ޚަބަރު

އާމްދަނީއަށް ބަދަލު އައިސްފައިވާ 18 ދާއިރާއެއް ޕެޓިޝަން ކޮމިޓީން ފާހަގަކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވައިފި


ކޯވިޑް-19އާ ގުޅިގެން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޢާމްދަނީ މަދުވެ ގެއްލުން ލިބިފައިވާ 18 ދާއިރާއެއް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ފާހަގަކޮށް މަޖިލީހުގެ ތަޅުމަށް ހުށައަޅަން ނިންމަވައިފިއެވެ.

ކޯވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން އާމްދަނީ މަދުވެ ގެއްލުން ލިބިފައިވާ ދާއިރާތަކުގެ ގޮތުގައި 18 ދާއިރާ ކޮމިޓީން ކަނޑައަޅާފައިވަނީ ކައުންސިލްތަކުން ހޯދާފައިވާ މަޢުލޫމާތުތަކަށް ރިޔާޢަތްކޮށެވެ.

ޢާމްދަނީ މަދުވެ ގެއްލުން ލިބިފައިވާ 18 ދާއިރާއަކީ

  • މަސްވެރިކަން
  • ފަރުމަސް ރިސޯޓްތަކަށް ވިއްކާ ފަރާތްތައް
  • ލަނޑާގެ މަސްވެރިކަންކުރާ ފަރާތްތައް
  • ދަނޑުވެރިކަން
  • ޓުއަރިޒަމް ދާއިރާ / ލޯކަލް ޓުއަރިޒަމްގެ ދާއިރާ
  • ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިކުރާ ފަރާތްތައް
  • ހޮޓާ އަދި ރެސްޓޯރަންޓްގެ މަސައްކަތްކުރާ ފަރާތްތައް
  • ކޮންސްޓްރަކްޝަން ދާއިރާ
  • ކޮޮންޓްރެކްޓް މަސައްކަތްކުރާ ފަރާތްތައް
  • ޕްރައިވެޓް ކުންފުނި އަދި އޮފީސްތަކުގައި މަސައްކަތްކުރާ ފަރާތްތައް
  • ފަންގިވިނުން
  • ރޯނުވެށުން
  • ލިޔެލާޖެހުން
  • ކުލީ ކޮޓަރި ދޫކުރާ ފަރާތްތައް
  • ޓިއުޝަންދޭ ފަރާތްތައް
  • ޓެކްސީކުރާ ފަރާތްތައް
  • ކަނޑުދަތުރުފަތުގެ ޚިދުމަތްދޭ ފަރާތްތައް
  • ލޯޯކަލް ކައުންސިލް އިންތިޚާބުގައި ބައިވެރިވެފައިވާ ފަރާތްތައް

ޕެޓިޝަން ކޮމިޓީގެ ރިޕޯޓްގައި މީގެތެރެއިން އެންމެބޮޑު ގެއްލުމެއް ލިބިފައިވަނީ ޓުއަރިޒަމްގެ ދާއިރާގައި މަސައްކަތް ފަރާތްތަކަށްކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ޖުމްލަކޮށް ހުރިހާ ރަށެއްގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދަށްވެފައިވާކަމަށްވެސް މި ރިޕޯޓްގައި ވަނީ ހިމަނާފައެވެ.

މި ރިޕޯޓް މިހާރު ވަނީ މަޖިލީހުގެ ރައީސްއަށް ފޮނުވާފައެވެ. މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދަޅުވެފައިވަނީ ކޯވިޑް-19އާ ގުޅިގެން ލިބޭ ގެއްލުންތަކާގުޅިގެން ސަރުކާރަށް ހުށަހެޅުއްވުމަށްޓަކައި 300އަށް ވުރެ ގިނަ ހުށައެޅުން މަޖިލީހުގެ 12 ކޮމިޓީއަކުން ލިބިވަޑައިގެންފައިވާކަމަށެވެ. އަދި މި ހުށައެޅުންތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅުމަށް ނިންމަވާފައިވެއެވެ. ސަރުކާރުން މިޙާލަތުގައި ނިންމަވާ ނިންމެވުންތަކުގައި މިހުށައެޅުންތަކަށް ރިޔާޢަތްކުރައްވަމުން ގެންދަވާކަމަށްވެސް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.