ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 1300 އަށްވުރެ މައްޗަށް


ރާއްޖެއިން ކޯވިޑް-19އަށް އިތުރު 39 މީހަކު ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 1313އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި، ބަންގްލަދޭޝް 15 މީހެއްގެ އިތުރުން އިންޑިޔާ 7 އަދި ސްރީލަންކާގެ މީހެކެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 109 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ އެކި ފެސިލިޓީތަކުގައި މަސައްކަތްކުރާ މީހުންނައި، ތޮއްޖެހިގެން މާލޭގައި އުޅޭ ބިދޭސީންގެ ތެރެއިން ނެގޭ ސާމްޕަލްތަކުން ޕޮޒިޓިވްވާ މީހުންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިދިޔަ ހަފްތާގެ އަދީއްތަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ރާއްޖެއިން މީހުން ޕޮޒިޓިވްވެފައިވާ ގޮތަށްބަލާއިރު އެންމެ ގިނަ ޢަދަދަކަށް މީހުން ޕޮޒިޓިވްވެފައިވަނީ އަންގާރަ ދުވަހުއެވެ. އެދުވަހު 69 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ނިމިދިޔަ ހަފްތާގެ އާދީއްތަ ދުވަހުންފެށިގެން މިއަދުގެ ނިޔަލަށް ޕޮޒިޓީވް ކޭސްތައް ފެނިފައިވާ ގޮތް
17 މެއި 14 މީހުން
18 މެއި 19 މީހުން
19 މެއި 69މީހުން
20 މެއި 23 މީހުން
21 މެއި 6 މީހުން
22 މެއި 58 މީހުން
23 މެއި 39 މީހުން

ފާއިތުވެދިޔަ ހަފްތާގެ އާދީތަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ރާއްޖެއިން ވަނީ 228 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައެވެ. ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ލުއިތަކެއް ދިނުމަށް ނިންމާފައިވާއިރު އާންމު ރައްޔިތުން މިކަމަށް ވަރަށްބޮޑަށް ސަމާލުވުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރައްވަމުންނެވެ.