ޚަބަރު

ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ދައުލަތުން ކަށަވަރުކުރާނެ: ބަންޑާރަ ނާއިބު


ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި މީހުން ކަރަންޓީން ކުރުމަށް އަމިއްލަ ޢިމާރާތްތައް ދައުލަތުން ބަދަލުދޭގޮތަށް ބޭނުންކުރުމަކީ ދައުލަތަށް މުދާ ނެގުން ނޫންކަމަަށް ވިދާޅުވެ ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ދައުލަތުން ކަށަވަރުކުރާނެކަމުގެ ޔަޤީންކަން ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު ދެއްވައިފިއެވެ.

ބަންޑާރަ ނާއިބު މިހެން ވިދާޅުވެފައި ޢަމިއްލަ މީހުންގެ ޢިމާރާތްތައް މީހުންކަރަންޓީން ކުރުމަށް ދައުލަތަށް ނެގުމުގެ ބާރު ހެލްތު މިނިސްޓަރަށް ލިބިވަޑައިގަންނަވާގޮތަށް ޤަވައިދެއް އެކުލަވާލާ ޢާންމުކުރުމާއި ގުޅިގެން ޢާންމުންގެ ފަރާތުން ސުވާލު އުފައްދަމުންދާތީއެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ކުރެއްވި ޓްވީޓު

ބަންޑާރަ ނާއިބު ވަނީ އެމަނިކުފާނުގެ ޓްވީޓްގައި މިކަން ޤާނޫނު އަސާސީއާއި ޚިލާފުނުވާކަން ހާމަކޮށްދެއްވުމަށް ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުން އަމިއްލަ އިމާރާތް ހެލްތު މިނިސްޓަރގެ ޢަމުރަކަށް ދައުލަތަށް ނެގިދާނެކަމަށް ބުނާ މާއްދާވެސް ހިމަނުއްވާފައެވެ.

ބަންޑާރަ ނައިބު ވިދާޅުވީ، ވަކި ޢިމާރާތެއް ކަރަންޓީނު މަރުކަޒެއްގެ ގޮތުގައި ހެދުމުގެ ބާރު ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނުނުގެ ދަށުން ހެލްތު މިނިސްޓަރަށް ލިބިވަޑައިގަންނަވާކަމަށެވެ. އެއީ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިގެން ދިއުމުގެ ނުރައްކާ ކުރިމަތިވުމުންނާއި މީހުން އެކަހެރި ނުވަތަ ކަރަންޓީނުކުރުމަށް އެތަނެއް ކޮންމެހެންވެސް ބޭނުންނަމަ މިނިސްޓަރަށް ލިބިވަޑައިގަންނަވާ ބާރެއްކަމަށްވެސް ބަންޑާރަ ނާއިބު ވިދާޅުވިއެވެ.

ނަމަވެސް ހެލްތު މިނިސްޓަރުގެ އެ ނިންމެވުން ޤަބޫލުނުކުރެވޭނަމަ ޢިމާރާތެއް ޙަވާލުކުރަން ކޯޓަށް ޢަމުރުކުރެވޭނެކަމަށާއި، ޢިމާރާތެއް 1 އަހަރަށްވުރެ ދިގު މުއްދަތަކަށް ނުހިފެހެއްޓޭނެކަމަށްވެސް ބަންޑާރަ ނާއިބު ވިދާޅުވެފައިވެއެވެ. އަދި ޢިމާރާތް ބޭނުންކުރާ މުއްދަތަށް ބަލައި، އެފަދަ ތަނެއް ޢާންމުކޮށް ކުއްޔަށްދޭ އަގަށް ބަލައި، ވެރިފަރާތަށް ފައިސާ ލިބިދިނުން ޤާނޫނުން ލާޒިމުކުރާކަންވެސް ބަންޑާރަ ނާއިބު ވަނީ ފާހަގަކުރައްވާފައެވެ.

ވަކި ޢިމާރާތެއް ކޮންމެހެން ބޭނުންވެގެން ޤާނޫނުގައިވާ ގޮތަށް ވަކި މުއްދަތަކަށް،ފައިސާ ދައްކާ ގޮތަށް،ޢާންމު މަންފާއަކަށް ޢިމާރާތެއް ޙަވާލުކުރުމަކީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް ނޫންކަމަށާއި، ދައުލަތުން ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 40 ވަނަ މާއްދާގައި ބަޔަންކޮށްފައިވަނީ، މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަމަށެވެ. އަދި މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެވޭނެ އެއްޗެއް ނޫންކަމަށްވެސް ބުނެފައިވެއެވެ. އަދި ޢާންމުވެގެންވާ މަންފާއަކަށްޓަކައި، ޤާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތެއްގެމަތީން، އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ޙުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުންނެތި ދައުލަތަށް ނަގައިގެނެއް ނުވާނެކަމށްވެސް ޤާނޫނު އަސާސީގައި ބަޔަންކޮށްފައިވެއެވެ. އަދި މީހެއްގެ މުދަލެއް ދައުލަތަށް ނަގަންވާނީ ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް އެ މުދަލެއްގެ ވެރިފަރާތަށް ދިނުމަށްފަހުގައިކަމަށް ބުނެފައިވެއެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ޢާންމުކޮށްފައިވާ އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީން ކުރުމުގެ މަރުކަޒުތަކުގެ ޤަވާއިދުގައި ބުނެފައި ވަނީ ޞިއްޙީ ނުރައްކަލުގެ ކުއްލި ޙާލަތުގައި މީހުން ކަރަންޓީނުކުރުމަށް އަމިއްލަ ޢިމާރާތްތައް ބަދަލުދޭގޮތަށް ދައުލަތާއި ހަވާލުކުރަން އެންގުމުގެ ބާރު ހެލްތު މިނިސްޓަރަށް ލިބިވަޑައިގަންނަވާ ކަމަށެވެ.