ވިޔަފާރި

އިމާރާތްކުރުމުގެ ސިނާއަތް ކުރިއެރުވުމަށް ބައިނަލްއަޤްވާމީ މަޝްވަރާ ބައްދަލުވުމެއް މަސީން ބާއްވައިފި


ކޯވިޑް-19އާ ގުޅިގެން އިމާރާތްކުރުމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، މި ސިނާއަތަށް ކުރަމުންދާ އަސަރުތަކާއި ގުޅޭގޮތުން ބައިނަލްއަޤްވާމީ ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް މަސީން ބާއްވައިފިއެވެ.

އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަރން ޕެސިފިކް ކޮންޓްރެކްޓަރސް އެސޯސިއޭޝަންސް – އިފޮޕްކާގެ ރައީސްގެ ޙައިސިއްޔަތުން މަސީގެ ރައީސް މުޙައްމަދު ޢަލީ ޖަނާޙް ބޭއްވި މި ބައްދަލުވުމުގައި 18 މެމްބަރު ޤައުމުން ޖުމްލަ 66 ފަރާތެއް ބައިވެރިވެފައިވެއެވެ.

މަސީއިން ބުނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި މި ބައްދަލުވުމުގައި ކޯވިޑް-19 އާއި ގުޅިގެން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ކުރަމުންދާ އަސަރުތަކާއި، މި ބަލިން ރައްކާތެރިވުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްވަރާކޮށް، މިފަދަ ދަނޑިވަޅެއްގައި އިތުރު އިންވެސްޓްމަންޓްތައް ޕްރޮމޯޓްކުރުމަށާއި ނިއު ނޯމަލްއަކަށް ދިއުމާއި ބެހޭގޮތުން އިންޑަސްޓްރީގެ ބައިނަލްއަޤްވާމީ ސްޓޭކްހޯލްޑަރުންނާއިއެކު މަޝްވަރާކޮށްފައިވާކަމަށެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި، ޗައިނާ އިންޓަރނޭޝަނަލް ކޮންޓްރެކްޓަރސް އެސޯސިއޭޝަންސް އާއި ކޮންފެޑެރޭޝަން އޮފް އިންޓަނޭޝަނަލް ކޮންޓްރެކްޓަރސް އެސޯސިއޭޝަންސް ގެ ފަރާތުން އެތަންތަނުގެ ވެރިން ބައިވެރިވި މިބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ. މީގެއިތުރުން އިފޮޕްކާގެ ރައީސް އަދި މަސީގެ ރައީސް ފޮނުއްވި ދަޢުވަތު ޤަބޫލްކޮށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުންވެސް މި ބައްދަލުވުމުގައި ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރޭގައި ޗައިނާ އިންޓަރނޭޝަނަލް ކޮންޓްރެކްޓަރސް އެސޯސިއޭޝަންސްގެ ރައީސް ފަންގް ކީޗެންއާއި ކޮންފެޑެރޭޝަން އޮފް އިންޓަނޭޝަނަލް ކޮންޓްރެކްޓަރސް އެސޯސިއޭޝަންސްގެ ރައީސްއާއި ނާއިބު ރައީސް ހިމެނެއެވެ.

މިބައްދަލުވުން ފަށްޓަވައިދެއްވުމަށްފަހު ކޮންމެ ޤައުމެއްގެ ކޮންސްޓްރަކްޝަން އެސޯސިއޭޝަނުން ތައްޔާރުކޮށްފައިވާ "ކަންޓްރީ ރިޕޯޓް"ގެ ޚުލާސާ އެއް އިފޮޕްކާގެ ރައީސް އަދި މަސީގެ ރައީސް މުޙައްމަދު ޢަލީ ޖަނާހް ބައިވެރިންނަށް ހުށަހަޅުއްވިއެވެ.

އޭޑީބީގެ ފަރާތުން މިވަގުތު އޭޝިއާ ރީޖަންގައި ފަންޑުކޮށްގެން ކުރިއަށް ގެންދާ އެތަކެއް ޕްރޮޖެކްޓްތަކެއް ހުރިއިރު، އޭޑީބީގެ މެމްބަރުންނާއި ޕްރޮޖެކްޓަތަކުގެ ސޭފްޓީއާއި ހެލްތްގެ ކަންކަން ވަރަށް ގާތުން މޮނިޓަރކުރަމުންދާކަމަށް އޭޑީބީން ފާހަގަކުރިއެވެ.

ޗައިނާގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން އެސޯސިއޭޝަން ކަމުގައިވާ ޗައިނާ އިންޓަރނޭޝަނަލް ކޮންޓްރެކްޓަރސް އެސޯސިއޭޝަންސް އިން މިވަގުތު ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ
ޖުމްލަ އަގަކީ 33 ބިލިއަން އެމެރިކާ ޑޮލަރެވެ. މިކޮންފަރެންސްގެ ތެރޭގައި އެ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން މި އަހަރު ޑިސެމްބަރުގައި މަކާއުގައި ބާއްވާ އިންފްރާސްޓްރަކްޗަރ ސަމިޓުގައި ބައިވެރިވުމަށް އިފޮޕްކާ ރައީސް އަދި މަސީގެ ރައީސް މުޙައްމަދު ޢަލީ ޖަނާޙަށް ވަނީ ދަޢުވަތު އެރުވާފައެވެ.

އިފޮޕްކާއަކީ އޭޝިއާ ޕެސިފިކް ރީޖަންގެ ކޮންޓްރެކްޓަރުން ތަމްސީލްކޮށްދޭ އެންމެ ބޮޑު ޖަމްއިއްޔާއެވެ. އަދި އިންޓަރނޭޝަނަލް ކޮންސްޓްރަކްޓަރސް އެސޯސިއޭޝަން، ސިކާ އަކީ ޔޫރަޕާއި އެމެރިކާގެ ކޮންޓްރެކްޓަރުން ތަމްސީލުކޮށްދޭ އެންމެ ބޮޑު ބައިނަލްއަޤްވާމީ ޖަމްއިއްޔާއެވެ. އިފޮޕްކާ އާއި ސިކާއިން ކުރިއަށް އޮތް ތަނުގައި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، ވޯލްޑް ބޭންކް، އިންޓަރނޭޝަންލް ފެޑެރޭޝަން އޮފް ކޮންސަލްޓިންގް އިންޖިނިއަރސް ފަދަ އިތުރު ބައިނަލްއަޤްވާމީ އޭޖެންސީތަކާއި ބައްދަލުކޮށް ކޮންޓްރެކްޓަރުންނަށް އެއްބާރުލުމާއި އިރުޝާދު ދިނުމަށާއި އިންވެސްޓްމަންޓް ޕްރޮމޯޓްކުރުމަށްޓަކައި މަޝްވަރާކުރާނެކަމަށް މަސީއިން ބުނެއެވެ.