ވިޔަފާރި

އެސްޓީއޯއަށް 15 މިލިއަން ޑޮލަރުގެ ލޯނެއް އައި.ޓީ.އެފް.ސީން ހަމަޖައްސައިދީފި


ކޯވިޑް-19އާ ގުޅިގެން އެސްޓީއޯއަށް 15 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް އައި.ޓީ.އެފް.ސީން ހަމަޖައްސައިދީފިއެވެ.

އެސްޓީއޯއިން މައުލޫމާތުދޭގޮތުގައި ކޯވިޑް-19 އާއި ގުޅިގެން ކުރާ މަސައްކަތްތަކުގައި އެހީތެރިވުމުގެ ގޮތުން ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ހޯދުމަށްޓަކައި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ)ގެ ފަރާތުން އިމަޖެންސީ ފައިނޭންސިންގ ގެގޮތުގައި 15 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް އެސްޓީއޯއަށް ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި މީގެއިތުރުން، ކޮރޯނާވައިރަސް އާދެކޮޅަށް ކުރާ މަސައްކަތުގައި ބޭނުންކުރާ އިމަޖަންސީ މެޑިކަލް އިކުވިޕްމަންޓް ހޯދުމުގައި އެހީތެރިވުމަށްޓަކައި، އައި.ޓީ.އެފް.ސީއިން ވަނީ ދިވެހިރާއްޖެ އަށް ހިލޭ އެހީ (ގްރާންޓް) ފޯރުކޮށްދިނުމަށްވެސް ނިންމާފައެވެ.

އައި.ޓީ.އެފް.ސީ އިން ދޭ ލޯނާއި ހިލޭ އެހީ އަކީ، އެކުންފުނިން ކޯވިޑް-19 އާއިދެކޮޅަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެކުންފުނީގެ މެމްބަރު ޤައުމުތަކަށް އެހީވުމުގެ ގޮތުން ދޭ އެހީއެކެވެ.

އައި.ޓީ.އެފް.ސީ ގެ ކޯވިޑް-19 ރެޕިޑް ރެސްޕޮންސް ފެސިލިޓީގެ 300 މިލިއަން އެމެރިކާ ޑޮލަރަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ރެސްޕޮންސް ޕެކެޖްގެ ގޮތުގައި ކަނޑައަޅާފައިވާ 2.3 ބިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން ބައެކެވެ.

އައި.ޓީ.އެފް.ސީގެ ފައިނޭންސް އަދި ގްރާންޓްގެ އެހީއާއެކު އެސްޓީއޯއިން ކާޑާ، ބޭހާ، އަދި ސިއްހީ މަސައްކަތްތެރިންނަށް ބޭނުންވާ އެންޓި-ފޮގް ފޭސް ޝީލްޑް، ސޭފްޓީ ގޮގްލް، އަދި ޕްރޮޓެކްޓިވް ޔުނިފޯމް ސޫޓް ފަދަ މުހިއްމު ޕަރސަނަލް ޕްރޮޓެކްޓިވް އިކުވިޕްމަންޓް ތައް ފޯރުކޮށްދޭނެކަމަށް އެކުންފުނިން ހާމަކުރެއެވެ.

އައި.ޓީ.އެފް.ސީގެ ޕެކޭޖް އާބެހޭގޮތުން އައި.ޓީ.އެފް.ސީ ގެ ސީއީއޯ އެންޖިނިއަރ ހާނީ ސަލެމް ސޮންބޮލް، ވިދާޅުވީ މިފަދަ ދަތި ވަގުތެއްގައި މިކުންފުނީގެ މެމްބަރު ޤައުމުތަކަށް ބޭނުންވާ މުހިއްމު ކަންތައްތަކުގައި އެހީވުމަށް އެފަރާތްތަކާއެކު ތިބުމަކީ ކުންފުނީގެ މެންޑޭޓެއް ކަމަށެވެ. އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ ޙާއްސަ ޕެކެޖާ ގުޅިގެން، އައި.ޓީ.އެފް.ސީއިން ދަނީ ނޮވެލް ކޮރޯނާވައިރަސް އާދެކޮޅަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތުގައި ލުއިކޮށްދިނުމަށްޓަކައި، މުހިއްމު ދެ ދާއިރާ ކަމުގައިވާ ކާބޯތަކެއްޗާއި ސިއްހީ ކަންތައްތަކަށް ބޭނުންވާ އެހީ ފޯރުކޮށްދެމުންކަމަށް އޭނާ ވިދާޅުވިއެވެ.

އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު ވިދާޅުވީ، ކޯވިޑް-19 އަށް ދިވެހިރާއްޖެ އައީ ވަރަށް ކުރިން ތައްޔާރުވަމުން ކަމަށާ، މިކަމަށްޓަކައި ރިސްކް އެސެސްމަންޓްތައް ހެދި، ނޭޝަނަލް ރެސްޕޯންސް ގައިޑްލައިން އާއިއެކު ހެލްތް އިމަޖަންސީ ކޯޑިނޭޝަން ކޮމިޓީ އެއް ޤާއިމްކުރެވި، ރާއްޖޭގައި ވައިރަސް އަށް ޓެސްޓް ކުރެވޭނެ ގޮތްތައް ހަމަޖެއްސުމަށްޓަކައި ޓެސްޓް ކިޓްތައް ހޯދުމުގެ މަސައްކަތްތައްވެސް ބާރަށް ކުރިއަށްގެންދެވިފައިވާ ކަމަށެވެ. އަދި އައި.ޓީ.އެފް.ސީ އިން އެސްޓީއޯ އަށް ފޯރުކޮށްދީފައިވާ ގްރާންޓްގެ ސަބަބުން، ރިސްކްތައް ދެނެގަތުމަށާ، ސްކްރީން ކުރުމާ، ކޮންޓެކްޓް ޓްރޭސިންގ ހެދުމާ، ބައްޔަށް ޝައްކު ކުރެވޭ އަދި ބަލިޖެހިފައިވާ ފަރާތްތައް ޓެސްޓް ކުރުމަށްޓަކާ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަވެ، ހަރުދަނާ ވާނެ ކަމަށްވެސް އަމްރު ވިދާޅުވިއެވެ. މީގެ އިތުރުން، މިފަންޑިންގ ގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތައްވެސް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) އަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގްރޫޕްގެ މެމްބަރެކެވެ. ކުންފުނި އުފެއްދުމުގެ މައިގަނޑު މަގްސަދަކީ އޯ.އައި.ސީ މެމްބަރު ގައުމުތަކުގެ މެދުގައި ވިޔަފާރި ކުރިއެރުވުމާއެކު، މީގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޖްތިމާއީ އަދި އިގްތިސާދީ ކަންތައްތައްވެސް އިތުރަށް ކުރިއަރައިގެން ދިއުމެވެ.