ޚަބަރު

އުފަންދުވަހުގެ ތަހުނިޔާ ދެންނެވި މީހުންނަށް، ރައީސް ނަޝީދު ހަދިޔާކުރެއްވީ ލޯބީގެ ލަވައެއް


މިއަދަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުގެ 53ވަނަ އުފަންދުވެހެވެ. މިދުވަހުގެ ތަހުނިޔާ އެތައްބަޔަކު އަންނަނީ އެމަނިކުފާނަށް ރައްދުކުރަމުންނެވެ. މިގޮތުން އުފަންދުވަހުގެ ތަހުނިޔާ ދެންނެވި އެންމެހައި ބޭފުޅުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން އެމަނިކުފާނު ފޮނުއްވާފައިވަނީ ލޯބީގެ ލަވައެކެވެ.

ރައީސް ނަޝީދު އުފަންދުގެ ތަހުނިޔާ ރާއްޖޭގެ އެކިކަންކޮޅުތަކުން އެތައް ސަތޭކަބަޔަކުވަނީ ފޮނުވާފައެވެ. ސޯޝަލް މީޑިޔާގައި އެމަނިކުފާނަށް ތަހުނިޔާ ދެންނެވި އެތައްބަޔަކު ކޮށްފައިވާ ޓްވީޓްތަކާއި، މެސެޖްތަކަށް އެމަނިކުފާނު ޖަވާބު މިދެއްވީ މުޅިން ތަފާތުގޮތަކަށެވެ. ރާއްޖޭގެ މަޝްހޫރު ދެ ލަވަކިއުންތެރިން ކަމުގައިވާ "އަޝްރާއާއި، ކުޑައިއްބެ" ކިޔާފައިވާ ލަވައެއް ޓްވިޓާގައި ޕޯސްޓްކޮށް އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވި އެންމެނަށް ރައީސް ނަޝީދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެމަނިކުފާނުގެ ޓްވީޓްގައި ވިދާޅުވީ މިއަދު ރާއްޖެ ކުރިމަތިލާފައި މިވާފަދަ ދުވަސްތައް މީގެކުރިންވެސް ރާއްޖެ ދެކެފައިވާކަމަށެވެ. އަދި މިކަންކަމާ ހިތްވަރާއެކު ކުރިމަތިލައި މީގެކުރިންވެސް ކާމިޔާބާ ހަމަޔަށް ވާސިލް ވެފައިވާކަން ރައީސް ނަޝީދު ފާހަގަކުރައްވާފައިވެއެވެ. މިފަހަރުގެ މިއުދަނގޫ ދަތި ދަނޑިވަޅުގައިވެސް ހިތްވަރާއިއެކު ކުރިމަތިލައި ކާމިޔާބީއާ ހަމަޔަށް ދެވޭނެކަމުގެ އުންމީދު އެބައޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ޝެއަރކުރައްވާފައިވާ "ރޭނިދީގާވެސް ދުށީމޭ" މިލަވައިގައި ކިޔަނީ ދެލޯބިވެރިޔަކު ދުރުގައި ތިބި ތިބުން ނުމުމަކަށް ގެނެސް ގާތަށް އައުމަށް އެދި ކިޔަމުންދާ ލޯބީގެ ބަސްތަކެކެވެ. މިހާރު އަޅުގަނޑުމެން މިވަނީ ކޯވިޑް-19އާ ގުޅިގެން ލޯބިވާ އެތައް ބަޔަކާ ދުރުގައެވެ. އެމަނިކުފާނުވަނީ މިލަވަ މިޙާލަތާ ގުޅުވާފައިކަމަށް ބެލެވެއެވެ.

"ރޭނިދީގާވެސް ދުށީމޭ" މިލަވަޔަކީ ހިންދުސްތާނު ލައެއްވެ ރާގަށް ހަދާފައިވާ ދިވެހިލަވައެކެވެ. އޮރިޖިނަލް ދިވެހިލަވަ ކިޔާފައިވަނީ ކުރީގެ މަޝްރޫހު ލަވަކިއުންތެރިޔާ ޢަލީ ރަމީޒާއި، ފާޒިލާ އާމިރެވެ. ރައީސް ނަޝީދު ޝެއަރކުރެއްވީ މިލަވައިގެ ކަވަރ ލަވައެކެވެ. މިކަވަރ އުފެެއްދީ ކުރީގެ މަޝްހޫރު ވިޝުއަލް ރޭޑިއޯ ދިޕްލަސްއިންނެވެ.

ކޯވިޑް-19ގެ ބަލިމަޑުކަން ރާއްޖޭގައިއޮތް މިދަނޑުވަޅުގައި ރައީސް ނަޝީދު މިދުޔަ މާރޗްމަހު އިގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށްފަހު އެމަނިކުފާނުވެސް ވަނީ ކޯވިޑް-19އަށް ޓެސްޓްކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގައި އެމަނކިކުފާނުގެ ސާމްޕަލް ނަގާފައިވަނީ އޭޕްރީމް މަހުގެ ފުރަތަމަދުވަހުއެވެ. އެމަނިކުފާނުގެ ސާމްޕަލްވަނީ ކޯވިޑް-19އަށް ނެގެޓިވްވެފައެވެ.