ޚަބަރު

ކޯވިޑް-19 : އިތުރު 51 މީހަކު ޕޮޒިޓިވް ވެއްޖެ


ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު އެއްހާހާއި ގާތްކޮށްފިއެވެ. މިއަދު ރާޢްޖެއިން ޕޮޒިޓިވްވީ 51 މީހެކެވެ.

މިއާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 955 އަށް އިތުރުވެފައެވެ.

މިހާރު ރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި މިހާރުހުރި ކްލަސްޓަރތަކަށް ނިސްބަތްވާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު އަލަށް ފެނުނު ކްލަސްޓަރތައްވެސް ހިމެނޭކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ. ރާޢްޖޭގައި މިވަގުތު ކޯވިޑް-19ޖެހިގެން ފަރުވާދެމުންދަނީ 910 މީހަކަށެވެ.

ކޯވިޑް-19އަށް ޓެސްޓްކުރުމަށް ރާއްޖެއިން މިހާތަނަށް 13،084 ސާމްޕަލެއް ވަނީ ނަގާފައެވެ. މިވަގުތު އައިސޮލޭޝަން ފެސިލިޓީސްތަކުގައި 909 މީހަކު އެބަތިއްބެވެ. އަދި ކަރަންޓީން ފެސިލިޓީތަކުގައި 1،403 މީހަކު ތިބިކަމަށްވެސް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ. ކޯވިޑް-19 ގައި ރާއްޖެއިން ވަނީ 3 މީހަކު މަރުވެފައެވެ. އެއީ 2 ދިވެހިންނާއި ބިދޭސީއެކެވެ.

މިހާތަނަށް ޙާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ބަލިޖެހޭ މީހުންގެ ޢަދަދު ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. އެންއީއޯސީގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރުން ލަފާކުރައްވަނީ ރާއްޖޭގައި މިބަލީގެ ހާލަތު މިމަހުގެ 15 އިން 31 ވަނަ ދުވަހާއި ދެމެދު ގޯސްވެ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެގެންދާނެކަމަށެވެ. އެހެންކަމުން ޙާލަތު އެންމެ ގޯސްވާނެކަމަށް ލަފާކުރެވޭ ދެ ހަފްތާގައި އެޙާލަތާއި ކުރިމަތިލުމަށް ޚާއްޞަ ޕްލޭނެއް އެކުލަވާލަމުން އަންނަކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއިން ބަލި ފެންނަމުންދާ ގޮތަށް ބަލާއިރު އެއްދުވަހު އަދަދު މަތިވެފައި އަނެއްދުވަހު އަދަދު ދަށްވުމަކީ ބަލި ކޮންޓްރޯލްވުންކަމަށް ދެކިގެން ނުވާނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.

އެހެންކަމުން އެ ޢަދަދުތައް ދަށްކުރުމަށް ހުރިހާ ރައްޔިތުންވެސް މަސައްކަތްކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ސާފްތާހިރުކަމަށް އިސްކަންދިނުމަށާއި، އެކަކު އަނެކަކު ގައިދުރުކަން ބެހެއްޓުމަށް ވެސް ޑޮކްޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ.