ޚަބަރު

ކޯވިޑް-19: ޓްރީޓޮޕްގައި ފަރުވާދެމުންދާ މީހެއްގެ ހާލު ސީރިއަސް


ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކޯވިޑް ބަލިމީހެއްގެ ހާލު ސީރިއަސްކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެ ސެންޓަރުން ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެތެރެހަށީގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރ އަދި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރ ޑރ.މޫސާ މުރާދު ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލާއި، ޓްރީޓޮޕް ހޮސްޕިޓަލުގައި 13 މީހަކަށް ފަރުވާދެމުން އަންނަކަމަށެވެ. އޭގެތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގައި ދެމީހަކަށް އަދި ޓްރީޓޮޕް ހޮސްޕިޓަލުގައިވެސް ދެމީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަކަމަށް ޑޮކްޓަރ މޫސާ މުރާދު ވިދާޅުވިއެވެ.

ޑޮކްޓަރ ވިދާޅުވީ، ޓްރީޓޮޕް ހޮސްޕިޓަލުގައި 10 މީހަކަށް ފަރުވާދެމުން އަންނަކަމަށާއި، އޭގެތެރެއިން އެކެއްގެ ހާލު ސީރިއަސްކަމަށެވެ. ނަމަވެސް އޭނާ އޮތީ ވެންޓިލޭޓަރުގައި ނޫންކަމަށާއި، އޭނާގެ ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރެވެމުންދާކަމަށެވެ. ނަމަވެސް އެމީހުންނާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ. ޑޮކްޓަރ މޫސާ މުރާދު ވިދާޅުވީ، ޓްރީޓޮޕްގައި ކުޑަ ކުއްޖަކަށްވެސް ފަރުވާދެމުން އަންނަކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ތިން މީހުންގެ ތެރެއިން އެކެއްގެ ބަލިހާލަތަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބި ބަލި ރަނގަޅުވާކަމުގެ އަލާމާތްތައް ފެންނަމުންދާކަމަށްވެސް ޑރ.މޫސާ މުރާދު ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް އޭނާ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫއިން އެހެން ތަނަކަށް ބަދަލު ކުރެވޭނެކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ.

"ވެންޓިލޭޓަރަށް ނުލިނަމަވެސް އޭނާގެ ކޮންޑިޝަން ސީރިއަސް، ދެންތިބި އެހެން މީހުން ހާލު ރަނގަޅު. އިތުރު ކަމެއް ފާހަގަކުރެވިފައިނެތް." ޑރ.މޫސާ މުރާދު ވިދާޅުވިއެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 3 މީހަކު ވަނީ މަރުވެފައެވެ. އަދި 40 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ރާއްޖެއިން މިޙާތަނަށް 955 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިތިވްވެފައެވެ.