ޚަބަރު

ކޯވިޑް-19 : އައްޑޫ ސިޓީގައި ވަސީލަތްތައް ނެތްކަމަށްބުނެ މަޖިލީހަށް ކުއްލި މައްސަލައެއް


ކޯވިޑް-19އާ ގުޅިގެން އައްޑޫސިޓީގައި ޓެސްޓް ކުރެވޭނެ ގޮތާއި، ރައްކާތެރި ކަމުގެ ވަޞީލަތްތަކާއި، ފަރުވާދެވޭނެ އެކަށީގެންވާ ނިޒާމެއް ޤާއިމްކުރެވިފައިނުވާކަމަށްބުނެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ހުށަހެޅުއްވި މިމައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ ވޯޓާއިއެކުއެވެ. ޝިޔާމް ހުށަހެޅުއްވި މިމައްސަލާގައިވަނީ ކޯވިޑް-19އާ ގުޅިގެން މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ، އައްޑޫ ސިޓީގައި މިހާތަނަށް ޓެސްޓްކުރެވޭނެ އެއްވެސް ވަޞީލަތެއް ޤާއިމްކުރެވިފައި ނެތްކަމަށެވެ.

35000 އަށްވުރެ ބޮޑު އާބާދީއެއްގައި ކޮންމެ ސާމްޕްލްއެއް ނަގައިގެން ޓެސްޓް ކުރަން ފްލައިޓެއް ޗާޓަރ ކޮށްގެން މާލެއަށް ގެންނަން ޖެހުމަކީ މިއީ ބޮޑު ޚަރަދެއް ހޭދަކުރަންޖެހޭ ކަމަކަށްވުމާއި، އައްޑޫސިޓީ ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން ބޭނުންކުރުމަށް ސަލާމަތީ ވަޞީލަތްތަތައް އެކަށީގެންވާ މިންވަރަށް ނެތްކަމުގެ ޝަކުވާ އެފަރާތްތަކުން ކުރަމުންދިއުމާއި، އަދި ކޮވިޑް-19އަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުން ރަނގަޅަށް ތަމްރީންވެފައި ނެތުމާއި، އައްޑޫ ސިޓީގައި ހެދުމަށް ހަމަޖެހިފައިވާ އައިސީޔޫ ފެސިލިޓީގެ މަސައްކަތް އަދިވެސް ނިމިފައިނުވާކަމަށް ޝިޔާމް ފާހަގަކުރައްވާފައިވެއެވެ.

އައްޑޫސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އައްޑޫސިޓީގައި ޓެސްޓްކުރެވޭނެ ނިޒާމް ޤާއިމްކޮށް، ޕްރޮޓެކްޓިވް ގިއަރފަދަ ރައްކާތެރި ކަމުގެ ވަޞީލަތްތައް ހަމަކޮށްދިނުމާއެކު، ފަރުވާދިނުމަށް ރަނގަޅު ޕްލޭނެއްގެ ދަށުން މަސައްކަތްތައް ރާވާ ހިންގުމަށާއި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ކޯވިޑް-19އަށް ޓެސްޓްކޮށް ފަރުވާދެވޭނެ ނިޒާމެއް ވީއެންމެ އަވަހަށް ޤާއިމްކުރުމަށް މި ކުއްލި މައްސަލާގައި ސަރުކާރަށް ވަނީ ގޮވާލައްވާފައެވެ.