ޚަބަރު

ކޯވިޑް-19 : ވެންޓިލޭޓަރުގައި ފަރުވާދެނީ 4 މީހަކަށް - ޑރ.އަފްޒަލް


ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން ވެންޓިލޭޓަރުގެ އެހީގައި މިވަގުތު ފަރުވާދެމުންދަނީ 4 މީހުންނަށްކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެންއީއޯސީން ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން، ކޯވިޑް-19އާ ގުޅިގެން އުފައްދާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރ، ޑރ.އިބްރާހީމް އަފްޒަލް ވިދާޅިވީ، ދަރުމަވަންތަ ހޮސްޕިޓަލުގައި 3 މީހަކަށް މިބަލީގައި ފަރުވާދެމުންދާކަމަށެވެ.

އެތިން މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދަނީ ދެދިވެހިންނަށެވެ. އެއީ ޢުމުރުން 70 އަހަރުގެމީހަކާއި، ޢުމުރުން 88 އަހަރު މީހެކެވެ. މިދެމީހުންނަކީވެސް ފިރިހެނުންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ޕާކިސްތާނު މީހެއްކަމަށްވެސް ފަރުވާދެމުންދާކަމަށާ، އެމީހާގެ ޙާލު ރަނގަޅުކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

ޑޮކްޓަރު ވިދާޅުވިގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލުގައި 11 މީހަކަށް ފަރުވާދެމުންދެއެވެ. އޭގެތެރެއިން 2 މީހަކަށް ފަރުވާދެނީ ވެނޓިލޭޓަރުގައެވެ. އެއީ ޢުމުރުން 29 އަހަރުގެ މީހަކަށާއި ޢުމުރުން 54 އަހަރުގެ މީހަކަށެވެ. މިދެ މީހުންނަކީވެސް ބިދޭސީ ދެފިރިހެނުންނެވެ.

ވެންޓިލޭޓަރުގައި ފަރުވާދެމުންދާނީ ބައްޔަށް ޕޮޒިޓިވްވެ ނޭވާލުމަށް ދަތިވެ ހާލު ގޯސްވާ މީހުންނަށެވެ. ރާއްޖޭގައި މި ބަލީގައި މިހާތަނަށް ވަނީ 3 މީހުން މަރުވެފައެވެ. ޖުމުލަ 31 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.