ވިޔަފާރި

ބީއެމްއެލް އިން ކާޑު ދޫކުރަމުންދާނީ އެޕޮއިންޓްމަންޓަށް


މާލޭ ސިޓީގެ ފުރަބަންދަށް ލުއިތަކެއް ދިނުމާއެކު މިއަދުން ފެށިގެން ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް ސެންޓަރުން އެޕޮއިންޓްމަންޓް ހަދައިގެން ކާޑު ދޫކުރަންފަށައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ވިދާޅުވީ މިއަދު 250 ފަރާތަކަށް ކާޑު ދޫކޮށްފައިވާ ކަމަށެވެ. ކާޑު ދޫކުރުމަށް ވަކި އުސޫލުތަކެއް ކަނޑައަޅާފައިވާއިރު، މިއަދު ބައެއް ފަރާތްތަކުން އެޕޮއިންޓްމަންޓަކާއި ނުލާ ބޭންކަށް އައިސްފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ކާޑު ދޫކުރަމުންދާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށްވާތީވެ، ދުވާލަކަށް ޚިދުމަތްދިނުމަށް ހަމަޖެހިފައިވަނީ 300 ކަސްޓަމަރުންނަށެވެ.

ކޮންމެ ދުވަހަކުވެސް ކާޑު ދޫކުރަމުންދާނީ އެޕޮއިންޓްމަންޓް ހަމަޖެހިގެން ޕޮލިސް ޕަރމިޓާއެކު ކަސްޓަމަރ ސަރވިސްއަށް ދާ ކަސްޓަމަރުންނަށެވެ. އަދި ކާޑު ނަގަން ބޭނުންވާ ކަސްޓަމަރުން ބޭންކުން ހާމަކޮށްފައިވާ ގޮތަށް އެޕޮއިންޓްމަންޓް ހެއްދުމަށް ބީއެމްއެލްއިން އެދެއެވެ. އެޕޮއިންޓްމަންޓް ހަމަޖެހޭ ގަޑިއަށް ނާދެވޭ ކަސްޓަމަރުން ޖެހިގެން އަންނަ ދުވަހަށް އެޕޮއިންޓް ހެއްދޭނެއެވެ.

މިމަހުގެ ފުރަތަމަ ދެހަފްތާގައި ކާޑު ދޫކުރުމަށް ކަސްޓަމަރ ސަރވިސް ސެންޓަރ ހުޅުވުމަށް ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އިން މެންދުރުފަހު 2:00 އަށެވެ. ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް އޭގެ ކުރީ ދުވަހު ހަމަޖެއްސުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އެގޮތުން އަންގާރަ ދުވަހު އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު ހޯމަ ވިލޭރޭ 12:00 އިން ފެށިގެން ހޯމަ ދުވަހުގެ ހަވީރު 5:00 އާ ހަމަޔަށް ހުޅުވާލެވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

އެޕޮއިންޓްމަންޓް ހެއްދުމަށް، ކާޑު ނެގުމަށް އެދި 455 އަށް އެސްއެމްއެސް ކުރުމަށާއި،
އެޕޮއިންޓްމަންޓް ހަމަޖެހުމުން ކަސްޓަމަރުގެ މޮބައިލް ނަންބަރަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެސްއެމްއެސްއަކުން 'ޕަރމިޓް' ފޮނުވާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ކޯވިޑް-19 ބަލީގެ ނުރައްކާތެރިކަމަށް ހުށަހެޅޭ މިންވަރު ކުޑަކުރުމުގެ ގޮތުން އުމުރުން ދުވަސްވީ ބޭފުޅުންނަށާއި ކޯވިޑް-19 ގެ ނުރައްކާ ބޮޑު ކަސްޓަމަރުންނަށް ބޭންކުން ކާޑު ހަވާލުކުރުމަށްވަނީ ހަމަޖެހިފައެވެ. މިގޮތަށް ކާޑު ހަވާލުކުރުމަށް ބޭންކުގެ މުވައްޒަފުން ޒިޔާރަތްކުރާއިރު ކާޑު ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ގޭގެ ނުވަތަ އިމާރާތުގެ ތިރީ ބަޔަށެވެ.