ޚަބަރު

ކޯވިޑް-19 : މިސްކިތްތަކުގެ ޖަމާޢަތް ނުބާއްވާ މުއްދަތަށް އިތުރު 14 ދުވަސް


ކޯވިޑް-19 ފެތުރެމުންދާތީ ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދާއި ތަރާވީޙް ނަމާދު ޖަމާޢަތުގައި ނުކުރުމަށް ހަމަޖައްސާފައި އޮތް މުއްދަތު އިސްލާމިކް މިނިސްޓްރީން އިތުރުކުރައްވަފިއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތުގައި ޖަމާޢަތުގައި ނަމާދު ނުކުރާގޮތަށް ނިންމާފައި އޮތްއޮތުން މިމަހުގެ 28ވާ ބުރާސްފަތި ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް އިތުރުކޮށްފައިވާކމަށެވެ.

މިގޮތަށް އަންގާފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް އެ ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެހެން އިސްލާމީ ބައެއް ޤައުމުތަކެކޭ އެއްފަދައިން މާލެއާއި، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓްތަކުގެ މިސްކިތްތަކުގަައި ހުކުރުނަމާދާއި، ފަރުޟު ނަމާދުތައް ޖަމާޢަތުގައި ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ފުރަތަމަ އަންގާފައިވަނީ މިދިޔަ މާޗްމަހުގެ 18ވަނަ ދުވަހުންފެށިގެންނެވެ.

ނަމަވެސް ރާއްޖޭގައި ކޯވިޑް-19ގެ ޙަލަތު ބަދަލުވެ ކޮމިއުނިޓީ ސްޕްރެޑަކަށް ނުވަތަ މުޖުތަމަޢުގައި ބަލި ފެތުރެން ފެށުމާއެކު މާލެއާއި ރިސޯޓުތަކުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައިވެސް ޖަމާޢަތުގައި ނަމާދުކުރުން ވަނީ ހުއްޓާލަން އަންގާފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ 28 މެއިގެ ނިޔަލަށް ރާއްޖޭގެ ހުރިހާ މިސްކިތެއްގެ ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދާއި ތަރާވީޙް ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް ނިންމާފައިވާކަމަށާއި، އެގޮތަށް ހުރިހާ ފާރާތްތަކުންވެސް އަމަލުކުރުމަށް ދަންނަވާ ކަމަށެވެ. އަދި މިޙާލަތުގައިވެސް މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި ދިވެހިބަހުން "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން 2 ފަހަރު ގޮވުމަށް އިމާމުންނަށްވަނީ އަންގަވާފައެވެ.

މިދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން ދޭއިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ތަރާވީޙް ނަމާދު ކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔަވައި، ﷲގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބު ތަކުގައި ހިފާ، ފުރިހަމައަށް ﷲއަށް ވަކީލުކޮށް ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަޞޭޙަތްތެރިވެފައެވެ.