ޚަބަރު

ކޯވިޑް-19 : ކުލި ނުދެއްކޭ މީހުންނަށް ލުއި ގޮތެއް ހޯދައިދިނުމަށް މަޖިލީހުން ފާސްކޮށްފި


އަމިއްލަފަރުދުންނަށާއި ސަރުކާރަށް ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓްތަކުންނާއި ގެތަކުން ކުލި ކުޑަވާންޖެހޭކަމަށާއި، އެފަދަ ބަދަލެއް އަންނާނެގޮތްތަކަކަށް ލުއި ދިނުމަށް ސަރުކާރަށް ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ އިއްތިފާޤުންނެވެ.

ކޯވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން އިޖްތިމާޢީ ކޮމިޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ މަސައްކަތުގެ ތެރެއިން ހަތް ހުށައެޅުމެއް ވަނީ ސަރުކާރަށް ހުށަހެޅުއްވުމަށް ރިޕޯޓްގައި ހިމަނާފައެވެ.

އޭގެ ތެރޭގައި އަމިއްލަފަރުދުންނަށާއި ސަރުކާރަށް ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓްތަކުންނާއި ގެތަކުން ކުލި ކުޑަވާންޖެހޭކަމަށާއި، އެފަދަ ބަދަލެއް އަންނާނެގޮތްތަކަކަށް ލުއި ދިނުމަށްވަނީ މި ރިޕޯޓްގައި ބަޔާންކޮށްފައެވެ. އަދި ފުރަބަންދުގައިވާ ޙާލަތުގައި އަދި ވަކިން ޚާއްސަކޮށް މުޖުތަމަޢުގައި ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި ކުއްޔަށް ދިރިއުޅެމުންދާ ފަރާތްތަކުގެ ތެރެއިން ހާލުގައިޖެހި ކުލިދެއްކުމަށް ނުކުޅެދޭ ފަރާތްތައް މަގުމަތިވިޔަނުދިނުމަށްޓަކައި ސަރުކާރާއި ސިޓީ ކައުންސިލްތައް އަދި ރަށު ކައުންސިލްތައް މެދުވެރިކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ރިޕޯޓްގައި ހިމަނާފައިވެއެވެ.

މި ރިޕޯޓަށް ބަހުސްކުރެއްވި ބައެއް މެންބަރުންވަނީ ކުލި ނުދެއްކޭ ޙާލަތުގައި ސަރުކާރުން އެފަދަ މީހުންނަށް އިނާޔަތެއް ދޭންވެސް ހުށަހަޅުއްވާފައެވެ. ކޮމިޓީގެ ރިޕޯޓްގައި ހިމަނުއްވާފައިވާ އެހެންކަންކަމުގެ ތެރޭގައި، މޮރިޓޯރިއަމް ޕެކޭޖް ދިނުމަށްފަހު، އެފަރާތްތަކުން ޢަމަލުކުރާގޮތް މާލެއާއި އަތޮޅުތެރޭގައިވާ ޖޮބް ސެންޓަރ މެދުވެރިކޮށް ބަލަމުންގެންދިއުމަށާއި، މޮރިޓޯރިއަމް ޕެކޭޖް އެއްފަހަރާ ދޫނުކުރުމަށްވެސް ސަރުކާރަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.

އަދި، އެފަރާތްތަކުން މުވައްޒަފުންނާމެދު އިހާނެތިކޮށް ކަންތައްތައް ކުރަމުން ގެންދާނަމަ، ދޫކުރެވިފައިވާ ފައިސާގެ ވަކި ޕަސެންޓެއް ޖޫރިމަނާގެ ގޮތުގައި ނެގުމަށާއި، ސްކޫލްތައް ބަންދުވެފައިވާ ޙާލަތުގައި މެދުކެނޑުމެއްނެތި ތަޢުލީމުގެ ފުރުސަތު ކަށަވަރުކޮށްދިނުމައްޓަކައި މިޙާލަތާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ތަޢާރުފްކޮށްފައިވާ އޮން-ލައިން ޕޮރޮގްރާމްތަކާއި "ޓެލެކްލާސް"ކުރިޔަށް ގެންދިޔުމަށްވެސް ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.

އަދި މާލެއާއި އަތޮޅުތަކުގައި ދިރިއުޅޭ ހުރިހާ ކުދިންނަށް ތަފާތު ކުރުމެއްނެތި މިފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ސްކޫލް ކުދިންނަށް ޚާއްސަ އިންޓަރނެޓް ޕެކޭޖްތަކެއް، ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިއުމަށްވެސް އިޖްތިމާޢީ ކޮމިޓީގެ ރިޕޯޓްގައިވެއެވެ. ސަރުކާރަށް ހުށަހެޅުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި އެެޗް.ޕީ.އޭގެ އިރުޝާދުގެ ދަށުންމެނުވީ މިސްކިތްތަކާއި ޕާކުތައްފަދަ އާންމުން އެއްވާ ތަންތަން، ޢާންމު ބޭނުންތަކަށް ނުހުޅުވުންވެސް ހިމެނެއެވެ.

މި ހުށައެޅުމުގެ ބޭނުމަކީ، ކޯވިޑް-19އާ ގުޅިގެން ތަޢާރަފްކުރާ މޮރިޓޯރިއަމް ފެކޭޖްތަކަކީ، އިޤްތިޞާދަށް ހެޔޮބަދަލެއް އަންނާނެފަދަ ގޮތަކަށް ބައްޓަންވެފައިވާ ޕެކޭޖުތަކަކަށްވުމާއި، ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް މިޙާލަތުން އަރައިގަތުމަށް އެހީތެރިކަން ލިބުން ޔަޤީންކުރުމާއި، ތަޢުލީމީ ނިޒާމު ހަރުދަނާވުމާއި ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ދުޅަހެޔޮކަން އިތުރުކޮށް، ރައްޔިތުންނަށް ދިމާވަމުންދާ އެކި ކަހަލަ ދަތިތައް ލުއިވެ، މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ވީހާވެސް ރަނގަޅަށް ތަންފީޒުކުރެވޭނެގޮތެއް މަގުފަހިކުރުމެވެ.