ޚަބަރު

ކޯވިޑް-19 : ގޭބީސީތަކުން ބޭރަށް ނިކުތުމަށް ހުއްދަދެވޭ މީހުންގެ ޢަދަދު އިތުރުކުރަނީ


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭއިރު، އެކަކަށްވުރެ ގިނަ މީހުންނަށް ގޭބީސީތަކުން ބޭރަށް ނިކުތުމުގެ ހުއްދަ ދޭނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ މަޢުލޫމާތު ގެނެސްދިނުމަށް ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ލައިވް ކަވަރޭޖުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ޒަރޫރީ ބޭނުންތަކަށް ގޭބީސީތަކުން ބޭރަށް ނިކުތުމުގެ ހުއްދަ މިހާރު ދެނީ ކޮންމެ ތިން ދުވަހަކުން އެއްދުވަހު އެންމެ މީހަކަށް ނަމަވެސް، މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ދެވޭ ލުއިތަކާއެކު އެ ޢަދަދު އިތުރުކޮށް އިތުރު ހުއްދަތައް ފުލުހުން ދޭނެކަމަށެވެ. މިވަގުތު މާލެ ސަރަޙައްދުގައި 30،000 ގޭބީސީ އެބަހުއްޓެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، އިތުރު ވިޔަފާރިތަކަށްވެސް ހުއްދަ ދިނުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ރީޓެއިލް ވިޔަފާރިއާއި ހޯލްސޭލް ވިޔަފާރީގެ އިތުރުން ލޮޖިސްޓިކް އަދި މުދާ ސަޕްލައިކުރާ ގިނަ ބަޔަކަށް ހުއްދަދޭނެކަމަށް ސީޕީ ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރާއި އަމިއްލަ އޮފީސްތަކުގެ މުވައްޒަފުންނަށްވެސް ހުއްދަތަކެއް ދޭނެކަމަށާއި، ޚާއްޞަކޮށް ޖޫން މަހުގެ ތެރޭގައި ގިނަ ލުއިތަކެއް ފުލުހުންގެ ފަރާތުން ދެއްވާނެކަމަށް ސީޕީ ވިދާޅުވިއެވެ.

"ގްރެޖުއަލް މިއީ ވަރަށް މުހިންމު ލަފްޒެއް ނުވަތަ މަޑުމަޑުން ދޫތައް ދެމުންދާނީ. އެހެންނޫނީ އިތުރު ބުރައްއެއް އުފުލަންޖެހިދާނެ. ކުއްލިއަކަށް އެހާގިނަ ޢަދަދަކަށް މީހުން ބޭރަށް ނިކުމެ ހަރަކާތްތެރިވާން ފަށައިފިއްޔާ. މިއާއެކީ މި ބަލިމަޑުކަން ފެތުރިގެން ގޮސްދާނެކަން ނުވަތަ ސާޖެއްކަމެއް މެދުވެރިވެއްޖެއްޔާ އެކަމަށް ވަރަށްބޮޑަށް އަޅުގަނޑުމެންގެ ކެޕޭސިޓީ މިވަނީ ބިލްޑުކުރެވިފަ. މަޑުމަޑުން ލުއިތައް ދެމުންގޮސް އަޅުގަނޑު މި ޤަބޫލުކުރަނީ މި ޖޫންމަހު ތެރޭގައި ފުދޭވަރަކަށް މިހާރުގެ ހާލަތަށްވުރެ މާބޮޑަށްވެސް ލުއިތަކެއް ލިބިފަ އޮންނާނީ." ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ކާބޯތަކެތި ޑެލިވަރީކުރާ ފަރާތްތަކާއި، ވިޔަފާރިއާއި އެނޫންވެސް ޒަރޫރީ ބޭނުންތަކުގައި ބޭރަށް ނިކުމެވެނީ ފުލުހުން ދޫކޮށްފައިވާ ޚާއްޞާ ހުއްދަ ބޭނުންކޮށްގެންނެވެ. އަދި މި ހުއްދަ ދޫކުރަނީ މީހުން މަގުތަކުގައި އެއްވަގުތެއްގައި ގިނަ ނުވާނެގޮތަށް ލިމިޓްކޮށް ނުވަތަ ވަކި ޢަދަދަކަށެވެ.