ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވްވި ބީދޭސީންގެ ތެރެއިން ހޯދަމުންދިޔަ މީހަކު ފެނިއްޖެ


ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނިކޮށް ފިލި ތިން ބިދޭސީންގެތެރެއިން އެކަކު ހޯދިފައިވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާ ބެހޭ މަޢުލޫމާތު ޙިއްސާކުރައްވަމުން ނޭޝަނަލް އެމަޖެންސީ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ހޯދަމުން ދިޔަ 3 ބިދޭސީންގެ ތެރެއިން މީހަކު ފެނިފައިވަނީ މިއަދުކަމަށެވެ. އަދި އަނެއް ދެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މަބްރުކް ވިދާޅުވީ މިމީހުންގެ މަޢުލޫމާތުތައް އެޗްޕީއޭގައި އެބަހުރިކަމަށާ އެހެންނަމަވެސް އެމީހުން ދީފައިވާ ތަންތަނުގައި އެމީހުން މިވަގުތު ނޫޅޭކަމަށެވެ. އަދި މީ ކޮންޤައުމަކަށް ނިސްބަތްވާ ބައެއްކަމެއް މަބްރޫކް ވިދާޅެއްނުވެއެވެ.

މަބްރޫކް ވިދާޅުވީ މިމީހުން ނެތްކަން އެނގުނީ މިމަހުގެ 6 ނުވަތަ 7 ގައިކަމަށެވެ. އަދި މީމީހުން ނެތްކަން ފާހަގަވީ އެމީހުން ޕޮޒިޓިވްވުމުން އައިސޮލޭޝަނަށް ގެންދަންވެގެން ބެލިބެލުމުންކަމަށެވެ. ސާމްޕަލްތައް ނަގާ ފަރާތްތަކުގެ ސާމްޕަލްތައް ނެގުމަށްފަހު އެފަރާތްތަކުގެ މައުލޫމާތުތައް ނަގަމުން އަންނަކަމަށާއި މިގޮތުން އެމީހެއްގެ ނަމާއި ގުޅޭނެ ނަމްބަރާއި އުޅޭ ތަނެއްގެ މައުލޫމާތު އެއްކުރަމުން އަންނަކަމަށެވެ.

ގެއްލިގެން ހޯދަމުންދިޔަ ދެ މީހުން ނުފެނިއްޖެނަމަ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތައް ލިބިގެންވާ ބާރުގެ ދަށުން އެމީހުންގެ ޒާތީ މައުލޫމާތު ހާމަކުރާނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.