ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން އޭނާގެ ގްރޫމިންގ އެންޑް ޕަރސަނަލް ކެއަރ ބްރޭންޑެއްކަމަށްވާ "ފްރެޝް" ލޯންޗުކޮށްފިއެވެ.
ފިޠުރު ޢީދާ ދިމާކޮށް ސަލްމާންގެ "ފްރެޝް" ބްރޭންޑް ލޯންޗްކޮށްފައިވަނީ އޭނާގެ ރަސްމީ ޓުވިޓަރ އެކައުންޓް މެދުވެރިކޮށް ސަޕޯޓަރުންނާއި ހިއްސާކުރި ވީޑިއޯއެއްގައެވެ. މިއީ ރީތިވުމަށާއި، ދުޅަހެޔޮ ހަށިގަނޑަކަށް ބޭނުންވާ އެކި ކަހަލަ އުފެއްދުންތަކަށް ޚާއްސަ ބްރޭންޑެކެވެ.
ބްރޭންޑް ލޯންޗްކުރަމުން ސަލްމާން ޚާން ބުނެފައިވަނީ "ފްރެޝް" ބްރޭންޑުގެ ދަށުން އެންމެ ފުރަތަމަ އުފައްދަން މަސައްކަތްކުރީ ޑިއޯޑްރަންޓްސްކަމަށެވެ. ނަމަވެސް ކޯވިޑް-19އާއެކު އިންޑިއާއި މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ ޙާލަތަށް ބަލާ، މިވަގުތަށް އެންމެ ބޭނުންތެރިވާނީ ސެނިޓައިޒަރ އުފެއްދުންކަމަށްވާތީ، "ފްރެޝް" ބްރޭންޑުގެ ފުރަތަމަ އުފެއްދުމެއްގެ ގޮތުގައި ބާޒާރަށް ނެރޭނީ ސެނިޓައިޒަރކަމަށް ސަލްމާން ބުންޏެވެ.
މި އުފެއްދުން މިވަގުތު ގަނެވެން ހުންނާނީ ފްރެޝްވޯލްޑްގެ ރަސްމީ ވެބްސައިޓުން އޮންލައިންކޮށްކަމަށާއި، ނަމަވެސް ވަރަށް އަވަހަށް އިންޑިއާގެ އެކި ސަރަޙައްދުތަކުގެ އާއްމު ފިހާރަތަކުންވެސް މި އުފެއްދުން ގަންނަން ލިބެން ހުންނާނެކަމަށެވެ.
"ފްރެޝް" ބްރޭންޑްގެ ދަށުން ޑިއޯޑްރަންޓަސްއާއި، ބޮޑީ ވައިޕްސްގެ އިތުރުން ސެންޓުގެ އުފެއްދުންތައްވެސް ވަރަށް އަވަހަށް ބާޒާރަށް ނެރޭނެކަމަށް ސަލްމާން ބުނެފައިވެއެވެ. އަދި މި ބްރޭންޑްގެ އުފެއްދުންތަކަކީ ފެންވަރުގެ ގޮތުން ރަނގަޅު، އަދި ހުރިހާ ފަންތިއެއްގެ މީހުންނަށްވެސް ގަނެވޭނެ ފަދަ އަގެއްގައި ވިއްކާނެ އުފެއްދުންތަކެއްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތައް އެންޑޯސްކުރުމާއި، އެތަކެތީގެ ބްރޭންޑް އެމްބެސެޑަރކަން ކުރުމުގެ އިތުރުން އަމިއްލަ ބްރޭންޑްތައް ބާޒާރަށް ނެރުމަކީ ބޮލީވުޑްގެ މަޝްޙޫރު ތަރިންގެ މެދުގައިވެސް އާއްމުކަމެކެވެ. އެގޮތުން ތަފާތު ނަންނަމުގައި ކޮސްމެޓިމާއި، ސެންޓާއި، ފެޝަނާއި، ގަހަނާގެ ބްރޭންޑްތައް ހިިންގާ ބޮލީވުޑުގެ ތަރިން މަދެއްނޫނެވެ.
ރީތިވާ ސާމާނުތަކަށް ޚާއްސަކޮށްގެން އަމިއްލަ ބްރޭންޑެއް ސަލްމާން ލޯންޗުކޮށްފައިވާއިރު، އޭނާ މިހާރުވެސް އަންނަނީ "ބިއިންގް ހިއުމަން"ގެ ނަމުގައި ހެދުމާއި ގަހަނާގެ އުފެއްދުންތަކެއް ބާޒާރަށްނެރި ވިއްކަމުންނެވެ. ސަލްމާން ޙާނަކީ ބޮލީވުޑްގައި މިވަގުތު ހުރި އެންމެ އަގު ބޮޑު އަދި އެންމެ ކާމިޔާބު ތަރިންގެ ލިސްޓުގައި ގުނާލެވޭ ފަންނާނެކެވެ.
ކާމިޔާބު އެތައް ފިލްމްތަކަކާއެކު ގިނަ ބަޔަކު އޭނާގެ ޖާދުލުގައި ޖައްސާފައިވާއިރު، އިންސާނިއްޔަތަށް ޚިދުމަތްކޮށްދިނުމުގައިވެސް ސަލްމާން އަންނަނީ ނަމޫނާދައްކާ ގިނަބައެއްގެ ލޯތްބާއި އިޙްތިރާމް ހޯދަމުންނެވެ.