ވިޔަފާރި

ސްރީލަންކަން އެއަރލައިންސުން ޝެޑިއުލް ކާގޯ ފްލައިޓުތައް ރާއްޖެއަށް ފަށައިފި


ސްރީލަންކަން އެއަރލައިންސުން ރާއްޖެއަށް ޝެޑިއުލް ކާގޯ ފްލައިޓުތައް ފަށައިފިއެވެ.

ސްރީލަންކަން އެއަރލައިންސުން އައީ ޗާޓަރކޮށް ރާއްޖެއަށް ކާގޯ ފްލައިޓު ދަތުރުތައް ބާއްވަމުންނެވެ.

ކާގޯ ދަތުރުތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް އޭސް އޭވިއޭޝަންގެ މެނޭޖިންގެ ޑިރެކްޓަރ މުޙައްމަދު ފިރާޤް ވިދާޅުވީ މި ހަފްތާއިން ފެށިގެން ކޮންމެ ހަފްތާއެއްގެ އާދީއްތަ، ބުދަ އަދި ބުރާސްފަތި ދުވަހު ކާގޯ ޝެޑިއުލް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

ފިރާޤު ވިދާޅުވީ ކާގޯ ފްލައިޓުގައި އާއްމުގޮތެއްގައި ރާއްޖެއަށް ގެންނަނީ ތަރުކާރީ އާއި މޭވާ އާއި ސިއްޙީ ބައެއް ސާމާނު ކަމަށެވެ. އަދި އައު އާއްމު ހާލަތާއެކު ވިޔަފާރިވެރިން މިހާރު ކޮންމެވެސް ވަރަކަށް ސްޕެއަރ ޕާޓްސްވެސް ގެންނަމުންދާ ކަމަށް ފިރާޤް ވިދާޅުވިއެވެ.

ސްރީލަންކަން އެއަރލައިންސްގެ ކާގޯ ފްލައިޓު ރާއްޖެއަށް އަންނަނީ ސައުތު އެފްރިކާ، ދުބާއީ، ޖިއްދާ އަދި ޗައިނާގެ ބައެއް ހިސާބުތަކުން މުދާ ހިފައިގެންނެވެ. މި ދަތުރުތަކާއެކު ވިޔަފާރިވެރިންނަށް ރާއްޖެއަށް ތަރުކާރީ އާއި މޭވާ އަދި ކާބޯތަކެތީގެ އެހެނިހެން ބާވަތްތަކުގެ އިތުރުން ސިއްޙީ ސާމާނުތައް ގެނައުމަށް ފަސޭހަވެގެންދާނެ ކަމަށް އޭސް އޭވިއޭޝަނުން ދެކެއެވެ.

ސްރީލަންކަން އެއަރލައިންސުން ދިޔައީ ފަސިންޖަރުން ގޮވައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދުވާލަކު 3 ދަތުރުކުރަމުންނެވެ. އަދި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ހަފްތާއަކު 3 ދަތުރު ބާއްވަމުންނެވެ.