ޚަބަރު

ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ވެހިކަލް ދުއްވޭނެ އަދަދުތަކެއް ކަނޑައަޅަނީ


މާލެސަރަހައްދާއި، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ވެހިކަލްތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޓްރާސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީގުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މާލެ ސަރަހައްދާއި އަތޮޅުތެރޭގެ އެކި ރަށްތަކުގައި ވެހިކަލް ކޮންޓްރޯލް ކުރުމަށް ނުވަތަ "ކޯޓާ" ސިސްޓަމެއް ގެންގުޅުމާއި ގުޅޭގޮތުން މިނިސްޓްރީގެ ވިސްނުން ސާފުކުރެއްވުމަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ، ކޯޓާ ސިސްޓަމެއްގެ ތެރެއިން ވެހިކަލް އެތެރެ ކުރުމަކީ މިނިސްޓްރީން ޕްލޭން ކުރަމުންދާ ކަމެއްކަމަށެވެ.

މިސަރުކާރު ވެރިކަމާއި ހަވަލުވިތާ މަދު ދުވަސްތަކެއްގެ ތެރޭގައި މިނިސްޓްރީން ވެހިކަލް ކޮންޓްރޯ ކުރުމާއި ބެހޭ ޚާއްސަ ކަރުދާހެއް ތައްޔާރުކޮށް ހުށަހަޅާފައިވާނެކަމަށް ނަހުލާ ވިދާޅުވިއެވެ. އެގޮތުން، ވަކި އަހަރުތަކެއް ވެފައިވާ އުޅަދުތަކާއި، ވެހިކަލްގެ ހާލަތަށް ބަލައި ނުދުއްވޭ ވަރުގެ އުޅަދުތަކުގެ ހުއްދަ ބާތިލްކުރުމަށް ޕްލޭން ކުރެވިފައިވާކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވިއެވެ.

"ސަރުކާރު އައިތާ މާގިނަދުވަސްތަކެއް ނުވަނީސް އަޅުގަނޑުމެންވާނެ، މިނިސްޓްރީން ވެހިކަލް ކޮންޓްރޯލް ކުރުމާއި ގުޅޭ ޕޭޕަރެއް ކެބިނެޓަށް ހުށަހަޅާފަ. އޭގައި އަޅުގަނޑުމެންވާނެ ވަކި އަހަރެއް ވެފައިވާ އުޅަދުތައް ހުއްދަ ބާތިލް ކުރުމާއި، މާލޭގައި ޓެކްސީތައް ކުރާ ގިނަ މީހުންނަކީ މީހުން އަތުން ލޯންނަގައިގެން ވަރަށް ހާލުގައި އާމްދަނީ ހޯދުމަށް އެމަސައްކަތް ކުރަމުންދާ މީހުން. ކުއްލިއަކަށް ވެހިކަލް ކޮންޓްރޯ ކުރަން ނިންމާ ނިންމުމަކުން އާމްދަނީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތް ހުއްޓިގެން ނުވާނެ" މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިކަމުގައިވެސް ދިމާވި އެންމެބޮޑު ގޮންޖެހުމަކީ ބޮޑެތި ލޯންތައް ނަގައިގެން ޓެކްސީގަނެ އޭގައިން މުޅި ދިރިއުޅުމުގެ ކަންކަން ބަލަހައްޓަމުންދާ ބޭފުޅުންގެ ވެހިކަލްތައް ކުއްލިއަކަށް ނަގައިފިނަމަ އެކަމުގެ ދަތިކަން އެއާއިލާތަކަށް ކުރާނެތީކަމަށާއި މިކަމުގައި މިނިސްޓްރީން އެބޭފުޅުންނަށްވެސް ދަތިނުވާނޭ ގޮތަކަށް ގިނަ ދުވަސްވީ އުޅަދުތައް އާކުރެވޭނެ ވިސްނުމެއް ގެންގުޅޭކަމަށެވެ.

"އަޅުގަނޑުމެން ވިސްނަން، ޓެކްސީ އެއް ނައްތާލާއިރު، ކުރީގެ އޮތް ރަޖިސްޓްރޭޝަންގައި އާއުޅަދެއް ގެނައުމަށް ލޯނެއްދެވޭނެ އިންތިޒާމެއް ހަމަޖައްސަން. ކުރިއަށް އޮތް ތަނުގައި ވިސްނުން އެބަހުރި މާލެއާއި، އަތޮޅުތެރޭގައި ވެހިކަލް ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ގާއިމްކުރަން. މިކަން ކުރެވޭނީ ވަކި އަހަރުތަކެއްވެފައިވާ އުޅަދުތައް ބޭނުންކުރުން ހުއްޓާލެވިގެން" މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މާލޭގައި ވެހިކަލްތައް ގިނަވެ ޕާކްނުކުރެވޭ މައްސަލަޔަކީވެސް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި މިކަމަށް ހައްލެއް ގެނައުމަށް ޕްލޭންކުރެވި ބަޖެޓް ކުރެވިފައިވާ ގިނަ މަސައްކަތްތަކެއްވެސް ކޯވިޑް19 އާއި ގުޅިގެން މަޑު ޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިމައްސަލަޔަކީ ޓްރާސްޕޯޓް މިނިސްޓްރީއާއި، ފުލުހުންނާއި، ސިޓީ ކައުންސިލާއި، ޕްލޭނިން މިނިސްޓްރީން ގުޅިގެން ހައްލު ގެންނަންޖެހޭ މަސައްކަތަކަށް ވުމުން، އެވުޒާރާތަކާއި ގުޅިގެންވެސް މިކަމުގައި މަސައްކަތްތަކެއް ކުރެވެމުންދާކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.