ޚަބަރު

ކޯވިޑް-19 : ޚާއްޞަ ހާލަތުގައި ޖިނާއީ މައްސަލަތަކުގައި އަަމަލުކުރާނެ ގޮތުގެ ބިލު ބަލައިގެންފި


ޚާއްސަ ޙާލަތްތަކުގައި ޖިނާއީ މައްސަލަތަކުގައި އަމަކުރާނެގޮތް ބަޔާންކޮށް ހުށައެޅި ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ. މި ބިލު ބަލައިގެންފައިވަނީ 57 މެންބަރުންގެ ވޯޓުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހުށައަޅުއްވާފައިވާ މި ބިލްގައި ޚާއްސަ ހާލަތްތައް ކަމަށް ބަލާފައި ވަނީ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ކާރިސާއެއް އިއުލާންކުރެވޭ ހާލަތުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތެވެ.

މި ބިލްގައި ޚާއްސަ ހާލަތްތަކުގައި ޝަރީއަތްތައް ކުރިއަަށްގެންދަންވާނެ ގޮތާއި އެ ޙާލަތްތަކުގައި މުއްދަތުތައް ގުނާނެ ގޮތް ކަނޑައަޅާފައިވެއެވެ. އެގޮތުން ޖިނާއީ އިޖްރާއަތުގެ ގާނޫނާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ގާނޫނާއި ޓެރިޒަމް މަނާކުރުމުގެ ގާނުނުގެ އިތުރުން ޤާނޫނުލް އުޤޫބާތުގައި ވަކި މުއްދަތުތަކެއްގެ ތެރޭގައި ކުރަން ކަނޑަަޅާފައިވާ ކަންކަން ކުރުމުގައި މުއްދަތު ގުނާނީ ޚާއްސަ ހާލަތްތަކުގެ ދުވަސްތައް ނުލާ ކަމަށް މި ބިލުގައިވެއެވެ. އޭގެ ތެރޭގައި ވަކި މުއްދަތެއްގެ ތެރޭގައި ދަައުވާ އުފުލުމަށާއި ޝަރީއަތްތައް ނިމުންފަދަ މުއްދަތައް ހިމެނެއެވެ.

އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހަލާތްތަކުގައި ޝަރީއަތްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮަށް ކުރިއަށް ގެންދެވިދާނެ ކަމަށް ބަޔާންކޮށް އެކަމުގައި އަަމަލުކުރާނެ ގޮތް ވެސް މި ބިލްގައިވެއެވެ. މީގެއިތުރުން ޖިނާއީ ކުށަކާ ގުޅިގެން ބަންދުގައި ހުންމީހަަކާއި އޭނާގެ ވަކީލަކާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮަަށް ބައްދަލުކުރުމުގެ އިންތިޒާމް ހަމަ ޖައްސަދޭން ވާނެ ކަމަށްވެސް މި ބިލްގައިވެއެވެ.

ޚާއްސަ ހާލަތްތަކުގައި ކުށެއްގެ ތުހްމަތުގައި ބަންދު ކުރެވޭ މީހަކު ވަގުތުން ޕޮލިސް ސްޓޭޝަނަކަށް ގެންދެވެން ނެތް ނަމަ ހޯމް މިނިސްޓަރު ކަނޑައަޅުއްވާ ތަނަކަށް ބެހެއްޓިދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. ޚާއްސަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ކަނޑައެޅުމަށް އިސްލާހް ހުށައަޅާފައި މިވަނީ ޖިނާއީ އިޖްރާއަތުގެ ޤާނޫނުގައި އެ ފަދަ ހާލަތުގައި އަމަލުކުރާނެ ގޮތް ކަނޑައަޅާފައި ނެތުމުންވެ.