ޚަބަރު

ކޯވިޑް-19 : ރަށްރަށުގައި ޤާއިމްކުރި ކަރަންޓީން ފެސިލިޓީތަކަށް މީހުން ފޮނުވުން ވަގުތީގޮތުން ހުއްޓާލައިފި


ރަށްރަށުގައި ހަދާ ކަރަންޓީން ފެސިލިޓީތަކަށް މީހުން ފޮނުވުން މަޑުޖައްސާލާފައިވާކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ، އެލްޖީއޭއިން ވިދާޅުވެއްޖެއެވެ.

މާލެ ފުރަބަންދު ކުރުމުގެ ސަބަބުން އަމިއްލަ ރަށަށް ނުދެވި ތާށިވެފައިތިބި މީހުންނާއި، އަތޮޅުތަކުގައި މާލެ ނާދެވި ތާށިވެފައިތިބި މީހުންނަށް އަމިއްލަ ރަށަށް ދެވޭނެގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް އަހްމަދު ވިދާޅުވީ، މާލެއިން ރަށްރަށް މީހުން ގެންދިއުމުގެ ފުރުޞަތު ދެމުންދަނީ ޖެންޑަރ މިނިސްޓްރީން ޢާންމުކޮށްފައިވާ އުސޫލުގައި އިސްކަންދީފައިވާ ތަރުތީބުންކަމަށެވެ. އެގޮތުން އެންމެ އިސްކަމެއްދެނީ ވަގުތީ ގޮތުން މާލެއައިސް މާލޭގައި ރަށަށް ނުދެވިފައި ތިބި މީހުންނަށްކަމަށާއި، ނަމަވެސް ރަށަށް ދިއުމަށް ރަޖިސްޓްރީކޮށްފައިވާ ހުރިހާ އެންމެނަށްވެސް ކަރަންޓީން މުއްދަތު ހަމަކޮށްގެން ރަށަށް ދެވޭނެ އަވަސް އިންތިޒާމް ހަމަޖައްސަމުން ގެންދަވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މާލޭގައި ތާށިވެ ރަށްރަށް ދިއުމަށް 5000 ވުރެ ގިނަމީހުން ރަޖިސްޓްރީވެފައިވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. އޭގެތެރޭގައި ސިއްޙީ ބޭނުންތަކަށް މާލެއައިސް ރަށަށް ނުދެވިތިބި 1444 މީހުންނާއި، ރިސޯޓްތައް ކަރަންޓީނުން ދޫކޮށްލުމުން ރަށަށް ދިއުމަށް ބޭނުންވެ މާލެ އައިސްތިބި 363 މީހަކާއި، އާމްދަނީއަށް އަސަރުކުރުމާއި އެހެނިހެން ސަބަބުތަކާއި ގުޅިގެން ރަށަށް ދާން ރަޖިސްޓްރީކުރި 3258 މީހުން ހިމެނެއެވެ.

އާ ދަމް ޝަރީފް ވިދާޅުވީ، މާލޭގައި ތިބި މީހުން ރަށަށް ދިއުމަށް ފުރުޞަތު ދޭން ނިންމީ ދެގޮތަކަށްކަމަށެވެ. އެއީ ސަރުކާރުން ޤާއިމްކުރާ ފެސިލިޓީތަކުގައި ކަރަންޓީންގެ 14 ދުވަސް ހަމަކުރުމަށްފަހު ރަށަށް ދިއުމަށް ފުރުޞަތު ދިނުމާއި ރަށު ކައުންސިލްތަކުން ޤާއިމްކޮށް މޮނިޓަރކުރެވޭގޮތަށް ޤާއިމްކުރާ ކަރަންޓީން ފެސިލިޓީތަކަށް މީހުން ދެވޭނެގޮތް ހެދުންކަމަށެވެ.

އެގޮތުން ސަރުކާރުން ޤާއިމްކުރާ ފެސިލިޓީތަކުގައި ކަރަންޓީންގެ 14 ދުވަސް ހަމަކުރުމަށްފަހު ރަށަށް ދިއުމަށް އެދުނު 308 މީހަކު ރިސޯޓްތަކުގައި މިވަގުތު ކަރަންޓީންކޮށްފައިވާކަމަށާއި، ސިއްޙީ ޙާލަތުހުރިގޮތުން ރިސޯޓްތަކުގައި ކަރަންޓީން ނުކުރެވޭ ހާލަތުގައި ހުރި 17 މީހަކު ހުޅުމާލޭގައި ކަރަންޓިންކޮށްފައިވާކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އަދި ރަށު ކައުންސިލްތަކުން ޤާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކަށް މީހުން ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެއްސިފަހުން، މާލޭގެ ހާލަތު ގޯސްވެ އިތުރު ސާޖަކަށް ދާނެކަމަށް އަންދާޒާކޮށްފައިވާތީ، އެފެސިލިޓީތަކަށް މީހުން ފޮނުވުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ލަފައާއެކު ވަގުތީގޮތުން ހުއްޓާލާފައިވާކަަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް މާލޭގެ ހާލަތަށް އަންނަ ބަދަލަކާއެކު ރަށްރަށަށް ދިއުމުގެ ފުރުޞަތު ދެއްވާނެކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި މިގޮތަށް ސަރުކާރުން ނިންމެވީ ރަށްރަށުގައި ބަލި ފެތުރުނަ ނުދިނުމަށްޓަކައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރަށްރަށުގައި ފެސިލިޓީ ހަމަޖެހޭ މިންވަރަކުން ކައުންސިލްތަކާއި ގުޅިގެން، ޓެގްގެ ލަފާގެ މަތިން މީހުން އުޅޭ ރަށްރަށަށް މީހުން ފޮނުވުމަކީ ރައްކާތެރި ކަމަކަށްނުވާތީ، ރަށްރަށުގެ ކަރަންޓީން ފެސިލިޓީއަށް ގެންދިއުން ހުއްޓާލީ. ޕޮލިސީ ގްރޫޕުން މިގޮތަށް ނިންމީ. ހާލަތު ބަދަލުވެއްޖެނަމަ ފުރުޞަތު ދޭނަން." އާދަމް ޝަރީފް ވިދާޅުވިއެވެ.

އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ، އިތުތު 500 މީހުން ކަރަންޓީން ފެސިލިޓީއަށް ގެންދިއުމަށް ލިސްޓް ފައިނަލް ކުރެވިފައިވާކަމަށާއި، ކުރިއަށް އޮތް ދެތިން ދުވަހުތެރޭގައި އެމީހުން ފެސިލިޓީތަކަށް ގެންދެވޭނެކަމަށެވެ. މިހާތަނަށް ކަރަންޓީންގެ މުއްދަތު ހަމަކުރި 8 މީހަކަށް ރަށަށް ދިއުމުގެ ފުރުޞަތު ދީފައިވާކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ސަރުކާރުން ހަމަޖައްސާ އިތުރު ފެސިލިޓިސްތަކުގައި މީހުންކަރަންޓީން ކުރެވޭނެ އިންތިޒާމްތައް އަވަސްކުރަމުން ގެންދާކަމަށާއި، ރަށްރަށުގައި ފުރަބަންދުވެ މާލެ ނާދެވިފައިތިބި މީހުންނަށްވެސް މާލެ އައުމުގެ ފުރުޞަތު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން މާލެ އާދެވޭނީ ފުލުހުންގެ ހުއްދައާއެކުކަމަށާއި، ރަށްރަށުގައި އެހެން ރަށަކަށް ނުދެވި ތިބި މީހުންނަށް ރަށަށް ދެވޭނީ ރަށު ކައުންސިލްތަކުން ހުއްދަ ނެގުމަށްފަހުކަމަށްވެސް އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވިއެވެ.