ޚަބަރު

ކޯވިޑް-19 : އިތުރު 3 މީހަކު ބަލިން ރަނގަޅުވެއްޖެ


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 3 މީހުން ބަލިން ރަނގަޅުވެ ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ ޢަދަދު 49 އަށް އިތުރުވެއްޖެއެވެ. މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ.

މި ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި މި ބަލި މާލެއިން އެންމެ ފުރަތަމަ ފެނުނު ޖަރީމާގޭ ކްލަސްޓަރއަށް ނިސްބަތްވާ 2 އަހަރުގެ ތުއްތު ކުއްޖާވެސް ހިމެނެއެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި މާލެއިން ފެނުނު އެންމެ ބޮޑެތި ކްލަސްޓަރތަކަށް ނިސްބަތްވާ މީހުންވެސް ހިމެނެއެވެ.

ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުން ވިދާޅުވެފައި ރާއްޖޭގައި ބަލިން ރަނގަޅުވާ މުއްދަތު ލަސްކަމަށެވެ. ނަމަވެސް ކުރިއަށ ްއޮތް ހަފްތާގެ ތެރޭގައި ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނަގަޅުވާ މީހުންގެ ޢަދަދު އިތުރުވާނެކަމަށް ޓެގްގެ ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ޒުވާން ޢުމުރުފުރައިގެ މީހުންނެވެ. އަދި މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ޢަލާމާތްފެންނަ މީހުންނަށްވުރެ އެއްވެސް ޢަލާމާތެއް ނުފެންނަމީހުން ގިނަކަމަށް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދަޅުވެއެވެ. ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 1020 އަށް އަރާފައެވެ. މިހާރު ފަރުވާދެމުން އަންނަނީ 965 މީހުންނަށެވެ. މި ބަލީގައި ރާއްޖެއިން މަރުވެފައިވަނީ 4 މީހެކެވެ.