ޚަބަރު

ކޯވިޑް ޕޮޒިޓިވްވެގެން އައިސޮލޭޝަނުގައި ހުރި ދިވެއްސަކު ނިޔާވެއްޖެ


ކޯވިޑް 19 ޖެހިގެން ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ. އުމުރުން 89 އަހަރުގެ މިމީހާއަކީ ހުޅުމާލެ އައިސޮލޭޝަން ފެސިލިޓީގައި ހުރި މީހެކެވެ.

މީ މިބަލީގައި ނިޔާވި 7 މީހާއެެވެ. އަދި ދިވެހި ހަތަރު ވަނަ މީހާއެވެ. ދެން ހިމެނެނީ ބަންގަލަދޭޝްގެ
3 ރައްޔިތުންނެވެ. މި ބަލީގައި ނިޔާވި ދިވެހިންގެ ތެރޭގައި މަޝްހޫރު ވިޔަފާރި ކުންފުނި އެމްއެޗްއޭގެ ވެރިޔާ، ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތްތެރިޔާ (ނ.ކ.ޝ.ޢ) ޙުސައިން ޢަބްދުﷲ (88 އަހަރު) އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު އާދަމް (83 އަހަރު) ހިމެނެއެވެ. އަދި 80 އަހަރުގެ ދިވެހި ފިރިހެނެއްވެސް މި ބަލީގައި ނިޔާވެފައެވެ.

މި ބަލީގައި އިއްޔެ ވަނީ 54 އަހަރުގެ ބަންގަލަދޭޝް ރައްޔިތަކުވެސް ނިޔާވެފައެވެ. އެ މީހާ ނިޔާވެފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށެވެ.

ކޯވިޑް-19 ޖެހިގެން ޓްރީޓޮޕް ހޮސްޕިޓަލްގައި މިހާރުވެސް 12 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

އެން.އީ.އޯ.ސީން އެންމެފަހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 1829 އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 1239 ބިދޭސީންނާއި 590 ދިވެހިންނެވެ. ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ތެރެއިން 488 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއީ މިބަލި ޖެހުނު މީހުންގެ އަދަދަށް ބަލާއިރު 26.68 އިންސައްތައެވެ.