ޚަބަރު

ކޯވިޑް-19 : އެކްޓިވް ސާމްޕަލްތައް ނަގަމުންދާތީ ބޭރަށް ނިކުންނައިރު އައިޑީކާޑު ހިފައިގެން ނިކުތުމަށް އެދިއްޖެ


އެކްޓިވް ސާމްޕަލްތައް ނަގަމުންދާތީ އެކި ބޭނުންތަކުގައި ގެއިން ނިކުންނައިރު ކޮންމެ މީހަކުވެސް އައިޑީކާޑު ހިފައިގެން ނިކުތުމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އެދިވަޑައިގެންފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓެގްޓީމްގެ ޑޮކްޓަރ، ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ މާލޭގެ ހުރިހާ ހިސާބެއްގައިވެސް އެކްޓިވް ސާމްޕަލް ނެގުމުގެ މަސައްކަތް އެޗްޕީއޭއިން ކުރަމުންދާކަމަށެވެ. އަދި ސާމްޕަލްތައް ނަގާއިރު ގިނަފަހަރަށް އައިޑީކާޑު ނެތުމުގެ ސަބަބުން ސާމްޕަލް ނަގާ މީހުންގެ ފުރިހަމަމަޢުލޫމާތު ހޯދުމަށް ދަތިވަމުންދާކަމަށެވެ. އެހެންކަމުން އެކި ބޭނުންތަކުގައި ގެއިން ނިކުނައިރުވެސް އައިޑީކާޑު ގެންގުޅުމަށް ޑރ.އަފްޒަލް ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖެއިން މިހާރުވެސް ކޭސްތައް ފެންނަމުންދާކަން ފާހަގަކުރައްވާ ޑރ.އަފްޒަލް ވިދާޅުވީ އަލަށް ބަލިޖެހޭ މީހުންގެ އަދަދުހުރީ އެއްވަރެއްގައި ހިފެހެއްޓިފައިކަމަށެވެ. އަދި މިއަދުވެސް ޕޮޒިޓިވްވި މީހުންނާއި ދިމާވެ ޑައިރެކްޓް ކޮންޓެކްޓުސްގެ ގޮތުގައިވެސް ފާހަގަކުރެވިފައިވަނީ މަދު ބައެއްކަމަށެވެ. މިހާލަތުގައި އާންމު ރައްޔިތުންގެ ސަމާލުކަން އިތުރުކޮށް ބައްޔާއި ދެކޮޅަށް އެޅުމަށް އިލްތިމާސް ކޮށްފައިވާ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަން ދެއްވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިހާލަތާއި ގުޅިގެން ގޭގެތެރެ ސާފްކުރުމާއި، މިނޫންވެސް ގޭގައި ކުރަންޖެހޭ އެކި މަސައްކަތްތައްވެސް ކުރުމުގައި އިތުރު މީހުން ގެއަށް ވައްދައިގެން ކުރުމުގެ ބަދަލުގައި ގޭގައި ތިބޭ މީހުން މިކަންކަން ކުރެވޭނެ ގޮތަކަށް އިންތިޒާމުކުރުން މުހިންމުކަމަށްވެސް ޑރ.އަފްޒަލް ވިދާޅުވިއެވެ. އަދި ބޭރަށް ދިއުމާއި ގެއަށް އެނބުރި އައުމުގައިވެސް ސަމާލުވުމަށް ޑރ.އަފްޒަލް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރާއްޖެއިން މިހާތަނަށް 23،860 ސާމްޕަލް ނަގާފައިވާއިރު، ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ 1672 މީހުންނެވެ. ރާއްޖޭން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 1،170 މީހުންނަކީ އެކި އެކި ކްލަސްޓާތަކާ ގުޅުން ހުރި މީހުންނެވެ. އަދި ބައްޔަށް ޕޮޒިޓީވްވި މީހުންގެ ތެރެއިން 401 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.