ޚަބަރު

ކޯވިޑް-19 : އައު ޢާންމު ހާލަތުގައި އަމަލުކުރާނެ އުސޫލުތައް ތައްޔާރުކުރަން ފަށައިފި


ކޯވިޑް-19ގެ ޙާލަތުގައި، ނިއު ނޯމަލް ނުވަތަ އައު ޢާންމު ހާލަތުގައި ދިރިއުޅެންޖެހޭނެ އުސޫލުތައް ތައްޔާރުކުރަން ފަށާފައިވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޓެކްނިކަލް އެޑްވައިޒަރީީ ގްރޫޕް (ޓެގް) ގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރ ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ، އައު ޢާންމު ޙާލަތަށް ދިއުމަށް ބޭނުންވާ އުސޫލުތައް ގައިޑްލައިނެއްގެ ގޮތުގައި ތައްޔާރުކުރަމުން ގެންދަވާކަމަށެވެ. މި އުސޫލުގައި އައު ޢާންމު ހާލަތުގައި ރައްޔިތުންނާއި، މުއައްސަސާތަކުން ޢަމަލުރަންޖެހޭނެ ގޮތްތަކަށް ރިޢާއަތްކުރައްވާނެކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ.

"އެސްއޯޕީތަކާއި ރައްޔިތުން ކަންތައް ކުރަންޖެހޭނެ ގޮތުގެ ގައިޑްލައިނެއް އެކި މުއްއްސަސާތަކުން ކަންކަން ކުރަންޖެހޭނެ ގޮތާ މިފަދަ ކަންކަމަށް ރިޢާއަތްކޮށް އެބަ އިންސްޓްރަކްޝަންސްތަކެއް ހެދޭ. އެހެންވީމަ އެ ފައިނަލައިޒްވެގެން އަޅުގަނޑުމެން ޢާންމުކޮށް އަންގާނަން. ރެޑީވީމަ އެ މަޢުލޫމާތުތައް ވަކިވަކިންދޭނަން. އޭގެތެރެއިން ކޮންކޮންބަޔަކަށް ކީއްތޯ ކުރަންޖެހޭނީ. އަލަށް ނިއު ނޯމަލްއަކަށް ދެވޭއިރު އެ ނިއު ނޯމަލްގައި ކިހިނެއތޯ ދިރިއުޅުމުގެ ކަންކަން ބަހައްޓަންޖެހެނީ." ޑރ.އަފްޒަލް ވިދާޅުވިއެވެ.

މި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެންއީއޯސީގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، އައު ޢާންމު ހާލަތަށް ބަދަލުވާނީ ފިޔަވަހިތަކަކަށް ބަހާލައިގެންކަމަށެވެ. އެ މަސައްކަތްތައް ބާރަށް ކުރިއަށްދާކަމަށާއި، މިހާރު ކުރިއަށްދަނީ އެ އުސޫލުތައް ލިއުމުގެ މަސައްކަތްކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އަދި މި އުސޫލްގެ ދެލިކޮޕީއެއް ތައްޔާރުވިހާ އަވަހަށް ޢާންމުކުރައްވާނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"މިހާރު ވިސްނިފައި ހުރީ ފޭސްތަކަކަށް ބަހާލައިގެން އެކަން ކުރަންޖެހޭނެކަމަށް. ދެން އަޅުގަނޑުމެންނަށް އައިޑެންޓިފައި އެބަކުރެވޭ ކީ އޭރިއާސްތަކަކީ ސްޕެފިކް އޭރިއާތަކަކީ ކޮބައިކަން. އެކަމާ މަސައްކަތްކުރަމުންދަނީ. މިވަގުތު އެ މަސައްކަތްކުރެވެމުންދަނީ އެއިން ކޮންމެ އޭރިއައަކަށް ނަގަންޖެހޭނެ އެކްޝަންތައް ވަކިވަކިން ކޮންމެ ޓީމަކުން މަސައްކަތްކުރަމުން އެބަދޭ. ލިޔެކިއުމުގެ ކަންކަން ތައްޔާރުކުރުން. ކޮމިއުނިކޭޝަން ކަންކަން އަދި އެ އެއްޗެހި އެންފޯސްކުރުމަށް ވަކިވަކި ކަންކަން ކުރަމުންދަނީ. ފުލް ޑްރަފްޓެއްހެދި ފައިނަލައިޒްވީމަ ތިބޭފުލުންނާއި ހަމައަށް ހިއްސާކުރާނަން. އެމަސައްކަތްކުރިަށް އެބަދޭ." މަބްރޫކް ވިދާޅުވިއެވެ.

މީގެ ކުރިން ބޭއްވި ޕްރެސްކޮންފަރެންސްގައި ޑޮކްޓަރުންގެ ޓީމުން ވިދާޅުވެފައިވަނީ، ކޯވިޑް-19ގެ މިޙާލަތާއެކު ފުރަބަންދު އަބަދު ނުބޭއްވޭނެކަމަށެވެ. ޢަދި މުޅި މުޖުތަމަޢުން ބަލި ފިލައިގެން ނުދިޔަނަމަވެސް، ފުރަބަންދުގެ ޙާލަތު އުވާލާނެކަމަށާ، އެ ޙާލަތު އުވާލިނަމަވެސް ކުރިން އުޅުނު ދިރިއުޅުމަށް ބަދަލުވާން ވަރަށް ގިނަ ދުވަސްނަގާނެކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ކޯވިޑް-19ގެ ޙާލަތަށް ހޭނި މިޙާލަތުގައި ކަންކަންކުރަން ދަސްކުރަންޖެހޭކަން ފާހަގަކުރައްވާ ޑޮކްޓަރުން ވަނީ ޢާންމު ދިރިއުޅުމަށް ބަދަލުތައް ގެނައުމަށް އިލްތިމާސްކުރައްވާފައެވެ.