ވިޔަފާރި

ގޯއެއަރގެ އެތެރޭގެ އުދުހުންތައް ޖޫން 1ގައި ފަށަނީ


އިންޑިއާގެ އެއަރލައިންއެއްކަމަށްވާ ގޯއެއަރގެ އެތެރޭގެ ދަތުރުތައް ޖޫންމަހުގެ 1 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.

ގޯއެއަރއިން ބުނެފައިވަނީ އެތެރޭގެ އުދުހުންތައް ފެށުމަށް އެ އެއަރލައިނަށް ހުއްދަތައްވެސް މިހާރު ލިބިފައިވާކަމަށެވެ. ގޯއެއަރގެ ދަތުރުތައް އަލުން މި ފަށަނީ އިންޑިއާގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ ހާލަތުގެ ސަބަބުން 2 މަސްދުވަހަށް އެ އެއަރލައިންގެ ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހުގައެވެ.

ގޯއެއަރއިން ބުނީ އެ އެއަރލައިންގެ 6000 އަށްވުރެ ގިނަ މުވައްޒަފުންތިބީ އަލުން ދަތުރުތައް ފެށުމަށް ތައްޔާރައްކަމަށެވެ.

ގޯއެއަރއިން އެތެރޭގެ އުދުހުންތައް ފެށުމަށް ތައްޔާރުވަމުން މިދަނީ އިންޑިއާގެ އެއަރލައިންތަކަށް އެތެރޭގެ ދަތުރުކުރުމަށް ހުއްދަދޭން ސަރުކާރުން ނިންމާފައިވާތީއެވެ. އިންޑިއާ ސަރުކާރުން އެ ޤައުމުގެ އެއަރލައިންތަކަށް އަންގާފައިވަނީ އެތެރޭގެ އުދުހުންތައް މޭމަހުގެ 25 ވަނަ ދުވަހު ފެށުމަށް ތައްޔާރުވުމަށެވެ.

ކޯވިޑް19 ގެ ހާލަތު އިންޑިއާގައި ގޯސްވެފައިވީނަމަވެސް އެތެރޭގެ އުދުހުންތައް އަލުން ފަށަނީ އެޤައުމުގެ އިޤްތިޞާދު އަލުން ކޮޅަށްޖެހުމަށެވެ.