ފުރަބަންދުގެ މުއްދަތު އިތުރުކުރުމާއެކު ދަންވަރުގެ ވަގުތު ސިނަމާލެ ބްރިޖް ހުރަސް ނުކުރެވޭގޮތަށް ހަމަޖައްސައިފިއެވެ.
އެގޮތުން މިރޭ 1:00 އިން ފެށިގެން ކުރިއަށް އޮތް ދެ ހަފްތާގެ ކޮންމެދުވަހަކު ދަންވަރު 1:00 އިން ހެނދުނު 9:00 އަށް ޢާއްމުންނަށް ބްރިޖް ހުރަސް ނުކުރެވޭނެ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ބްރިޖް ހުރަސް ކުރެވޭނީ، ކޮންމެހެން ކުރަން ޖެހޭ އާއްމު ޒަރޫރީ ދަތުރުތަކަށާއި ސެކިއުރިޓީ ސަރވިސްއަށްއެކަނި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން މިހާރުވެސް ގެންދަނީ މާލެ ސިޓީގައި ބޭރުގައި އުޅޭ މީހުންގެ އަތުގައި ހުއްދަ އޮޮތްތޯ ބަލައި ހުއްދަ ނެތި ފަރާތްތައް ޖޫރިމަނާކޮށް މީހުން ހައްޔަރުވެސް ކުރަމުންނެވެ. މިގޮތުން ފުރަބަންދުގެ މުއްދަތުގައި ހުއްދަ ނެތި އިއްޔެ އެކަނިވެސް 10 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިހާތަނަށް 114 މހަކު ވަނީ ޖޫރިމަނާކޮށްފައެވެ. މީގެ އިތުރުން 207 މީހަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ.
ފުރަބަންދުގެ މުއްދަތުގައި ޒަރޫރީ ބޭނުމަށްޓަކައި ކޮންމެ ތިން ދުވަހަކުން އެއްދުވަހު ގޭބިސީއަކުން އެކަކަށް ނުކުމެވޭގޮތް ވަނީ ހަމަޖައްސާފައެވެ. އެހެންނަމަވެސް އެފަދަ ބޭނުމަށްވެސް ބޭރަށް ނުކުމެވޭނީ ފުލުހުންގެ ޚައްސަ ހުއްދައެއް ލިބިގެންނެވެ. މީގެ އިތުރުން ވިޔަފާރި ކުރުމާއި ޑެލިވަރީގެ ޚިދުމަތްވެސް ފޯރުކޮށްދިނުމަށް ވަކި ހުއްދައެއް ހޯދަންޖެހެއެވެ.
ކޯވިޑް-19 ގެ ފުރަތަމަކޭސް މިދިޔަ މަހުގެ 15ވަނަ ދުވަހު މާލެއިން ފެނުމާއެކު ފުރަތަމަ 2 ދުވަހު 24 ގަޑިއިރަށް މާލެ ފުރަބަންދު ކުރިއެެވެ. އަދި އެއަށްފަހު މާލެ ފުލީ ލޮކްޑައުންކޮށް ފިޔަވަޅުތައް ވަނީ ވަރުގަދަކޯށްފައެވެ. އެހެންމަވެސް އަދިވެސް ބަލި ކޮންޓްރޯލް ނުވާތީ އިތުރު 14 ދުވަހުގެ މުއްދަތަށް މަލޭ މިވަނީ ފުރަބަންދުކޮށްފައެވެ.