ޚަބަރު

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށީ ގައިދުރުކަން އިސްކޮށް މާސްކު އަޅައިގެން


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އެޗްޕީއޭއިން ކަނޑައެޅުއްވި ގައިޑްލައިނާއިއެއްގޮތަށް ފަށައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ފެށުމަށްޓަކައި މެމްބަރުން ޗެންބަރަށް ވަޑައިގެންފައިވަނީ ކޮންމެ މެންބަރެއް ވަކިން ހުންބަލައި ޓެމްޕަރޭޗާ ޗެކްކުރުމަށްފަހުގައެވެ. އަދި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ގޮތުގައިއެޗްޕީއޭއިން ކަނޑައަޅާފައިވާ އިރުޝާދުތަކާއިއެކު މެމްބަރުންނާއި، އިދާރީ މުވައްޒިފުން ތިއްބެވީ މާސްކު އަޅުއްވައި، 3 ފޫޓުގެ ދުރުމިނެއްގައެވެ.

ޖަލްސާއަސް ގިނަ މެމްބަރުންތަކެއް ވަޑައިގެންފައިވާއިރު، ތަޅުމުގައި ޖާގަލިބޭ 42 މެމްބަރުންނާއިއެކު ޖަލްސާ ފަށާފައިވާއިރު ގިނަ މެމްބަރުންތަކެއް ތަޅުމުގެ އެކި ހިސާބުތަކުގައި ޖަލްސާ އަޑުއެއްސެވުމަށާއި ބަހުސްގައި ބައިވެރިވަޑައިގެންނެވުމަށް ތިއްބެވިކަން ފާހަގަކޮށްލެވެއެވެ. މެމްބަރުނަށް ފުރުޞަތު ދެއްވުމުން އެމެމްބަރަކީ ތަޅުމުގައި ޖާގަ ނެތް މެމްބަރަކަށްވާނަމަ އިށީގެ ވަޑައިގެން ތިއްބެވި މެމްބަރުން ބަހުސްކުރައްވަން އެދިވަޑައިގަންނަވާ މެމްބަރުންނަށް ފުރުސަތު ދިނުމަށް މަޖިލީހުގެ ރައީސް ވަނީ ދަންނަވާފައެވެ. މަޖިލިސް ކުރިއަށްގެންދަނީ އެއްވެސް މޭޒެއްގެ ދޮށުގައި ދެ މެންބަރަކަށް ނުތިބެވޭގޮތަށެވެ.

މިއަދުގެ ޖަލްސާގެ ހާޒިރީ އިއްވަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ފަސް މެމްބަރަކު ދިރިއުޅުއްވާ ގެ މޮނީޓަރިންގެ ހާލަތުގައި ހުރުމުގެ ސަބަބުން އެ މެމްބަރުންނަށް ޖަލްސާގައި ބައިވެރިވެވަޑައިނުގެންނެވޭކަމަށެވެ. މީގެ އިތުރުން ތިން މެމްބަރަކު ސަލާމުގައި ތިއްބެވި ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އެޗްޕީއޭ އިން އަންގާފައިވާ ގޮތުން މަޖިލީހުގެ ތަޅުމުގައި ޖަލްސާ ބޭއްވުމަށްޓަކައި ހަތް ކަމެއް ފުރިހަމަ ކުރަންޖެހެ އެވެ. އެއީ:

1- ޖަލްސާ ކުރާ މާލަމަށް ވަނުމުގެ ކުރިން، ޓެމްޕަރޭޗާ ބަލައި ހުން ނެތްކަން ކަށަވަރު ކުރުން.
2- ކޮވިޑް-19 ގެ އަލާމާތެއް ހުރި އެއްވެސް މީހަކު ޖަލްސާގައި ބައިވެރި ނުވުން.
3- މާލަމަށް ވަނުމުގަ އާއި ނުކުތުމުގައި، އެކަކު އަނެކަކާ ދެމެދު ތިން ފޫޓުގެ ދުރުމިނެއް ބެހެއްޓުން.
4- ޖަލްސާގައި ބައިވެރިވާ މީހުން ސައިބޯނި ލައިގެން އަތްދޮވެވޭނެ ގޮތް ނުވަތަ ހޭންޑް ސެނިޓައިޒާ ބެހެއްޓުން.
5- މާލަމުގައި ތިބޭއިރު ގިނަގިނައިން މީހުން އަތްލާނެ ތަކެއްޗާއި ތަންތަން (މޭޒުމަތި، ތަޅު، ކީބޯޑު، މައުސް ފަދަ ތަކެތި) ސާފުކޮށް ޑިސްއިންފެކްޓް ކުރުން.
6- ކޮވިޑް-19 އިން ރައްކާތެރިވުމުގެ އާންމު އިރުޝާދުތަކާ އެއްގޮތަށް (ކެއްސައި، ކިނބިހި އަޅާއިރު، ޓިޝޫ ނުވަތަ އަތުގެ އުޅަނބޮށީގެ އެތެރެފުށް ބޭނުންކުރުން) އަމަލު ބެހެއްޓުން.
7- މީހުން އެއްތަނަކަށް އެއްވެގެން ކޮންމެހެން ބާއްވަންޖެހޭ ޖަލްސާއެއް ނޫނީ މި ދުވަސްވަރު ނުބޭއްވުން. އެންމެ އެދެވިގެން ވަނީ ވާޗުއަލްކޮށް ޖަލްސާ ބޭއްވުން.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރުމެވެ. ބިލުގެ ބަހުސް މަރުހަލާ މިހާރުވަނީ ރައްޔިތުންގެ މަޖިލީހުގައި ފަށާފައެވެ.

ފޮޓޯ ގެލަރީ