ޚަބަރު

މާލެއަށް މުދާ ހިފައިގެން ދަތުރުކުރި ދޯންޏެއް ތޮށިމައްޗަށް އުރި ބޭނުންނުކުރެވޭވަރަށް ހަލާކުވެއްޖެ


މާލެ އަތޮޅު ކާށިދޫއިން މާލެއަށް ދަތުރުކުރި ދޯންޏެއް ވެސްޓް ޕާކް ސަރަޙައްދު ތޮށިގަނޑުމައްޗަށް އުރި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ކާށިދޫއިން މާލެއަށް ދަތުރުކުރި "މިނިވަން" ނަމަކަށްކިޔާ ދޯނި މާލޭ ވެސްޓްޕާކް ސަރަޙައްދު އެއްގަމު ތޮށިމައްޗަށް އުރިފައިވަނީ މިއަދު މެންދުރު 13:00 ހާއިރު އެ ދޯނީގެ އިންޖީނު ހުއްޓިގެންކަމަށެވެ. ހަތަރު މީހުންނާއެކު ދަތުރުކުރި މިދޯނީގެ އެންމެންވެސް ދޯނި އުރުމުން އެއްގަމަށްއަރާފައިވާކަމަށ، އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެ ދޯނި ވަނީ ބޭނުންނުކުރެވޭވަރަށް އެއްކޮށް ހަލާކުވެފައެވެ.

މިދޯނީގައި ހުރި ގިނަ ޢަދަދެއްގެ މުދާ އެ ސަރަހައްދުން އޮޔާދާތީ އެ ސަރަޙާއްދުން ދަތުކުރާ އުޅަނދުތަކުން މިކަމަށް ސަމާލުކަން ދިނުމަށްވެސް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

މިދުވަސްވަރަކީ މޫސުން ގޯސްދުވަސް ވަރަކަށް ވުމާއެކު ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވާފައެވެ. މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުމަތީގެ ތަފާތު ހާދިސާތަައް ހިނގަމުންދާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުންދާކަމަށާއި، އެހެންކަމުން ކަނޑުދަތުރު ކުރާ އުޅަނދުތަކުގެ އޮޑިވެރިނާއި، ކެޕްޓަނުން، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމަތު ސާފުކުރުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި ދަތުރަށް ފެށުމުގެ ކުރިން އުނޅަދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި، ދިޔަ ހިއްކާ ޕަންޕު ފަދަ ނިޒާމްތައް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުނޅަދުގައި މީހުން އުފުލުމަށް ހުއްދަ އޮތް މިނަވަރަށް ވުރެއް ގިނައިން މީހުން ނުއުފުލުމާއި، އުނޅަދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރު ނުކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކަނޑު މަތީގައި އެއްވެސް ހާދިސާއެއް ހިނގައިފިނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅުމަށް ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.