ޚަބަރު

ކޯވިޑް-19 : ބަލިމަޑުކަމުން އަރައިގަތުމަށްފަހުގައިވެސް ޓެކްނޮލޮޖީއަށް އަހުލުވެރިވުން މުހިންމު


ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ފަހުގައިވެސް ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ޓެކްނޮލޮޖީއަށް އަހުލުވެރިވުމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ގޮވާލައްވައިފިއެވެ.

ދުނިޔޭގެ ޓެލިކޮމިއުނިކޭޝަން ދުވަހުގ މުނާސަބުތައި މިނިސްޓަރ މަލީހު ދެއްވި ޚިތާބުގައި ވިދާޅުވީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަސް މި ފާހަގަ ކުރެވެނީ މުޅި ދުނިޔެ އަދި ރާއްޖެވެސް، ނުރައްކާތެރި ޞިއްޙީ ބަލިމަޑުކަމަކާ ހަނގުރާމަ ކުރަމުންދާ ދަނޑިވަޅުއްގައިކަމަށް.

މިއަހަރުގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ ޝިޢާރުގެ ގޮތުގައި ދުނިޔޭގެ މުވާސަލާތީ ޖަމްޢިއްޔާ އައި.ޓީ.ޔޫ އިން ކަނޑައަޅުއްވާފައިވަނީ: "އައިސީޓީ ފޯދި ސަސްޓެއިނަބަލް ޑިވޮލޮޕްމަންޓް ގޯލްސް"އެވެ. މިއީ 2030ވަނަ އަހަރަށް އަމާޒު ހިފާ، އ.ދ އިން ކަނޑައަޅާފައިވާ ދެމެހެއްޓެނެވި ތަރައްޤީގެ ލަޑުދަނޑިތަކަށް ވާސިލުވުމުގައި އައި.ސީ.ޓީ ވަސީލަތްތަކުގެ މުހިއްމުކަން ދެނެގަނެ، އިޤްތިޞާދީ، އިޖްތިމާޢީ އަދި ދެމެހެއްޓެނެވި ތިމާވެއްޓެއް ޤާއިމް ކުރުމަށް އައި.ސީ.ޓީ ވަސީލަތްތައް މެދުވެރިކޮށް ހޯދިދާނެ ރަގަޅު ހައްލުތަކަށް މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ބިނާކޮށް ކަނޑައަޅާފައިވާ ޝިއާރެކެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އައި.ސީ.ޓީ މާޙައުލަށް ބަލާލާއިރު، އެކަށީގެންވާ މިންވަރަކަށް ޚިދުމަތާއި އިންފްރާ ސްޓަރަކްޗަރ ތަރައްޤީ ކުރެވިފައިވާކަމަށެވ. އެގޮތުން ރާއްޖެއާއި ބޭރުދުނިޔެއާއި ސަބްމެރީން ފައިބަރ އޮޕްޓިކް ކޭބަލުން ގުޅާލުމުގެ އިރުތުން، ރާއްޖޭގެ އެތެރޭގައިވެސް ފައިބަރ ނެޓްވަރކްތައް ޤާއިމްކުރެވިފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި ދުވަހުން ދުވަހަށް ފައިބަރ ނެޓްވާރކާ ގުޅާލެވޭ ރަށްތައް އިތުރުވެ މިހާރު ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ފައިބަރ ނެޓްވާރކް މެދުވެރިކޮށް ބްރޯޑްބޭންޑް އިންޓަރނެޓް ޚިދްމަތް ފޯރުކޮށްދެވެމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެންމެހާ ކަންކޮޅުތަކަށް މޯބައިލް ފޯނާއި 4ޖީ ގެ ޚިދްމަތް ފޯރާފައި ވާއިރު، އެންމެ ފަހުގެ 5ޖީ ޓެކްނޮލޮޖީގެ ޚިދުމަތްވެސް ރާއްޖޭގެ ފޯރުކޮށްދޭން ފަށާފއިކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19ގެ މިހާލަތުގައި މުޅި ދުނިޔެ އިންޓަރނެޓަށް ބަރޯސާވެ، އޮފީސް ބައްދަލުވުންތަކާއި ޖަލްސާތަކާއި އާއިލީ ބައްދަލުވުންތައްވެސް މިއަދު އިންޓަރނެޓް މެދުވެރުކޮށް ބާއްވަމުންދާއިރު މުވާސަލާތީ ޚިދްމަތްތައް ބޭނުންކުރާ މިންވަރު އެތައްގުނައަކަށް އިތުރުވެފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ޢަދި މި ދަނޑިވަޅުގައި، ސަރުކާރުގެ އެދުމާއި އެއްގޮތަށް، ރާއްޖޭގެ މުވާސަލާތީ ކުންފުނިތަކުން، ރަގަޅު ފެންވަރެއްގައި ޚިދުމަތްތައްދީ އަދި ދަމަހަށްޓަން ކުރަމުން ގެންދާ ބުރަ މަސައްކަތްތަކަށް މިނިސްޓަރ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ދިމާވެފައިވާ އިޤްތިޞާދީ ދަތި ޙާލަތަށް ރިޢާޔަތްކޮށް ރައްޔިތުންނަށް ލުއިތައްލިބޭނޭ ގޮތަށް ޑޭޓާ އެލަވަންސް ތަކާއި ޑިސްކައުންޓްތައް ތަޢާރަފް ކޮށްފައިވާކަމީ ރައްޔިތުންނަށް އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމެއްކަމަށްވެސް މިނިސްޓރ ވިދާޅުވިއެވެ.

މުވާސަލާތީ ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކުން މިހާލަތުގައިވެސް މުޖްތަމަޢުގެ ލާބައާއި ފައިދާއަށް އައި.ސީ.ޓީ ގެ ވަޞީލަތްތައް، ރައްކާތެރިކަމާއިއެކު، ބޭނުންކުރެއްވުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހާއި ގުޅުވައިގެން، ޚިދުމަތްދޭ ފަރާތްތަކުންވެސް ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅާއެއްގޮތަށް ޓެލެކޮމިއުނިކޭޝަން އާއި އައި.ސީ.ޓިގެ ވަސީލަތްތަކާއި އައު ހޯދުންތަކުގެ އެހީގައި ދިރިއުޅުމުގެ ކަންކަން އިތުރަށް ތަރައްޤީކޮށްދެއްވައި އެންމެ މަތީ ހަރުފަތާހަމައަށް ގެންގޮސް ދެއްވުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ. އަދި މުޖުތަމަޢުގެ އެންމެހާ ފަރުދުންގެ ތަރައްޤީއަށް ވިސްނައިގެން އ.ދ އިން ކަނޑައަޅުއްވާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ގެ ލަޑުދަނޑިތަކަށް ދިވެހިރާއްޖެއިން ވާސިލުވުމުގައި އައި.ސީ.ޓީ ވަސީލަތްތަކުގެ އެންމެ ފުރިހަމަ ބޭނުންހިފޭނެ ގޮތަށް ޚިދްމަތްތަށް ތަރައްޤީ ކޮއްދެއްވުމަށްވެސް މިނިސްޓަގެ ހިތާބުގައި ވަނީ އެދިވަޑައިގެންފައެވެ.