ޚަބަރު

އެކި ރަށްރަށުން ސާމްޕަލްތައް އަންނަނީ ނަގަމުން


މިހާރު އެކި ރަށްރަށުގައި އެކްޓިވް ސަވައިލަންސް ސާމްޕަލްތައް މިހާރު ނަގަމުން އަންނަކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ސެންޓަރު ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުގައި އެކްޓިވް ސަވައިލަންސް ސާމްޕަލް ނަގަމުން އަންނަކަމަށެވެ. މިގޮތުން މިދިޔަ މަހުގެ 27 ވަނަދުވަހު ފުވައްމުލަކުން 100 ސާމްޕަލެއް، މިއަދު އުގޫފާރުން 60 ސާމްޕަލެއް ނަގާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ޅ ނައިފަރުންވެސް ސާމްޕަލްތަކެއް ނެގުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުގައި ޤާއިމުކޮށްފައިވާ ފްލޫ ކްލިނިކްތަކަށް 151 މީހަކު ދައްކާފައިވާކަމަށެވެ. އަދި މި ކްލިނިކްތަކަށް ދެއްކި މީހުންގެ ތެރެއިން 27 މީހެއްގެ ސާމްޕަލްވަނީ ނަގާފައެވެ.

ކަރަންޓީނު ފެސިލިޓީތަކަށް ބަލާއިރު މިވަގުތު 1390 މީހުން އެބަ ތިއްބެވެ. އެ ފެސިލީޓީތަކުން 14 ދުވަސް ހަމަވެ ދެ ފަހަރަށް ޓެސްޓްކުރުމަށްފަހު މިއަދު ވަނީ 41 މީހަކު ދުކޮށްލާފައެވެ. އަދި ދޫކޮށްލުމަށް 90 ވުރެ ގިނަ މީހުންގެ ސާމްޕަލް ނަގާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.