ވިޔަފާރި

މިދިޔަމަހު އަތޮޅުތެރެއަށް 18592 ބަސްތާގެ ކާޑު ފޮނުވާފައިވޭ


މިދިޔަމަހު އަތޮޅުތެރެއަށް 18592 ބަސްތާގެ ކާޑު ފޮނުވާފައިވާކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

އެސްޓީއޯއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މޭމަހުގެތެރޭގައި އަތޮޅުތެރެއަށް ވަނީ 8408 ބަސްތާ ހަނޑޫ، 3792 ބަސްތާ ހަކުރު އަދި 6392 ބަސްތާ ފުށް ފޮނުވާފައެވެ. އަދި މޭމަހުގެތެރޭ މާލެ ސަރަޙައްދަށް 13786 ބަސްތާގެ ކާޑު ވަނީ ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ 6692 ބަސްތާ ހަނޑޫ، 2761 ބަސްތާ ހަކުރު އަދި 4333 ބަސްތާ ފުށެ ވަނީ ފޯރުކޮށްދީފައެވެ.

ޕީއެސްއެމް ނިއުސްގެ ކޯވިޑް-19ގެ ޙާއްސަ ލައިވް ޝޯވގައި ފޯން މެދުވެރިކޮށް ދެއްވި އިންޓަރވިއުއެއްގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެފައިވަނީ ކާޑުގެ އެއްވެސް ދަތިކަމެއް ނެތް ކަމަށާއި އެއްވެސް ކޮންޓްރޯލްއަކާއި ނުލާ ރަށްރަށަށް ބޭނުންވާ ވަރަށް ކާޑު ފޮނުވަމުންދާކަމަށެވެ. އެގޮތުން އެސްޓީއޯގެ ކާޑު އެޖެންޓުން މެދުވެރިކޮށް ރަށްރަށަށް ކާޑު ބޭނުންވާ ވަރު ދެނެގަނެ، ހުސްނުވާ ވަރަށް ކާޑު ފޯރުކޮށްދެމުންދާކަމަށް އަމްރު ވިދާޅުވެފައިވެއެވެ.

މާލެ ސިޓީ ފުރަބަންދަކަށް ދިޔުމާއި ގުޅިގެން އާއްމުންނަށް ބޭނުންވާ ކާޑުގެ ބާވްތަކަށް އެއްވެސް ދަތިކަމެއްނެތި ލިބޭނެ ގޮތް ހަމަޖެއްސުމަށް އެސްޓީއޯއިން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އިތުރު ކާޑު ގުދަނެއް ހުޅުމާލޭގައި ޤާއިމްކޮށް ރާއްޖެއަށް ގިނަ އަދަދަކަށް ކާޑު ގެނެސް ރައްކާކޮށްފައިވާކަމަށް އެކުންފުނިން ބުނެއެވެ.