ޚަބަރު

ކޯވިޑް-19 : "ރިހެބަށް ބަލި ވަދެފައިވަނީ ފަރުވާ ހޯދަމުންދިޔަ މީހެއްގެ ފަރާތުންކަމަށް ބެލެވޭ"


މާލެ އަތޮޅު ހިންމަފުށީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުން ކޯވިޑް-19އަށް ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވަނީ އެތަނަށް ފަރުވާ ހޯދުމަށް ދާދި ފަހުން ދިޔަ މީހެއްގެ ފަރާތުންކަމަށް ބެލެވޭކަމުގައި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ލަފާކުރައްވަފިއެވެ.

މާލެއަތޮޅު ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރުން ނެގި 10 ސާމްޕަލްގެ ތެރެއިން 3 ސާމްޕަލެއް ޕޮޒިޓިވްވެފައިވާތީ އެކަމުގެ ތަފްސީލް ހާމަކުރައްވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރ ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ، އެ 3 މީހުން ޕޮޒިޓިވް ވެފައިވަނީ އެސެންޓަރުން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިންކަމަށެވެ. މިހާރު އެސެންޓަރުގެ ކޮންޓެކްޓް ޓްރޭސިންގެ ކަންކަން ކުރިއަށް ގެންގޮސް އެމީހުން ދެނެގަނެވިފައިވާކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ.

ޑޮކްޓަރ ނަޒްލާ ވިދާޅުވީ އެންމެ ފަހުން ރިހެބިލިޓޭޝަން ސެންޓަރަށް ފަރުވާ ހޯދުމަށް މީހުން ގެންގޮސްފައިވަނީ މިދިޔަ އޭޕްރީލް 12ވަނަ ދުވަހުކަމަށެވެ. އެދުވަހު 4 މީހަކު ގޮސްފައިވެއެވެ. އެތަނުން އެކަކު މާލޭގައި އުޅުނުއިރު އޭނާ ގޮސް އުޅުނު ގެއަކުން މިއަދު ޕޮޒިޓިވް މީހެއް ފެނިފައިވާތީ، ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް ބަލިދިއުމުގެ ފުރުޞަތު އޮތްކަމެއްކަމަށް ލަފާކުރެވެނީ އެގޮތުންކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"މި ހަތަރު މީހުންގެ ތެރެއިން 2 މީހުން އެތަނުގައ ނުއެއްނެތް. އެކަކު ހުރީ އޭނާގެ އާއިލާއަށް ދިމާވި ހާދިސާއަކާއި ގުޅިގެން މާލެ ގެނެސްފަ އޭނާގެ ފެމިލީއާއެކު. އަނެކަކުވެސް އޭނާ އެތަނަށް ދިޔަތާ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަނބުރާ އަތުއްވެއްޖެ. އިތުރަށް 13 ވަނަ ދުވަހު ދިޔަ ހަތަރުވަނަ މީހާ އަޅުގަނޑުމެން ބެލިއިރު އޭނަ ޑީސީއާރުސީއަށް ދިއުމުގެ ކުރިން މާލޭގައި އުޅުނުއިރު ގޮއްސަހުރި ތަންތަން ބަލާލިއިރުގަ އޭނަ ގޮސްފަހުރި އެއްގެއަކުން މިއަދު ބޭރުމީހަކު ޕޮޒިޓިވް މީހަކު ވަނީ އައިޑެންޓިފައިކުރެވިފަ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑޮކްޓަރ ނަޒްލާ ވިދާޅުވީ، މިދިޔަ އޭޕްރީލްމަހުގެ 22ވަނަ ދުވަހު ރިހެބިލިޓޭޝަން ސެންޓަރު ފުރަބަންދު ކޮށްފައިވާކަމަށާ، އެތަނުގެ މުވައްޒަފުންނާއި، އެސެންޓަރުން ފަރުވާހޯދާ މީހުން އެތަނުން ބޭރަށް ނުކުތުން މަނާކޮށްފައިވާކަމަށެވެ. ނަމަވެސް މިހާތަނަށް ބެލިބެލުމުން އެތަން ފުރަބަންދުކުރެވިފައިވަނިކޮށް ބައެއް މުވައްޒަފުން މެނޭޖުމަންޓަށް ނޭނގި ރަށުތެރެއަށް ގޮސް އުޅެފައިވާކަން އެނގިފައިވާކަމަށާއި، އެމީހުންވެސް ދެނެގަނެވިފައިވާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ޑޮކްޓަރ ވިދާޅުވީ، އެސެންޓަރުން 3 މީހުން ޕޮޒިޓިވްވި ނަމަވެސް އެރަށުން އިތުރު މީހަކު މިހާތަނަށް ޕޮޒިޓިވްވެފައި ނުވާކަމަށާއި، އެރަށުގައިހުންނަ ސިނާޢީ ސަރަހައްދާއި، ރަށު ތެރެއިންނާއި އައްސޭރި ޖަލުން އިތުރު ސާމްޕަލްތަކެއް ނަގާފައިވާކަމަށެވެ. އެގޮތުން 156 ސަމްޕަލް ނަގަފައިވާކަމަށް ވިދާޅުވިއެވެ.

"މިއަދު ރެޕިޑް ރެސްޕޮންސް ޓީމެއް އެރަށަށް ގޮސް ޑީޓީއާރުސީން 37 ސާމްޕަލެއް، އައްސޭރި ޖަލުން 37 ސާމްޕަލް، އިންޑަސްޓްރިއަލް ޒޯނުން 45 ސާމްޕަލް އަދި އެރަށުތެރެއިން ރެންޑަމްކޮށް 38 ސާމްޕަލް، ޖުމްލަ 156 ސާމްޕަލް މިހާރުވަނީ ނަގައިގެން ގެނެވިފައި. އޭގެ ޓެސްޓިން ކަންތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން." ޑރ.ނަޒްލާ ވިދާޅުވިއެވެ.

އެންއީއޯސީގެ މިހާރުގެ އަމާޒަކީ ބަންދުކުރެވިފައި މީހުންތިބޭ ތަންތަނުން، ޚާއްޞަކޮށް މީހުން ބަލަހައްޓަމުންދާ ތަންތަނުން ސާމްޕަލް ނަގައި ޓެސްޓްކުރުންކަމަށާ، ކ.މާފުށީ ޖަލުންވެސް ސާމްޕަލްތަކެއް ނަގާފައިވާކަމަށް ޑޮކްޓަރ ވިދަޅުވިއެވެ. ނަމަވެސް އެ ސާމްޕަލްތައް ވަނީ ނެގެޓިވްވެފައެވެ. މީގެ އިތުރުން ކ.ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުންވެސް ސާމްޕަލް ނަގާފައިވާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.