ބެޑްމިންޓަން

ރަންމެޑަލް ހޯދައި ނުދެވުމުން އަޖްފާން މަޢާފަށް އެދިއްޖެ


ދިވެހިންނަށް ރަންމެޑަލް ހޯދައި ނުދެވުމުން ރާއްޖޭގައި މިވަގުތު ހުރި އެންމެ
މޮޅު އެއް ބެޑްމިންޓަން ކުޅުންތެރިޔާ މުޙައްމަދު އަޖުފާން ރަޝީދު ދިވެހި
ރައްޔިތުންގެ ކިބައިން މަޢާފަށް އެދިއްޖެއެވެ. ރަންމެޑެއްޔަށް އުއްމީދުކޮށްގެން،
މަސައްކަތްކޮށް ރަން މެޑަލް ހޯދަން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް އައި
މުޙައްމަދު އަޖުފާން އިންޑިވިޖުއަލް އިވެންޓް ނިންމާލީ ލޯ މެޑެއްޔާއެކުގައެވެ.
އޭނާ ވަނީ ސެމީފައިނަލްގައި ރީޔޫނިއަން ކުޅުންތެރިޔާ އަތުން ބަލިވެފައެވެ.
އަޖުފާންވެސް ހިމެނޭ ޓީމް އިވެންޓުން ލިބުނީ ރިހި މެޑައްޔެވެ.



އިންޑިވިޖުއަލް މެޗަށްފަހު ޓީވީއެމްއަށް މައުލޫމާތުދެމުން އަޖުފާން ބުނީ
އޭނާއަށް ހިތްވަރުދީ ސަޕޯރޓް ދިން އެންމެންނަށާއި، ރަން މެޑައްޔަށް އެދިގެން ތިބި
ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭކަމަށެވެ.



" އެންމެންގެ ކިބައިން މަޢާފަށް އެދެން. ޚާއްޞަކޮށް ސަޕޯރޓްކުރި
މީހުންނަށާއި، ސަޕޯރޓްކުރަން އައި މީހުންނަށް. ގޭމްސްއަށް އައީ ލޯ މެޑަލް
ހޯދާކަށްނޫން. ވަރަށް ބޮޑަށް މައާފަށް އެދެން. " އަޖުފާންގެ ފޭސްބުކް
ޕޭޖްގައިވެސް ލިޔެފައިވާ މެސެޖްގައި ވެއެވެ.



އަޖުފާން ވަނީ ފާއިތުވި ދުވަސްތަކުގައި ރާއްޖެއިން ބޭރުންވެސް ތަމްރީން
ހޯދާފައެވެ. ގޭމްސްއަށް އައީވެސް ތަމްރީންތަކުގައި ހުރެފައެވެ. އޭނާ
މަސައްކަތްކުރަމުން ދިޔައީވެސް ސީދާ މިގޭމްސްއިން ރަންމެޑަލް ހޯދުމަށެވެ.