ޚަބަރު

ކޯވިޑް-19 : ފުރަތަމަ ނިޔާވި މީހާގެ މައްސަލާގައި، މީހެއްގެ އިޙުމާލެއް ނެތް - ރިޕޯޓް


ރާއްޖޭގައި ކޯވިޑް-19ގައި އެންމެ ފުރަތަމަ ނިޔާވި މީހާގެ މަރުގެ މައްސަލަ ހެލްތު މިނިސްޓްރީން ތަޙްޤީޤްކޮށް ނިންމާލާފައިވާކަމަށާއި، އެއްވެސް ބައެއްގެ އިހުމާލެއް މިމައްސަލާގައި ނުވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

މިރޭ ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ، ސިއްޙީ ފަރުވާ ދެމުން ދަނިކޮށް މީހަކު މަރުވެއްޖެނަމަ ނުވަތަ މަރުވި މީހެއްގެ ސިއްޙީ މައްސަލައެއް އޮތްނަމަ އެ މައްސަލައް ތަޙްޤީޤްކުރާނީ ހެލްތު މިނިސްޓްރީގެ ކޮލިޓީ އިމްޕްރޫވްމަންޓު ޑިވިޜަނުންކަމަށެވެ.

ރާއްޖޭގައި ކޯވިޑް-19ގައި އެންމެފުރަތަމަ މީހަކު ނިޔާވެފައިވަނީ އޭޕްރީލް މަހުގެ 29ވަނަ ދުވަހުއެވެ. އެއީ ޢުމުރުން 83 އަހަރުގެ އާމިނަތު އާދަމެވެ. ކޯވިޑް-19 ޖެހިގެން ރާއްޖެއިން އެންމެ ފުރަތަމަ ނިޔާވި އާމިނަތު އާދަމްގެ މަރުގެ ހާދިސާއާއި ގުޅިގެން ހެލްތު މިނިސްޓްރީން ބަލަންޖެހޭކަންކަން ބަލަން ފަށާފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިވަނީ އޭޕްރީލް 30ވަނަ ދުވަހުއެވެ.

މި މައްސަލަ ބެއްލެވުމަށްފަހު އެކުލަވާލި ރިޕޯޓާ ގުޅޭ މަޢުލޫމާތު ހާމަކުރައްވަމުން ޑރ.ނަޒްލާ ވިދާޅުވީ އާމިނަތު އާދަމަށް ފަރުވާ ދިނުމުގައި ބައެއް ކަންކަން ލަސްވެފައިވާކަމަށެވެ. އެގޮތުން ކޯވިޑް-19އަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގުން ތަންކޮޅެއް ލަސްވެފައިވާކަން އެނގިފައިވާކަމަށާ، ޚާއްޞަކޮށް ސާމްޕަލްގެ ނަތީޖާ ލިބުން ލަސްކަން ރިޕޯޓާ ޙަވާލާދެއްވައި ޑރ.ނަޒްލާ ވިދާޅުވިއެވެ.

އެހެންކަމުން މިރިޕޯޓްގައި ރާއްޖޭގައި ރަނގަޅުކުރަންޖެހޭ ކަންކަން ހިމަނާފައިވާކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. ރިޕޯޓްގައި ހިމަނާފައިވާ ކަންކަން ރަނގަޅުކޮށްފައި، ނުވަތަ އިތުރަށް ހަރުދަނާކޮށްފައިވާކަމަށާ، އެގޮތުން ކޯވިޑަށް ޓެސްޓްކުރަންޖެހޭ ސާމްޕަލް ނަގަންޖެހެނީ ޢުމުރުން ދުވަސްވީ މީހެއްނަމަ ސާމްޕަލް ނެގުން އަވަސްކުރުމާއި، އޭގެ ނަތީޖާ ހޯދުން އަވަސްކުރުން ހިމެނޭކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި ޢުމުރުން ދުވަސްވީ މީހެއްގެ ކިބައިން ބަލީގެ ޢަލާމާތެއް ފެނިއްޖެނަމަ އެމީހަކު ފެސިލިޓީސްއަށް ގެންދިއުން ވީހާވެސް އަވަސްކުރުމަށް ރިޕޯޓްގައި ހިމަނާފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"މި ބެއްލެވުމުގައި ބައެއްކަންތައް ލަސްވެފައިވާކަމަށް ހިމަނާފައިވޭ. ސާމްޕަލް ނެގުމާ ޚައްޞަކޮށް ނަތީޖާ ލިބުން ލަސްވެފައިވާކަން ފާހަގަކުރެވޭ. މިއާގުޅިގެން ރަނގަޅުކުރަން އިތުރު ކަންކަން ވަނީ ޕްރޮސެސްކުރެވިފަ. މިގޮތުން ކޭސްއެއް ޕޮޒިޓިވްވެއްޖެއްޔާ ކޮންޓެކްޓް ޓްރޭސްގެ ތެރެއިން ޢުމުރުން ދުވަސްވީ މީހަކު ފާހަގަކުރެއްވިޖެކަމަށްވާނަމްއެމީހެއްގެ ސާމްޕަލް އަދި އަލާމާތްތައް ނެތްނަމަވެސް އަވަހަށް ނެގުމަށް އަޅުގަނޑުމެން ޕްރޮސީޖާގެ ތެރެއިން ކުރަމުން ގެންދާނެ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ އައިމިނަތު އާދަމް ނިޔާވި މައްސަލާގައި ވަކިބަޔަކު އިހުމާލުވެފައިވާކަމެއް ރިޕޯޓްގައި ހިމަނާފައި ނުވާކަމަށެވެ. ވަކި މީހެއްގެ އިހުމާލެއް ވާނަމަ އެކަން ކަމާގުޅުންހުރި ދާއިރާއަކަށް ހުށަހަޅައި ފިޔަވަޅު އަޅާނެކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް މި ރިޕޯޓްގައި އެފަދަ އެއްވެސް ކަމެއް ހިމަނާފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.