ޚަބަރު

ދައުރު ދިގުދަންމަން ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް ފަށައިފި


ކައުންސިލްތަކުގެ ދައުރު ދިގުދަންމަން ޤާނޫނު އަސާސީއަށް އިޞްލާޙުގެނަމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ޤާނޫނު އަސާސީއަށް ހުށައަޅާފައިވާ އިޞްލާޙުގައިވަނީ، ލޯކަލް ކައުންސިލް އިންތިޚާބު ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން އެމީހުންގެ މަޤާމާއި ހަވާލުވަންދެން މިހާރު މަޤާމުތަކުގައި ތިބި އަތޮޅުކައުންސިލްތަކާއި، ރަށުކައުންސިލްތަކާއި، ސިޓީކައުންސިލްތަކުގެ މެންބަރުން އެމީހުންގެ މަޤާމުގައި ދެމިތިބޭނެކަމަށެވެ. މިހާރު ތިބި ކައުންސިލްތަކުގެމެންބަރުންގެ ދައުރު އަންނަ މަހުގެ މަހުގެ 02 ވަނަ ދުވަހަށް ހަމަވާނެއެވެ.

ކުރިންކައުންސިލްތަކުގެ ދައުރަކީ 3 އަހަރު ދުވަހެވެ. ނަމަވެސް މިހާރު ކައުންސިލްތަކުގެ ދައުރު ވަނީ ފަސް އަހަރަށް އިތުރުކޮށް ޤާނޫނު އަސާސީ އިޞްލާޙުކޮށްފައެވެ. މާލީ ބޮޑެތި ބާރުތަކާއިއެކު ފަސް އަހަރުދުވަހަށް ކައުންސިލަރުން އިންތިޚާބުކުރުމަށް ޤާނޫނު އަސާސީ މީގެ ކުރިން މި މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުގެ ކުރިން ބޭއްވުމަށް ލާމަރުކަޒީ ޤާނޫނުވެސް ވަނީ އިޞްލާޙުކޮށްފައެވެ.

މި ދަނޑިވަޅުގައި ޤާނޫނު އަސާސީއަށް އިޞްލާޙު ނުގެނެވޭނެކަމަށް މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ވިދާޅުވެފައިވާއިރު، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވަނީ ކައުންސިލް މެންބަރުންގެ ދައުރު ދިގުދަންމަން ބިލެއްވެސް މަޖިލީހަށް ހުށައަޅާފައެެވެ.

ނަމަވެސް ދައުލަތުގެ ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު ވިދާޅުވެފައިވަނީ މިހާރު އިންތިޚާބުވެފައިވާ ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ ދައުރު އިތުރުކުރެވޭނީ، ޤާނޫނުއަސާސީއަށް އިޞްލާހު ގެނެސްގެންކަމަށެވެ.