ޚަބަރު

ކޯވިޑް-19: އިތުރު 35 މީހަކު ބަލިން ރަނގަޅުވެއްޖެ


ރާޢްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 35 މީހަކު ބަލިން ރަނގަޅުވެ، މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު 488އަށް އިތުރުވެއްޖެއެވެ.

ރާއްޖެއިން ކޯވިޑް-19އަށް މިހާތަނަށް އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ބިދޭސީން ނަމަވެސް ބަލިން ރަނގަޅުވެފައިވާ ގިނަ މީހުންނަކީ ދިވެހިންނެވެ. ބަލިން ރަނގަޅުވިކަމަށް ޑޮކްޓަރުން ނިންމަނީ ބަލިމީހާގެ އަލާމާތެއް ނުފެނި އޭނާގެ ގައިން ނަގާ ސާމްޕަލް ޑަބަލް ނުވަތަ ދެވަނަ ފަހަރަށް ނެގެޓިވްވުމުންނެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވާ މީހުންގެ ނިސްބަތް ދުވާލަކަށް 27 އިންސައްތައަށް އަރާފައިވާކަމަށް އެންއީއޯސީން ވަނީ ވިދާޅުވެފައެވެ. ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1829 އަރާފައެވެ. އަދި މި ބަލީގައި 6 މީހަކު ވަނީ މަރުވެފައެވެ.