ކޯވިޑް-19

ކޯވިޑް-19 : ފުރަބަންދުގެ އުސޫލާ ޚިލާފުވެގެން ޖޫރިމަނާކުރި މީހުންގެ ޢަދަދު 5600 އަށްވުރެ މައްޗަށް


ކޯވިޑް-19ގެ ސަބަބުން މާލޭ ސަރަޙައްދުގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ އުސޫލާއި ޚިލާފުވެ މަގުމައްޗަށް ނިކުމެއުޅުނު 5600 އަށްވުރެ ގިނަ މީހުން ފުލުހުން ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ފާސްނެތި ޤަވާޢިދާ ޚިލާފަށް ބޭރަށް ނިކުމެ އުޅެނިކޮށް އިއްޔެއެކަނިވެސް 210 މީހަކު ޖޫރިމަނާކޮށްފައިވާކަމަށެވެ. އޭގެ ތެރޭގައި މާލެއިން ޖޫރިމަނާކުރި 199 މީހަކާއި، ހުޅުމާލެއިން 10 މީހެއް އަދި ވިލިމާލެއިން ޖޫރިމަނާކުރި އެކަކު ހިމެނެއެވެ.

އެންމެފަހުން ފުލުހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފުރަބަންދުގެ އުސޫލާ ޚިލާފުވެގެން މިހާތަނަށް ޖުމްލަ 5657 މީހަކު ޖޫރިމަނާކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ޖޫރިމަނާކޮށްފައިވަނީ މާލެއިންނެވެ. އެގޮތުން މާލެއިން އެކަނިވެސް 4923 މީހަކު ފުލުހުން ވަނީ ޖޫރިމަނާކޮށްފައެވެ. ހުޅުމާލެއިން 630 މީހުން ޖޫރިމަނާކޮށްފައިވާއިރު، ވިލިމާލެއިން ޖޫރިމަނާކޮށްފައިވަނީ 104 މީހުންނެވެ. ފުރަބަންދުގެ އުސޫލާ ޚިލާފުވާ މީހުން ފުލުހުން ޖޫރިމަނާކުރަނީ 1000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުންނެވެ.

ޖޫރިމަނާކުރުމުގެ އިތުރުން ފުލުހުންދަނީ ފުރަބަންދުގެ އުސޫލާ ޚިލާފުވާ މީހުން ހައްޔަރުކޮށްގެންވެސް ފިޔަވަޅުއަޅަމުންނެވެ. އެގޮތުން އިއްޔެއެކަނިވެސް 19 މީހަކު ހައްޔަރުކޮށްފައިވެއެވެ. މީގެ ތެރޭގައި މާލެއިން 16 މީހަކާއި، ހުޅުމާލެއިން ހައްޔަރުކުރި 3 މީހަކު ހިމެނެއެވެ.

ހައްޔަރުކުރި މީހުންގެ ޖުމްލަ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް 313 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި މާލެއިން ހައްޔަރުކުރި 277 މީހަކާއި، ހުޅުމާލެއިން ހައްޔަރުކުރި 33 މީހެއްގެ އިތުރުން ވިލިމާލެއިން ހައްޔަރުކުރި 3 މީހަކު ހިމެނެއެވެ.

ކޯވިޑް-19އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭ ސަރަޙައްދުގައި ވަކި ޚާއްސަ ހުއްދައެއްގެ ދަށުން މެނުވީ އާއްމުންނަށް މަގުމައްޗަށް ނުނިކުމެވޭނެހެން އިޢުލާންކޮށްފައިވާ ފުރަބަންދާއި ގުޅިގެން ފުލުހުންވަނީ މާލޭ މަގުތައް ބެލެހެއްޓުން ހަރުދަނާކޮށް، ޤަވާއިދާ ޚިލާފުވާ މީހުންނާމެދު ފިޔަވަޅު އެޅުން ވަރުގަދަކޮށްފައެވެ. އަދި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފުވާ މީހުންނާމެދު މިދިޔަމަހުގެ 19 އިން ފެށިގެން ފުލުހުން އަންނަނީ ފިޔަވަޅު އަޅަމުންނެވެެ.