ޚަބަރު

ކޯވިޑް-19 : ބަލިޖެހި ރަނގަޅުވެފައިވާ މީހަކު މަނަދޫން ފެނިއްޖެ


ނ.މަނަދޫން ކޯވިޑް-19އަށް ޕޮޒިޓިވި މީހުންނާ ގުޅިގެން, އެރަށުން ނެގި ސާމްޕަލްތަކުން ހުރިހާ އެންމެން ނެގެޓިވްވީނަމަވެސް ބަލި ޖެހި ރަނގަޅުވެފައިވާ މީހަކު ފެނިފައިވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދަޅުވެއްޖެއެވެ.

ނ.މަނަދޫން ކޯވިޑް-19އަށް ޕޮޒިޓިވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ނުވަތަ ޕޮޒިޓިވްވި މީހުންނާ ގުޅުންހުރިކަމަށް ބެލެވިގެން ނެގި 86 ސާމްޕަލްވެސް ވަނީ ނެގެޓިވްވެފައެވެ. ނަމަވެސް އެހުރިހާ އެންމެންވެސް މިވަގުތުތިބީ ކަރަންޓީނުގައެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ، މަނަދޫން ކަރަންޓީނަށް ގެންދިޔަ ހުރިހާ އެންމެންގެ ސާމްޕަލް ނެގެޓިވް ވީނަމަވެސް އެހުރިހާ އެންމެން 14 ދުވަހު ކަރަންޓީނުގައި މަޑުކުރުމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އިން ނިންމާފައިވާކަމަށެވެ. މިގޮތަށް ނިންމެވީ މަނަދޫން ފެސިލިޓީތަކަށް ގެންދިޔަ މީހުންގެ ތެރެއިން އެކަކު ބަލިޖެހި ރަނގަޅުވެފައިވާކަމަށް ޓެސްޓުތަކުގެ ނަތީޖާއިން ދައްކާތީކަމަށެވެ.

"ޓެގުން ނިންމާފައިވަނީ އެބޭފުޅުން ޢަލާމާތްތައް ފެނުނުފަހުން ނުވަތަ ޢަލާމާތް ނެތްމީހަކު ނަމަ ޓެސްޓްކުރެވުނުފަހުން 14 ދުވަސް މަޑުކުރަން ޖެހޭނެކަމަށް. އެބޭފުޅުން ފެސިލިޓީއަށް ގެންދިއުމަށްފަހު ޕީސީއާރު ޓެސްޓު ނެގެޓިވް ވިޔަސް އެކަކުގެ އައިޖީއެމް ވަނީ ޕޮޒިޓިްވެފައި. އެހެންވީމަ އިތުރަށް ރައްކާތެރި ވުމުގެގޮތުން 14 ދުވަސް މަޑުކުރުމަށް މިހާރު ވަނީ ނިންމާފައި." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ނ.މަނަދޫން އެންމެ ފުރަތަމަ ކޯވިޑް-19އަށް ޕޮޒިޓިވްވިމީހަކު ފެނިފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު ބަލިން ރަނގަޅުވިއެވެ. އެހެންނަމަވެސް އެމީހާ ފަހުންވަނީ ނިޔާވެފައެވެ. އޭނާ ނިޔާވެފައިވަނީ މިމަހުގެ 21ވަނަ ދުވަހުއެވެ. އޭގެފަހުން މިމަހުގެ 15ވަނަ ދުވަހު ވަނީ މަނަދޫން އިތުރު 9 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. ނ.މަނަދޫ ވަނީ އަދިވެސް މޮނިޓަރިންގެ ޙާލަތުގައެވެ.