ޚަބަރު

ފުރަބަންދުގެ އުސޫލާ ޚިލާފުވެގެން މާލެ ސަރަޙައްދުން 6000 އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފި


ފުރަބަންދުގެ އުސޫލާ ޚިލާފުވެގެން މާލެ ސަރަޙައްދުން އިއްޔެގެ ނިޔަލަށް 6085 ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ޖޫރިމަނާކުރި މީހުންގެ ތެރޭގައި ހިމެނެނީީ މާލެއިން ޖޫރިމަނާކުރި 5303 މީހުންނާއި، ހުޅުމާލެއިން ޖޫރިމަނާކުރި 675 މީހުންނާއި، ވިލިމާލެއިން ޖޫރިމަނާކުރި 107 މީހުންނެވެ.

މާލެ ސަރަޙައްދު ފުރަބަންދު ކުރުމާއި ގުޅިގެން މަގުތަކަށް ނުކުތުން މަނާކޮށް ޒަރޫރީ ބޭނުންތަކުގައިވެސް މަގުމައްޗަށް ނުކުމެ އުޅެވެނީ ފުލުހުންގެ ހުއްދައެއް ލިބިގެންނެވެ. ނަމަވެސް ފުލުހުން ދޫކުރާ ހުއްދައާ ނުލައި މާލެ ސަރަހައްދުގެ މަގުތަކަށް ނުކުމެ އުޅުނު 155 މީހަކު އިއްޔެ އެކަނިވެސް ފުލުހުން ވަނީ ޖޫރިމަނާކޮށްފައެވެ. އެއީ މާލެއިން ޖޫރިމަނާކުރި 137 މީހަކާއި، ހުޅުމާލެއިން ޖޫރިމަނާ ކުރި 18 މީހެކެވެ.

ފުލުހުން ޢާންމުކުރާ ތަފާސްހިސާބުތައް ދައްކާގޮތުގައި ފުރަބަންދު އިޢުލާންކުރި ދުވަހުން ފެށިގެން މިހާތަނަށް 345 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 305 މީހުންނާއި، ހުޅުމާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 37 މީހުންނާއި ވިލިމާލެއިން ގެންދިޔަ 3 މީހުންނެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން މިހާތަނަށް ފުލުހުންގެ ބަންދުގައި ތިބީ 134 މީހުން ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ފުރަބަންދުގައި ފުލުހުން ދޫކުރާ ހުއްދައާ ނުލާ މަގުތަކަށް ނިކުމެ އުޅޭނަމަ 1000 ރުފިޔާއިން ޖޫރިމަނާކުރާނެކަން ފުލުހުން ވަނީ ހާމަކުރައްވާފައެވެ. އަދި ކުށް ތަކުރާރުކުރާނަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާނެކަމަށާއި، 14 ދުވަހަށް ކަރަންޓީން ފެސިލިޓީއަށް ގެންދާނެކަމުގެ އިންޒާރުވެސް ފުލުހުން މީގެކުރިން ދީފައިވެއެވެ.

ކޯވިޑް 19އިން ރައްކާތެރިވުމުގެ ގޮތުން މަގުތަކަށް ނުނިކުތުމަށް ތަކުރާރުކޮށް ކަމާގުޅުން ހުރި ފަރާތްތަކުން ދަނީ އިލްތިމާސްކުރައްވަމުންވެ.