ބަދަލުކުރުމަށް ރިޢާޔަތްކުރާއިރު، އެ މާއްދާއަށް ޢަމަލުކުރެވޭނެ އުޞޫލު ކަނޑައަޅައިދީފައިވަނީ އެ ޤާނޫނުގެ 4ވަނަ މާއްދާގައިކަމަށެވެ.

އެގޮތުން ޤާނޫނުއަސާސީގެ 231ވަނަ މާއްދާއަށް ގެނެސްފައިވާ ބަދަލުތަކާ އެއްގޮތްވާގޮތުގެ މަތިން ކައުންސިލްތަކަށް މެންބަރުން އިންތިޚާބުކުރަންވާނީ، އެ ޤާނޫނަށް ޢަމަލުކުރަން ފެށި ތާރީޚު ކަމަށްވާ 8 ޑިސެމްބަރު 2019 އަށްފަހު ދެން އެންމެ އަވަހަށް ބާއްވާ އިންތިޚާބެއްގައިކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 4ވަނަ މާއްދާ އެހެން އޮތްހާހިނދަކު، އެމާއްދާ އިޞްލާޙު ކުރުމަކާނުލައި، މިހާރު 3 އަހަރަށް އިންތިޚާބުކޮށްފައިވާ ކައުންސިލްތަކުގެ ދައުރު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޢާންމު ޤާނޫނަކުން އެއަށްވުރެ އިތުރު މުއްދަތަކަށް އިތުރުކުރެވިދާނެ ކަމަކަށް ފެނިވަޑައި ނުގަންނަވާކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވެފައިވެއެވެ.

ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ހިންގުމަށް ގާނޫނުއަސާސީގެ 8 ވަނަ ބާބުގައި ތަރުތީބުކޮށް ތަންޒީމްކޮށްފައިވާ އުސޫލްތަކާއި އިޖުރާއަތުތަކާ ޚިލާފު ނުވުމަށް އޭޖީ އެދިވަޑައިގެންފައިވެއެވެ. މިކަމުގައިއޮތް ޤާނޫނީ ޙައްލަކީ ސަރުކާރުން ހުށަހެޅިގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށް، އާ މެމްބަރުން އިންތިޚާބު ކުރެވެންދެން ކައުންސިލްތަކުގައި މިހާރު ތިބި މެމްބަރުން މަގާމްތަކުގައި ދެމިތިބޭނެ ކަމަށް ކަނޑައެޅުންކަމަށް ފެނިވަޑައިގަންނަވާކަމަށް އޭޖީ ވިދާޅުވެފައިވެއެވެ.

އަދި 3 ޖޫން 2020ގެ ކުރިން ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ނުކުރެވިއްޖެނަމަ މެދުވެރިވާނެ ޤާނޫނީ ހުސްކަން ފޫބެއްދޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން މިހާރު އިންތިޚާބުވެފައިވާ ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ މެންބަރުކަމުގެ ދައުރު އިތުރުކޮށްގެން ކަމަށްވީނަމަވެސް، އެކަން ކުރެވޭނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5ވަނަ އިޞްލާޙުގެނައުމުގެ ޤާނޫނުގެ 4ވަނަ މާއްދާ ފުރަތަމަ އިޞްލާޙުކޮށްގެންކަމަށް އޭޖީގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ލާމަރުކަޒީ އުޞޫލުން ކައުންސިލްތައް ހިންގުމަށްޓަކައި ޤާނޫނުއަސާސީގެ 8ވަނަ ބާބުގައި ތަރުތީބުކޮށް ތަންޒީމުކޮށްފައިވާ އުޞޫލުތަކާއި އިޖުރާއާތުތަކާ ޚިލާފުނުވުމަށާއި، 3 ޖޫން 2020ގެ ކުރިން ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ނުކުރެވިއްޖެނަމަ މެދުވެރިވާނެ ޤާނޫނީ ހުސްކަން ފޫބެއްދުމަށް އަދި ލާމަރުކަޒީ އުޞޫލުން ކައުންސިލްތައް ހިންގުމަށްޓަކައި ޤާނޫނުއަސާސީގެ 8ވަނަ ބާބުގެ ރޫޙާއި މަޤްޞަދު ޙާޞިލްކުރުމަށްޓަކައި ޢަމަލުކުރެވެން އޮތް ގޮތަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު އިޞްލާޙު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގައިވާ ފަދައިން، އެ ޤާނޫނުގެ 4ވަނަ މާއްދާ އިޞްލާޙުކޮށް، ލޯކަލް ކައުންސިލްތަކަށް އާ މެންބަރުން އިންތިޚާބުކުރެވެންދެން، މިހާރު އެކައުންސިލްތަކުގައި ތިބި މެންބަރުން އެމަޤާމުތަކުގައި ދެމިތިބޭނެކަމަށް ކަނޑައެޅުން ކަމަށް އޭޖީވަނީ ވިދާޅުވެފައެވެ.