ޚަބަރު

ކޯވިޑް-19 : ބަލިޖެހޭ ޢަދަދު ވަނީ ދަށްވާން ފަށާފައި- ޑރ.އަފްޒަލް


ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވަން ފަށާފައިވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްުރޫޕުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރ ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ، ކޯވިޑަށް ޓެސްޓްކުރުމަށް މިހާތަނަށް ސާމްޕަލް ނަގާ މިންވަރު ދުވަހުން ދުވަހަށް އިތުރުވެފައިވާކަމަށެވެ. ނަމަވެސް ބަލިޖެހޭ މީހުންގެ ޢަދަދު ދަށްކަމަށް ފެންނަކަމަށް ވިދާޅުވިއެވެ. މިއަދު ޕޮޒިޓިވްވެފައިވަނީ 12 މީހެކެވެ.

ފާއިތުވި ހަތަރު ދުވަހުގެ ތަފާސް ހިސާބުތަކާއި ހަވާލާދެއްވާ ޑޮކްޓަރ އަފްޒަލް ވިދާޅުވީ، ދުވާލެއްގެ މައްޗަށް 350 އަށްވުރެ ގިނަ ސާމްޕަލް ޓެސްޓްކުރެވެމުންދާކަމަށެވެ.

ފާއިތުވި 4 ދުވަހު ކޯވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގި ނިސްބަތް:

  • 13 މެއި 300 ސާމްޕަލް
  • 14 މެއި 555 ސާމްޕަލް
  • 15 މެއި 472 ސާމްޕަލް
  • 16 މެއި 506 ސާމްޕަލް


ޑޮކްޓަރ އަފްޒަލް ވިދާޅުވީ ރާއްޖޭގައި އެންމެ މަދުވެގެން ދުވާލަކު 350 މީހުންގެ ސާމަޕަލް ޓެސްޓުކުރެވޭކަމަށާއި، ނަމަވެސް ކޯވިޑަށް ޕޮޒިޓިވްވާ ޢަދަދު ދަށްވަމުންދަނީ ޑޮކްޓަރުން ދޭ އިރުޝާދުތަކައް ޢާންމުން ސަމާލުކަންދޭ މިންވަރު އިތުރުވުމުންކަމަށް ބެލެވޭކަމަށެވެ. އޭގެތެރޭގައި ދޭސީންނާއި ބިދޭސީން ހިމެނޭކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ދޭ އިރުޝަދުތައް ވިސްނި އެކަމަށް އަމަލުވެސް އެބަކުރޭ. މިގޮތަށް އަޅުގަނޑުމެންގެ އިރުޝަދުތަކަށް އަމަލުކުރާނަމަ މި ނަންބަރުތައް މެއިންޓެއިންކުރެވޭނެ" ޑރ.އަފްޒަލް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ވަނީ 1090 މީހުން ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މިހާރު ހިނގަމުން މިދާ ދެ ހަފްތާއަކީ ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވާނެކަމަށް ކުރިން ލަފާކޮށްފައިވާ ދުވަސްވަރެވެ. ނަމަވެސް ކުރިން އަންދާޒާކުރި މިންވަރަށް ބަލިޖެހޭ މީހުންގެ ޢަދަދު ދަށްކަމަށް ޓެގް ޓީމުން ވަނީ ވިދާޅުވެފައެވެ.

ޑރ.އަފްޒަލް ވިދާޅުވީ، ކޯވިޑް-19 ޖެހޭނެކަމަށް އަންދާޒާކޮށް ހަދާފައިވާ ޕްރޮޖެކްޝަން ނުވަތަ އަންދާޒާ އަލުން މުރާޖާޢާ ކުރައްވާނެކަމަށެވެ. އަދި ފުރަބަންދު އުވާލާނީ އެ މުރާޖަޢާ ކުރުމަށްފަހުކަމަށްވެސް ޑރ.އަފްޒަލް ވިދަޅުވިއެވެ.

ޑރ.ޝީނާ އަންދާޒާކޮށް ހެއްދެވި ޕްރެޖެކްޝަނަށްވުރެ ބަލިޖެހޭ މީހުންގެ ޢަދަދު މަދީ ޓެސްޓްކުރެވޭ ޢަދަދު ދަށްވީމަތޯޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ.އަފްޒަލް ވިދާޅުވީ ފުރަބަންދުގައި ބަލިޖެހޭ މީހުންގެ ޢަދަދު ދަށްވާނެކަމަށެވެ. ފުރަބަންދުކުރުމަކީ ބަލި ފެތުރޭ މިންވަރު ކުޑަކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅުކަންވެސް ޑޮކްޓަރ ފާހަގަކުރެއްވިއެވެ.

"ފުރަތަމަ އަޅުގަނޑުމެން އިނީޝިއަލް ލޮކްޑައުންގައި ކޭސް ނަންބަރަށް ބަލާފަ ޕްރޮޖެކްޝަންސް އެހުރީ ހަދާފަ. ނަމަވެސް ކުރިއަށް އޮތްތާނގައި މިސާލަކަށް ކުރިއަށް އޮތް ހަފްތާތަކުގައި މަދުވަމުންދާނަމަ ސްޓަޑީކޮށް މަދުވަމުންކަމަށްވަންޔާ ދެން އަޅުގަނޑުމެން ބަލާނީ ތެސްތްކުރާ މިންވަރު ހުރީ ކިހާވަރެއްގަތޯ.ޓެސްޓްކުރާ މިންވަރު ދަށްނުވާކަމަށްވަންޏާ އެޓްލީސްޓް ހުރި މިންވަރުގަ ހުރިކަމަށްވިޔަސް އެއްކަމެއް އެނގޭނެތާ. ހުރި ލެވެލްގަ ހުރެގެންވެސް ކޭސް އިތުރުވާކަމަށްވަންޏާ ފެންނަލެއްވެސް އިތުރުވާންޖެހޭނެ."ޑރ.އަފްޒަލް ވިދާޅުވިއެވެ.

ޑޮކްޓަރ ވިދާޅުވީ ބަލި ފެތުރޭ އަދަދު އިތުރު ނުވާނަމަ ބެލެވޭނީ ރައްކާތެރިވުމަށް އަޅަފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުކަމުގެ ނިޝާނެއްގެ ގޮތުގައިކަމަށެވެ.

"މިހާރު މަގުމަތީ ހިނގާލިޔަސް އަދި ފިހާރަތަކުންވެސް ފެނޭ ވަރަށް އިންޑިވިޑުއަލް ލެވެލްއެއްގަ ފިޔަވަޅުތައް އަޅައިގެން ގްލޯވްސްއާއި މާސްކް އަޅައިގެން ގައިދުރުކަން ބަހައްޓާތަން. އަލުގަނޑު ނުދަންނަވަން އެންމެން އެކަން ކުރާނެކަމަކަށް. އެހެންނަމަވެސް ނިސްބަތުން ގިނަބަޔަކު އެ މެސެޖު ލިބިގަނެ ބަލައިގަނެގެން އެކަމަށް ޢަމަލުކުރާތަން މި ފެންނަނީ."ޑރ.އަފްޒަލް ވިދާޅުވިއެވެ.

ޑޮކްޓަރ ވިދާޅުވީ މިހާރު ކޭސްތައް ފެންނަ ނިސްބަތަށް ބަލާ އަންދާޒާއަކަށް ނުވަތަ އާ ޕްރޮޖެކްޝަނަކަށް ދާނެކަމަށާއި، މިހާރުގެ ހާލަތަށް އަންނަ ބަދަލަށް ބަލާއިރު ޕީކް ވާނެކަމަށް އަންދާޒާ ކުރެވުނު ވަރު ދަށްވަމުންދާކަމަށެވެ.