ޚަބަރު

ކޯވިޑް-19 : އައްޑޫ ހޮސްޕިޓަލުތަކާއި، ޞިއްޙީ މަރުކަޒުތަކުގައި ބޭނުންވާވަރަށް ވަސީލަތް އެބަހުރި - މެމްބަރުން


އައްޑޫ ސިޓީގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގައި ކޯވިޑް-19އާއި ގުޅިގެން ބޭނުންވާ ވަރަށް ޞިއްޙީ ވަސީލަތްތައް އެބަހުރިކަމަށް އައްޑޫ ސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެއެވެ.

މެމްބަރުން މިގޮތަށް ވިދާޅުވެފައިވަނީ ކޯވިޑް-19އާއި ގުޅިގެން އައްޑޫސިޓީގައި ޓެސްޓް ކުރެވޭނެ ގޮތާއި، ރައްކާތެރި ކަމުގެ ވަޞީލަތްތަކާއި، ފަރުވާދެވޭނެ އެކަށީގެންވާ ނިޒާމެއް ޤާއިމްކުރެވިފައިނުވާތީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ހުށަހެޅުއްވި މިމައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 42 މެމްބަރުންގެ ވޯޓާއިއެކުއެވެ. ޝިޔާމް ހުށަހެޅުއްވި މިމައްސަލާގައިވަނީ ކޯވިޑް-19އާ ގުޅިގެން މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫ ސިޓީގައި މިހާތަނަށް ޓެސްޓްކުރެވޭނެ އެއްވެސް ވަޞީލަތެއް ޤާއިމްކުރެވިފައި ނެތްކަމަށެވެ.

މިމައްސަލާގައި ވާހަކަފުޅުދައްކަވަމުން އައްޑޫސިޓީގެ 7 ދާއިރާއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވިދާޅުވީ މިމައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އެއްވެސް އިޚްލާސްތެރި ނިޔަތެއްގައި ނޫންކަމަށެވެ. މިމައްސަލާގައި ވާހަކަފުޅުދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން އައްޑޫގައި ހުރި ގޮންޖެހުންތައް ޙައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށެވެ. އައްޑޫގައި ކޯވިޑް-19އަށް ޓެސްޓްކުރެވޭނެ ގޮތެއް މިވަގުތު ނެތްނަމަވެސް އެކަން ފަހިކުރުމަށްޓަކައި ޑަބްލިއުއެޗްއޯއާއި ކަމާއި ގުޅުންހުރި ފަރާތްތަކާ ގުޅިގެން ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ކޯވިޑް-19އަށް ޝައްކުކުރެވޭ މީހަކު އައްޑޫ ސިޓީން ޓެސްޓްކުރެވޭނަމަ އެޓެސްޓެއްގެ ނަތީޖާ 24 ގަޑިއިރުގެ ތެރޭގައި ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށާ، އައްޑޫގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި އެކަށީގެންވާ ވަސީލަތްތައް ނެތްކަމަށްބުނެ ދައްކަމުންދަނީ ހަގީގަތާ ޚިލާފް ވާހަކަތަކެއްކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

"ހޮސްޕިޓަލުގައި ޕީޕީއީ ބޭނުންވާވަރަށް އެބަހުރި، ސެނެޓައިޒާ، މާސްކްވެސް އެބަހުރި. 24 ގަޑިއިރުގެ ތެރޭގައި ޓެސްޓްކުރެވޭނެ އަދި ނަތީޖާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ. މިކަމުގައި ސަރުކާރުގެ އެއްވެސް އިހުމާލެއްނެތް. އައްޑޫގެ އެއްވެސް ކަމެއް ނުކޮށް ދޫކޮށްލާކަށް އައްޑޫގެ މެމްބަރުން ފުރުސަތު ނުދޭނެ. އަދި ސަރުކާރުން އޮތީ މިކަންކަން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި" ރޮޒައިނާ ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަފުޅު ދެއްކެވި އައްޑޫ ސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވިދާޅުވީ މިދަނޑިވަޅަކީ މުޅި ދުނިޔޭގައިވެސް ޞިއްޙީ ވަސީލަތާއި އާލާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް އޮތް ދުވަސްވަރަކަށްވާއިރު ރާއްޖެއިން މިޙާލަތުގައި ކުރަމުންދާ މަސައްކަތަކާއި، މައްސަލަތައް ހައްލުކުރުމަށް ކުރާ ކަންކަމަކީ ފާހަގަކޮށްލެވޭ އެދެވޭ މަސައްކަތްތަކެއްކަމަށެވެ.

މިމައްސަލާގައި ވާހަކަފުޅުދައްކަވަމުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުން އައްޑޫގައި ތިބެގެން ކޯވިޑް-19އަށް ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކެޑިނޭޅި މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިހާރުވެސް ޓެސްޓްކުރުމުގައި އެއްވެސް ދައްޗެއް ނެތްކަމަށާ، ކުރީގެ ހިތަދޫ ހޮސްޕިޓަލް ކޯވިޑް-19އަށް ޚާއްސަކޮށްގެން ތައްޔާރުކޮށް، މިމަހުގެ 18ގައި މިމަސައްކަތް މުޅިންނިމި ބޭނުންކުރެވޭގޮތް ވާނެކަމަށް މިހާރު ލަފާކުރެވޭކަމަށެވެ.

"އަޅުގަނޑުމެންވެސް ބޭނުންވާ އަދިވެސް މާސްކްވެސް، ޕީޕީއީ ކިޓްތައްވެސް އެހެން ތަކެތިވެސް. ނަމަވެސް މިހާލަތަށް ބޭނުންވާވަރަށް އެބަހުރި. އަދި އައްޑޫއިން ކޭހެއް ފެނިއްޖެ ހާލަތެއްގައި އިތުރަށް ބޭނުންވާތަކެތި ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވިދާޅުވޭ. މިކަމުގައި ދައްޗެއް ނެތް" އިލްޔާސް ލަބީބް ވިދާޅުވިއެވެ.

އައްޑޫ ސިޓީން ކޯވިޑް-19އާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާއިރު، އެސިޓީގައި މިބައްޔަށް ޝައްކުކުރެވޭ ޢަލާމާތްތައް ހުރެގެން މިމަހުގެ 8 ވަނަ ދުވަހު ވަނީ މީހެއްގެ ޓެސްޓް ހަދާފައެވެ. މިމީހާ ފުރަތަމަ ސާމްޕަލް ޕޮޒިޓިވްވިނަމަވެސް އޭނާގެ ފަހުން ހެދި ދެ ސާމްޕަލްވެސް ވަނީ ނެގެޓިވްވެފައެވެ. މިމީހާގެ ސާމްޕަލް ޕޮޒިޓިވްވިކަން އެގުނު ހިސާބުން އައްޑޫސިޓީން ވަނީ 14 ދުވަހަށް ފުރަބަންދުވެސް ކޮށްފައެވެ. ނަމަވެސް މިމީހާ ނެގެޓިވްވުމާގުޅިގެން އެސިޓީގެ ފުރަބަންދުވަނީ އުވާލާފައެވެ.