މުނިފޫހިފިލުވުން

"ފުކްރޭ-3" ޙާއްސަކުރާނީ ކޯވިޑް-19 އާއި ގުޅިގެން ދިމާވާ ކަންކަމަށް!


ލޯ ބަޖެޓަކާ އެއްކޮށް އުފައްދާ ފިލްމްތައް ގިނަ ފަހަރަށް ވެގެންދަނީ ބެލުންތެރިންގެ މެދުގައި އެހާ ނަން ހިނގާ ފިލްމްތަކަކަށް ނޫނެވެ. މަދު ފިލްމަކަށް ނޫނީ ބޮލީވުޑް ބޮކްސް އޮފީހުގައި އެކަށީގެންވާ އާމްދަނީއެއް ހޯދިފައެއް ނުވެއެވެ.

އޭގެ ތެރެއިން އެއް ފިލްމަކީ "ފުކްރޭ" އެވެ. މިއީ ހިންދީ ކޮމެޑީ ފިލްމްތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި މަޤުބޫލުކަމެއް ހޯދި ފިލްމެކެވެ. ފިލްމުގެ ކޮންސެޕްޓާއި، ޑައިލޮގްތަކަށް ބެލުންތެރިންގެ ފަރާތުންވެސް ރަނގަޅު ކޮމެންޓްތަކެއް ވަނީ ލިބިފައެވެ.

2013 ވަނަ އަހަރު ރިލީޒްކުރި "ފުކްރޭ"އާއި 2017 ވަނަ އަހަރު ރިލީޒް ކުރި "ފުކްރޭ ރިޓާންސް" އަށްފަހު، މި ފިލްމުގެ ތިންވަނަ ބައެއް އުފައްދަން އުޅޭކަން ޑައިރެކްޓަރ މްރިގްދީޕް ސިންގް ލަމްބާ ހާމަކޮށްފައިވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅެވެ. މިހާތަނަށް އައިއިރު ފިލްމާގުޅޭ މާބޮޑެތި ތަފްޞީލުތަކެއް ހާމަކޮށްފައިނުވިނަމަވެސް، ދާދިފަހުން މްރިގްދީޕް މިވަނީ ފިމްމުގެ ކޮންސެޕްޓާއި ގުޅޭ ކޮންމެވެސް ވަރެއްގެ މަޢުލޫމާތުތަކެއް ހިއްސާކޮށްފައެވެ.

އެގޮތުން "ފުކްރޭ"ގެ ތިން ވަނަ ބައި ޚާއްސަކުރާނީ ކޯވިޑް-19ގެ ސަބަބުން އިންޑިއާއަށް ކުރި އަސަރުތަކުގެ މައްޗަށްކަމަށް މްރިގްދީޕް ބުނެފައިވެއެވެ.

މި ފިލްމަށް ބޭނުންވާ ވާހަކައިގެ މަަސައްކަތް އިންޑިއާގައި ފުރަބަންދު އިޢުލާންކުރުމުގެ ކުރިން ކޮންމެވެސް ވަރަކަށް ކުރިއަށްގޮސްފައި ވާތީ، ފިލްމުގެ ކޮންސެޕްޓަށް ގެނައި ބަދަލާއި އެއްގޮތަށް ވާހަކައަށް ގެންނަންޖެހޭ ބަދަލުތައް ގެނެއުމަށް ޕްރޮޑަކްޝަން ޓީމުން ވީޑިއޯ ކޯލްތަކާއި، ވާޗުއަލް މީޓިންގތައް ބާއްވައިގެން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ފުރަބަންދުގެ މުއްދަތުހަމަވެ، ފިލްމް އިންޑަސްޓްރީގެ މަސައްކަތްތައް ފެށުނުހާ އަވަހަކަށް ފިލްމް ޝޫޓްކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

މި ފިލްމުން ކޯވިޑް-19ގެ ސަބަބުން އާއްމުންނަށް ނުރަނގަޅު އަސަރެއްކޮށްފާނެ ފަދަ އެއްވެސް ކަމެއް ނުދައްކާނެކަމަށް މަރިގްދީޕް ބުނެފައިވެއެވެ. އަދި މިއީ މިހާތަނަށް މި ފްރެންޗައިޒްގެ ދަށުން ގެނެސްދޭ އެންމެ މަޖާ ފިލްމަށް ވެގެންދާނެކަމަށްވެސް ފިލްމުގެ ޑައިރެކްޓަރ ވަނީ ބުނެފައެވެ.

"ފުކްރޭ" ކުރީ 2 ފިލްމުގައިވެސް މެއިން ރޯލުތަކުން ފެނިފައިވަނީ ޕުލްކިތު ސަމްރަތު، ވަރުން ޝަރުމާ، ޢަލީ ފަޒަލް، މަންޖޯތު ސިންގް އަދި ރިޗާ ޗައްޑާއެވެ. "ފުކްރޭ" އަށް 36 ކްރޯޑް ރުޕީސްގެ ޢާމްދަނީއެއް ލިބިފައިވާއިރު، "ފުކްރޭ ރިޓާންސް" ވަނީ 106 ކްރޯޑް ރުޕީސްގެ ޢާމްދަނީއެއް ބޮކްސް އޮފީހުގައި ހޯދާފައެވެ. އެހެންކަމުން ފިލްމުގެ 3 ވަނަ ބަޔަށް ކުރެވޭ އުއްމީދު ވަކި ކުޑައެއްނޫނެވެ.