"ކްރިޝް" ފްރެންޗައިޒްގެ ފިލްމްތަކަކީ ބޮލީވުޑް ސްކްރީންތަކަށް މިހާތަނަށް އައި އެންމެ ކާމިޔާބު ސައިންސް ފިކްޝަން ފިލްމްތެކެވެ.
2003 ވަނަ އަހަރު ރިލީޒްކުރި "ކޮއި މިލްގަޔާ"ގެ ސީކުއަލް ފިލްމްތަކެއްގެ ގޮތުގައި "ކްރިޝް" އަދި "ކްރިޝް-3" ވަނީ ބޮކްސް އޮފީހުގައި ރަނގަޅު ޢާމްދަނީއެއް ހޯދާފައެވެ.
"ކޮއި މިލްގަޔާ"ގައި ގެނެސްދީފައިވަނީ ޖައްވުން ދުނިޔެއަށް އަންނަ ސްޕޭސް ޝިޕަކުން ނިކުންނަ އޭލިއަންއަކަށް، ސްޕޭސް ޝިޕާއި ހަމައަށް އެނބުރި ނުދެވެނީސް އޭތި ނައްޓާލުމުން، އެ އޭލިއަން ރެސްކިއުކުރުމަށްފަހު އަލުން އަނބުރާ އޭތީގެ ދުނިޔެއަށް ފޮނުވާލުމަށް ބަޔަކު ކުރާ މަސައްކަތްތަކެވެ. އެ އޭލިއަން ދުނިޔޭގައި އުޅޭކަން އެނގި، އޭތި ހޯދުމުގެ މަސައްކަތް ސައިންސްވެރިންނާއި ސަލާމަތީ ބާރުތަކުން ކުރެއެވެ. ނަމަވެސް އެއަށް ޙިމާޔަތްދީ، އޭތި އަނބުރާ ފޮނުވާލުމަށް އެހީތެރިވަނީ ފިލްމުގެ މެއިން ކެރެކްޓަރކަމަށްވާ ރޯހިތު މެހެރާއާއި އޭނާގެ އެކުވެރިންނެވެ. ފިލްމުގައި ރޯހިތުގެ ރޯލުން ފެނިގެންދަނީ ރިތިކް ރޯޝަނެވެ. އަދި އޭލިއަންއަށް ދީފައިވާ ނަމަކީ "ޖާދޫ" އެވެ.
ރޯހިތަކީ އުފަންވުމުގައި ސިކުނޑިއަށް ލިބިފައިވާ އުނިކަމެއްގެ ސަބަބުން ހެދިބޮޑުވުމުގައި މައްސަލަތަކެއް ދިމާވެފައިވާ ޒުވާނެކެވެ. އޭނަގެ އުމުރާއަޅާބަލާފައި ސިކުނޑި ހެދިބޮޑުވާލެއް ލަހެވެ. އެހެންކަމުން އޭނާގެ ހުންނަނީ ކުޑަކުއްޖެއްގެ މިޒާޖެވެ. ރޯހިތުގެ އައިބުކަން ރަނގަޅުކޮށްދެނީ ޖާދޫއަށް ލިބިގެންވާ ބާރުންނެވެ. ފިލްމުގައި ރޯހިތުގެ މަންމަގެ ރޯލުން ރޭކާ ފެނިގެންދާއިރު، ދެން މި ފިލްމުން ފެނިގެންދާ މުހިއްމު ތަރިންގެ ތެރޭގައި ޕްރިތީ ޒިންތާ، މުކޭޝް ރިޝީ، ރަޖަތު ބޭދީ އަދި ޖޮނީ ލިވަރ ހިމެނެއެވެ.
"ކޮއި މިލްގަޔާ"ގެ ސީކުއެލެއްގެ ގޮތުގައި ނެރެފައިވާ "ކްރިޝް" ފްރެންޗައިޒްގެ ފިލްމްތަކުގައި ގެނެސްދީފައިވަނީ ރޯހިތަށް ޖާދޫ ދީފައިވާ ބާރުތައް ވާރުތަކުރާ އޭނާގެ ދަރިފުޅު ކްރިޝްނާ މެހެރާ ސުޕަރ ހީރޯއެއްގެގޮތުގައި ކުރިމަތިލާންޖެހޭ ކަންތައްތަކެކެވެ.
"ކްރިޝް" އަދި "ކްރިޝް-3"ގައިވެސް ލީޑް ރޯލުން ފެނިގެންދަނީ ރިތިކް ރޯޝަނާއި ޕްރިޔަންކާ ޗޯޕްރާއެވެ. ނަމަވެސް މި ދެ ފިލްމަކުން ޖާދޫ ފެނިގެންގޮސްފައެއްނުވެއެވެ. ކްރިޝް ފްރެންޗައިޒްގެ އިތުރު ދެ ފިލްމެއް ނެރޭނެކަން ރިތިކްގެ ބަަައްޕަ އަދި ކުރީގެ 3 ފިލްމުވެސް ޑައިރެކްޓްކޮށްފައިވާ ރާކޭޝް ރޯޝަން ވަނީ ހާމަކޮށްފައެވެ.
ދުވަސްތަކަކަށްފަހު "ކްރިޝް"ގެ ފޭނުންނަށް މިއޮތީ އުފާވެރި ޚަބަރެއް ލިބިފައެވެ. އެގޮތުން މި ފްރެންޗައިޒްގެ ކުރިއަށްއޮތް ފިލްމް "ކްރިޝް-4"ގައި ޖާދޫ ފެނިދާނެކަމުގެ އަޑުތަކެއް މިހާރު މިވަނީ ފެތުރެން ފަށާފައެވެ.
ރިތިކްއާއި އޭނާގެ ބައްޕައާއި ގުޅުންހުރި ފަރާތަކާ ޙަވާލާދީ ބޮލީވުޑްގެ ޙަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓުތަކުގައިވާގޮތުން، "ކްރިޝް-3"ގައި ކްރިޝްގެ ބައްޕަ ރޯހިތު މަރުވެފައިވާތީ، ކްރިޝްއަށް އޭނާގެ އާދަޔާ ޚިލާފު ބާރުތައް ދިން އޭލިއަންއާއި ބައްދަލުވާނެފަދަ ކޮންސެޕްޓަކަށް 4 ވަނަ ބައި ހެދުމާގުޅޭގޮތުން ޕްރޮޑަކްޝަން ޓީމުން ދަނީ މަޝްވަރާކުރަމުންނެވެ. އަދި ފިލްމުގެ ވާހަކަ ތައްޔާރުކުރުމާއި ޖާދޫ އަލުން އަނބުރާ ދުނިޔެއަށް ގެންނާނެގޮތަކާމެދު ރާކޭޝްއާއި ރިތިކް އެމީހުންގެ ޓީމާއެކު ޚިޔާލުބަދަލުކޮށްފައިވާކަމަށެވެ.
"ކްރިޝް-4"އިން ފެނިގެންދާނެ ތަރިންނަކީ ކޮބައިކަން އަދި ސާފުނުވިނަމަވެސް ކޯވިޑް-19ގެ ސަބަބުން އިންޑިއާގައި އިޢުލާންކޮށްފައިވާ ފުރަބަންދު ހަމަވުމުން، ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތްތައް ފެށިގެންދާނެކަމަށްވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ކޮންމެއަކަސް އިންޑިއާގެ ކުޑަކުދިންނާއި ޒުވާނުންގެ މެދުގައިވެސް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ސުޕަރހީރޯ "ކްރިޝް"ގެ ކުރިއަށް ހުރި ފިލްމްތައް ބަލާލުމަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ.